އެގޮތުން، ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ) އިން ވަނީ މިހާތަނަށް ގުނާފައިވާ ވޯޓު ކަރުދާސްތަކުގެ ނަތީޖާ އިން 72 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
ލަންކާގެ ހަބަރުތައް ބުނާ ގޮތުން 16 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓްރީވެ 71 އިންސައްތަ މީހުން ވޯޓުލާފައި ވާއިރު، ހަ މިލިއަން ވޯޓު ގުނައި 98 ގޮނޑިއެއްގެ ވަގުތީ ނަތިޖާ ވަނީ މިހާރު އިއުލާން ކޮށްފަ އެވެ.
ލަންކާގެ ޕާލަމެންޓްރީ އިންތިހާބު ރާޖަޕަކްސާގެ ޕާޓީން ކާމިޔާބު ކުރުމާ ގުޅިގެން އިންޑިއާ ގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ލަންކާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އެކަމަށް ޝުކުރު އަދާކުރައްވާ ބޮޑުވަޒީރު ރާޖަޕަކްސާ ވަނީ ކުރިއަށް އޮތްތާނގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބުގެ ކާމިޔާބުކުރުމާ ގުޅިގެން އެކު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބޮޑުވަޒީރު މަހެންދަ އަށް މަރުހަބާ ވިދާޅުވެފައި އެވެ. މިކަމަށް ޝުކުރު އަދާކޮށް، ބޮޑުވަޒީރު ރާޖަޕަކްސާ ވިދާޅުވެފައި ވަނީ ދެގައުމަށް ވެސް ފައިދާވާނެ ގިނަ މަސައްކަތްތަކެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ލަންކާގެ ޕާލިމެންޓަރީ އިންތިހާބުން މިހާތަނަށް ގުނާފައިވާ ވޯޓު ކަރުދާސްތަކުގެ ނަތީޖާ އަށް ބަލައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަ ކުރެއްވި ސަޖިތު ޕްރަމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓް (އެސްޖޭބީ) އެލަޔަންސަށް ކާމިޔާބު ކުރެވިފައި ވަނީ 23 ގޮޑި އެވެ. އަދި ޓަމިލް ދަރިކޮޅުގެ ރައްޔިތުން ތަމްސީލުކޮށްދޭ އައިޓީއޭކޭއިން މިހާތަނަށް ތިން ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަށް އަދި އެންމެ ގޮޑި އެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ލަންކާގެ 225 މެމްބަރުން ތިއްބަވާ ޕާލިމެންޓުން އަގުލަބިއްޔަތު ލިބޭނީ 150 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.