ads
ނިމިދިޔަ ކުއާޓާގައި އިމާރާތްކުރުމުގެ ސިނާއަތަށްވެސް ބުރުއެރިި
ނިމިދިޔަ ކުއާޓާގައި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ 2020 ވަނަ އަހަރުގެ ކުއާޓަލީ ރިޕޯޓްގައި ވާގޮތުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް ވަނީ 61 އިންސައްތަ ދަށަށް ގޮސްފަ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅާބަލާ އިރު، 76 އިންސައްތައިގެ ދަށްވުމެއް ކަމަށް ރިޕޯޓްގައިވެ އެވެ. 

އެގޮތުން ދެވަނަ ކުއާޓާގައި އިމާރާތްކުރުމުގެ މަޝްރޫއުތަށް ލިބުނު މިންވަރުވެސް 16 އިންސައްތަ ދަށްވެފައިވާ ކަމަށާއި އޭގެން ދައްކައިދެނީ އިމާރާތްކުރުމުގެ ސިނާއަތަށް އައިސްފައިވާ ލޮޅުމުގެ ބޮޑުކަން ކަމަށް އެމްއެމްއޭ އިން ބުނެއެވެ. 

އިމާރަތްކުރުމުގެ ސިނާއަތުގެ ވަޒީފާތައް ވެސް ވަނީ މިދިޔަ ކުއާޓާގައި ދަށަށް ގޮސްފަ އެވެ. އެގޮތުން އެ ސިނާއަތުގެ މީހުންގެ ތެރެއިން 44 އިންސައްތަ މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކަ އެވެ. އެހެން ނަމަވެސް މުސާރަ އަށާއި ލޭބާ ކޯސްޓަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރެ އެވެ. 

އެމްއެމްއޭ އިން ބުނީ އެ ސިނާއަތުގެ އިންޕުޓް ޕްރިސް 33 އިންސައްތަ އިތުރުވެފައިވާ ކަމާށެވެ. 

އެހެން ނަމަވެސް ތިން ވަނަ ކުއާޓާގައި އިމާރާތްކުރުމުގެ ސިނާއަތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

މަރުކަޒީ ބޭންކުން ބުނީ ލޮކްޑައުންއަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއި ގުޅިގެން މިހާރު ހުއްޓިފައިވާ ސިނާއަތުގެ މަސައްކަތްތައް އަލުން ފެށިގެންދާނެތީ ތިން ވަނަ ކުއާޓާގައި އިމާރާތްކުރުމުގެ ވިޔަފާރިތައް އިތުރުވެ މަސައްކަތް ރަނގަޅުވާނެކަމަށް އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ވިޔަފާރިވެރިން ދެކޭކަމަށެވެ. 

އެގޮތުން އެމްއެމްއޭގެ ސާވޭގައި ބައިވެރިވި 45 އިންސައްތަ ވިޔަފާރިވެރިން، ތިން ވަނަ ކުއާޓާގައި އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރުވެގެން ދާނެ ކަމަށް ލަފާކޮށްފައި ވާއިރު، 26 އިންސައްތަ ވިޔަފާރިވެރިން ވަނީ އެ ކުއާޓާގައި ވެސް އިމާރާތްކުރުމުގެ މަސައްކަތްތައް ދާނީ ދަށަށް ކަމަށް ބުނެފަ އެވެ. 

އެމްއެމްއޭގެ ކުއާޓަލީ ރިޕޯޓުން ވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ވެސް ތިން ވަނަ ކުއާޓާގައި ދަށަށް ދާނެ ކަމަށް ލަފާކޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް