ads
ސިނގިރޭޓް ފޮށިތަކެއް--
ސިނގިރޭޓް ފޮއްޓެއްގެ އަގު ބޮޑުތަނުން އިތުރުވެއްޖެ
ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް އިއްޔެއިން ފެށިގެން އާ އިސްލާހަށް އަމަލުކުރަން ފެށުމާއި އެކު ސިނގިރޭޓު ފޮއްޓެއްގެ އަގު 100 ރުފިޔާއަށް ބޮޑުވެއްޖެއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގު ކުރެއްވުމާއި އެކު ގެނެވުނު އިސްލާހުތަކުގެ ތެރެއިން ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި 200 ޕަސެންޓް ނެގުމަށާއި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި އިއްޔެއިން ފެށިގެން 25 ޕަސަންޓް އިތުރަށް ނަގަން ހަމަޖެހިފައިވުމުން ރާއްޖޭގައި ސިނގިރޭޓް ވިއްކާ އަގަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

މިއިސްލާހާއި އެކު ސިނގިރޭޓްގެ އަގު ރާއްޖޭގެ ބާޒާރުގައި 100 ރުފިޔާއަށް މިހާރު ވަނީ ބޮޑު ކޮށްފައެވެ. ބައެއް ފިހާރަތަކުން 95 ރުފިޔާއަށް ވެސް ސިނގިރޭޓު ގަންނަން ލިބޭއިރު އާންމު އަގެއްގެ ގޮތުގައި އުޅޭނީ 95 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގައެވެ.

މި އިސްލާހުގެ ދަށުން ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުން ދުރުހެލިކުރުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިނެއް އިންސައްތަ،  އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ ދަށުން ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތް ފަންޑަށް ޖަމާކުރަންޖެހެ އެވެ.  

ރާއްޖެއިން ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް 500 މިލިއަނާ ގާތްކުރާ އަދަދަކައް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރާ އިރު 125 މިލިއަން ބިޑި އެތެރެ ކުރެވެއެވެ. އަދި ދުންފަތުގެ މި ބާވަތްތަކުން ޑިއުޓީގެ ގޮތުގައި 550 މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ އާމްދަނީއެއް ސަރުކާރަށް ކޮންމެ އަހަރަކު ލިބޭކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް