ads
ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިން-- ފޮޓޯ: ނަވާނަވައި
ބޮޑުފިނޮޅުން ބިދޭސީން ބާލައިފި
ބ. އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތްކުރާ އާރުއައިއެކްސްގެ ބިދޭސީ މުވައްޒަފުން މިއަދު އެރަށުން ބާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، އާރުއައިއެކްސް އިން ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ ބިދޭސީ މުވައްޒަފުންނަށް ހަ މަހުގެ މުސާރަ ނުދިން މައްސަލަ ހޫނުވެ، އެ ރަށުގައި ބިދޭސީން ވަނީ އިހުތިޖާޖުކޮށްފަ އެވެ. 

ބިދޭސީން ރަށުން ބޭލުމަށް އެ މަސައްކަތްކުރަން އާރުއައިއެކްސްއާ ހަވާލުކުރި ސީލް މޯލްޑިވްސް އިން އަންގާފައިވަނިކޮށް އެގޮތަށް އެކަން ނުކުރުމުން ކޯޓުގައި ވެސް ބިދޭސީން ބަލައިދިނުމުގެ އަމުރަކަށް އެކުންފުނިން އެދުނެވެ. އަދި ކޯޓުން އަމުރު ނެރެދިނުމުން ވެސް އާރުއައިއެކްސް އިން މުވައްޒަފުންނާއި ހަވާލުވާން ދެކޮޅު ހަދައި އެގޮތަށް އެކަންކޮށްފައެއް ނުވެ އެވެ. 

ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ، އިއްޔެ ބޮޑުފިނޮޅުން ފެނާއި ކަރަންޓު ކެނޑުނުއިރު އެތަނުގައި 179 ބިދޭސީން ތިއްބެވެ. ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަނުން މިއަދުގެ ވަގުތެއްގައި ވަނީ އެމީހުން އެރަށުން ބާލާފަ އެވެ.

އިމިގްރޭޝަނުގެ ހަވާލުގައި އެމީހުން ރަށުން ބާލާފައިވާއިރު ފުލުހުން އަންނަނީ އާރުއައިއެކްސްގެ މައްޗަށް ބޮޑު ތުހުމަތުތަކެއްކޮށް އެ މައްސަލަ ބަލަމުންނެވެ. 

އެގޮތުން އެ ކުންފުނީގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. 

އޭގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ އެ އޮތޯރިޓީން ބެލިބެލުމުން އެތަނުގައި ތިބި މުވައްޒަފުންނަށް މުސާރަދޭން ޖެހެނީ އާރުއައިއެކްސުން ކަމަށާއި އެހެންކަމުން މިއަދުގެ ނިޔަލަށް މުވައްޒަފުންނަށް މުސާރަދީ އެކަމުގެ ލިޔުން އެ އޮތޯރިޓީއަށް ހުށަހަޅަން އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް