ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ މި ނުރައްކާތެރި ބައްޔާއި އެކު ރާއްޖޭގައި ވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވެއެވެ. ރާއްޖޭގައި މި ބަލީގައި 15 މީހުން މަރުވެފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދަ އަންނަނީ އިތުރުވަމުންނެވެ. އެކަމާއި ގުޅިގެން މިއަހަރުގެ އަލްހާ އީދު ދުވަސް އެހެނިހެން އަހަރުތަކާއި ވަރަށް ތަފާތު ވާނެއެވެ.
އިޖްތިމާއީ ގައިދުރުކަމާއި މާސްކް އެޅުން ފަރިތަކުރަމުން އަންނަ މި ދުވަސްވަރު ރާއްޖޭގެ އެކި ރަށްރަށުގައި ކޯޑި ކެނޑުމާއި މާލި ނެރުން ފަދަ ކުޅިވަރުތައް މިއަހަރު ކުރިއަށް ނުގެންދިއުން އެކަށީގެން ވެއެވެ. އަދި މާލޭ އާއި ހުޅުމާލޭގައި އީދު ދުވަހު އާއްމުން މަގު މަތިން ފެންނަ ފެން ކުޅި އަދި ކުލަ ޖެހުމުގެ ކުޅިވަރުތައްވެސް މެދުކެނޑުމަކަށް އައުން އެކަށީގެންވެއެވެ.
އެހެން އަހަރުތަކަކާއި އެއްފަދައިން މިއަހަރު ކުލަގަދަ ގޮތަކަށް އީދުގެ ކުޅިވަރުތަށް ކުރިއަށް ނުގެންދެވުމާއެކު އީދު ފާހަގަކުރަންޖެހޭނީ ވާޗުއަލްކޮށް ކޮށެވެ. މިއަހަރު މަގުމަތިން ކުލައިން ތެމިފައިވާ މޫނުތަކާއި ކޯޑީގެ ބަދަލުގައި ފެނިގެންދާނީ މާސްކް އަޅާފައިވާ މޫނުތަކެކެވެ. އީދު ނަމާދަށްފަހު މެޓައާއި ޗޮކްލެޓު ބެހުމުގެ ބަދަލުގައި ސެނިޓައިޒާ އެންމެންގެ އަތަށް އަޅައިދިނުމުގެ މަންޒަރުތައް ފެނިގެންދިއުން އެކަށީގެން ވެއެވެ.
ކޮވިޑާއި ގުޅިގެން އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރެވުނަސް ހުކުރު ކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރެވިގެން ދާނެއެވެ.
ހަމަމިއާއެކު ހައްޖުގެ އަޅުކަންވެސް މިއަހަރު ކުރިއަށް ގެންދިޔަ ގޮތް ތަފާތެ އެވެ. އެގޮތުން ކޮވިޑާއި ގުޅިގެން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. 2.5 މިލިއަނަށް ގާތްކުރާ ވަރަށް މީހުން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި މީހުން ބައިވެރިވެފައިވާއިރު މިއަހަރު އެ އަދަދު ވަނީ ގާތްގަނޑަކަށް 10،000 މީހުންނަށް މަދުކޮށްފަ އެވެ.
މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކޮށްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެފައިވާއިރު، މި ހުއްދަ ދޫކޮށްފައިވަނީ 160 ގައުމަކަށެވެ. ފުރުސަތު ދިން މީހުންގެ ތެރޭގައި ފަސް ދިވެއްސަކު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީގައި އުޅެމުން އައި މީހުންނެވެ.