ads
އަރަފާތުބިން
ހައްޖުވާނީ ކިހިނެއް؟
ހައްޖު ދުވަހަކީ މާތްވެގެންވާ އަދި މަތިވެރިވެގެންވާ ދުވަހެކެވެ. އެދުވަހަކީ ދުއާ އިޖާބަކުރައްވާ ދުވަހެކެވެ. އަދި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުހާނަހޫވަތަޢާލާ ފަހުރުވެވޮޑިގަންނަވާ ދުވަހެވެ. އެހެން ދުވަސްތަކުގެ މައްޗަށް ﷲ ސުބުހާނަހޫ ވަތައާލާ އެދުވަސް ވަނީ މާތްކުރައްވާފައެވެ. އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި އެކަލާންގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިއުމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަހެވެ.

ހިޖުރީ ކަލަންޑަރުން ޒުލްހިއްޖާ މަހު ނުވަ ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ހައްޖުވެރީންގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ބިމަށް އެންމެން އެއްވާ ދުވަހެވެ. އެބިމުގައި ތިބެ ހައްޖުގެ އަޅުކަމުގެ ހާއްސަ ދަރުސް އަޑުއަހައި އެދުވަހުގެ މެންދުރު ނަމާދު ޖަމާއަތުގައި ކުރުމެވެ.

ހައްޖާއި އުމްރާގެ އަޅުކަން ފެށެނީ އިހުރާމް ބަނުމަށްފަހު ކައުބާ ވަށައި ތަވާފު ކުރުމުންނެވެ. ކައުބާއަކީ 50 ފޫޓޫ އުސް ހަތަރެސްކަން ހަމަ ބިނާއެކެވެ. އެންމެ ފުރަތަމަ ކައުބާ ބިނާކުރެއްވީ އާދަމުގެފާނެވެ. އެއިގެ ފަހުން އިބްރާހިމްގެފާނެއެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިބެމެ މުސްލިމުން ނަމާދުކުރާއިރު ކުރިމަތިލާ ބިނާއެވެ. މިހާރު ކައުބާ ހުރީ މަސްޖިދުލް ހަރަމްގައެވެ.

އެއަށްފަހު ސައުޔު ކުރެއެވެ. ނުވަތަ ސަފާ ފަރުބަދައާއި އާއި މަރުވާ ފަރުބަދަ އާއި ދެމެދު ހިނގަނީއެވެ. އަސްލު ހައްޖުގެ އަޅުކަން ފެށެނީ ހައްޖުމަހުގެ 8 ވަނަ ދުވަހު މިނާއަށް ދިއުމުންނެވެ. އެއިގެ ކުރީގައި އެކުރަނީ އުމްރާގެ އަޅުކަމެވެ. މިނާގައި ރޭގަނޑު (ހައްޖުމަހުގެ 8 ވަނަ ދުވަހުގެ ރޭ) ހޭދަކުރުމަށް ފަހު ދެން އޮންނަނީ އަރަފާތަށް ދިއުމެވެ.

އަރަފާތަކީ ފަރުބަދައެކެވެ. އަރަފާތަށް ދިއުން ނިސްބަތް ވަނީ އެފަރުބަދަ ހިމެނޭ ސަރަހައްދަށް ދިއުމެވެ. އަރަފާތް ދުވަހުގެ މެންދުރު ވަގުތުގައި ހައްޖުގެ ޚުތުބާ އިއްވުން އޮވެއެވެ. އަދި އެއިގެ ފަހުގައި ޖަމާއަތުގައި މެންދުރު ނަމާދާއި އަސުރު ނަމާދު ޖަމްއުކޮށް ގަސްރު ކުރެއެވެ. އެއަށްފަހު އިރު އޮސެންދެން ތިބެނީ އަރަފާތުގައެވެ.

މިއަދުގެ (ނުވަވަނަ ޒުލްހިއްޖާ) ދުވަހުގެ އިރު އޮއްސުމުން ހައްޖުވެރިން ދާނީ މުޒުދަލިފާއަށެވެ. އެއަށްފަހު މިނާއަށް ދާނެއެވެ. ދާ މަގުމަތީގައި ބޮޑު ޖަމްރާއަށް އުކަން ހަތް ހިލަކޮޅު ހޮވާނެއެވެ.

ހައްޖު މަހުގެ 10 ވަނަ ދުވަހަކީ ހައްޖުވެރީންނަށް ގުރުބާން ގެ ދުވަހެވެ. ނުވަތަ ކަތިލުމުގެ ދުވަހެވެ. އެކަމަކުވެސް ހައްޖުވެރިންނަށް މިދުވަހުގެ އެންމެ ހާއްސަކަމަކީ މެންދުރުވުމުގެ ކުރިން ބޮޑު ޖަމްރާއަށް ހިލަ އުކުމެވެ. ގުރޫބާން ކުރުމުގެ ބައި އަންނަނީ އެއިގެ ފަހުންނެވެ. އެއަށް ހަދިޔު ކަތިލުމޭ ވެސް ކިޔައެވެ. އެއިގެ ފަހުން ފިރިހެންނުން ބޯބޭލުން ނުވަތަ ބޯކޮށުން އަދި އަންހެނުން ބޮލުގެ އިސްތަށިން އިންޗިއެއްހާ މިންވަރު ކެނޑުން އޮވެއެވެ.

މި ދުވަހުގެ ގުރުބާނަކީ، ﷲގެ އަމުރުފުޅަށް އިސްމާއީލުގެ ފާނު ގުރުބާން ކުރެއްވުމުގެ ބަދަލުގައި އިބްރާހިމްގެ ފާނުގެ ކަންބަޅި ބަކަރިއެއް ގުރުބާންކުރި ކުރެއްވުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ފަގީރުންނަށް ސަދަގާތް ކުރެވިގެން ދާ ދިއުމެކެވެ. ހައްޖުވެރިންގެ މި އަޅުކަމުގައި ބައިވެރިވުމުގެ ގޮތުން ހައްޖަށް ނުދާ މީހުން ވެސް އެމީހުންގެ އީދު ދުވަހު އުލުހިއްޔާ ކަތިލުންތައް ބާއްވައެވެ. މިދުވަހަކީ ބޮޑު އީދުގެ ފުރަތަމަ ދުވަހެވެ.

ހައްޖުމަހުގެ ދެން ޖެހިގެން އަންނަ އައްޔާމު ތަޝަރީގު ތިން ދުވަހު ވެސް ޖަމްރާތަކަށް ހިލަ އުކުން އޮވެއެވެ. އެގޮތުން ކުޑަ ޖަމްރާއަށާއި މެދު ޖަމްރާ އަދި ބޮޑު ޖަމްރާއަށް ހިލަ އުކައެވެ. މިކަމަކީ ޝައިތާނާގެ އުނދަގުލުން ސަލާމަތް ވުމަށް ކުރެވޭ ކަމެކެވެ. މިކަން ރަމްޒުވަނީ އިބްރާހިމުގެ ފާނު ﷲގެ އަމަރުފުޅާއި އެއްގޮތަށް ކަންތައް ކުރައެއްވުމުން ދުރުކުރުމުގެ ގޮތުން ޝައިތާނާ ވަސްވާސް ދިނުމަށް ކުރި މަސައްކަތުން ދުރުކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކެވެ.

އެއިގެ ފަހުން ހައްޖުގެ ތަވާފު ކުރެއެވެ. އަދި ބައެއް މީހުން މިނާގައި ރޭކުރުމަށް ފަހު އެނބުރި އައިސް ހައްޖުގެ ތަވާފު ކުރެއެވެ. ހައްޖުގެ އަޅުކަމުގެ ބައިތައް އަދާކޮށް ނިމުމުން ދެން އެންމެފަހުން ކުރަނީ ތަވާފުލް ވަދާއު އެވެ. ނުވަތަ ނިމުމުގެ ތަވާފެވެ. އެއާއެކު ހައްޖުގެ އަޅުކަން ނިމެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް