ads
ފުލުހުން ބޮޑުފިނޮޅުގައި-- ފޮޓޯ: ފުލުހުން
ބޮޑުފިނޮޅު މައްސަލާގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަ: ލޯކްރާފްޓް
ބޮޑުފިނޮޅު މައްސަލާގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަ ކަމަށާ އެކަންކަމާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އާރުއައިއެކްސް (ރިޒް) ކުންފުނީގެ ގާނޫނީ ވަކީލުން ބުނެފިއެވެ.

ރިޒް ކުންފުނީގެ ގާނޫނީ ޓީމު، ލޯކްރާފްޓް މިހެން ބުނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޕްރޮގްރާމް އޮފިސަރ ހޫދު އައްބާސް އަޙްމަދު "މީހާރު" ނޫހަށް ދީފައިވާ އިންޓަވިއުއަކާއި ގުޅިގެން ލޯ ކްރާފްޓް އިން ނެރުނު ނޫސްބަޔާނެއްގައެވެ.

ލޯކްރާފްޓްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމައްސަލައަކީ މިހާރުވެސް ކޯޓުގައި ހިނގަމުން ދާ މައްސަލައެއް ކަމަށާ 09 އޮގަސްޓް 2020 ގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގެ އަޑުއެހުމެއް ބާއްވާފައިވާ ކަމަށެވެ، ލޯކްރާފްޓް އިން ބުނީ  އެދުވަހު ބޭއްވި އަޑުއެހުމުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިކަމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާތީ ބަންޑާރަނައިބު އޮފީހުގެ ފަރާތުން އިތުރު ވަގުތު ބޭނުންވާކަމަށް އެދުވަހު އަޑުއެހުމަށް ވަޑައިގެންނެވި ބަންޑަރަނައިބުގެ އޮފީހުގެ ވަކީލު އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި ޝަރީޢަތުގެ ހިނގަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމަށްޓަކައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޕްރޮގްރާމް އޮފިސަރ ހޫދު އައްބާސް އަޙްމަދު ޙަޤީޤަތާ ޚިލާފަށް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާތީ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެފަރާތާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމުގައި ލޯކްރާފްޓުން ވަނީ ބުނެފައެވެ.

ލޯކްރާފްޓް އިން އިތުރަށް ބުނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް 21 ޖުލައި 2020 ގައި ސިޓީއެއް ފޮނުވާފައި ވާކަމަށާ، ބ.އަތޮޅު ބޮޑު ފިނޮޅުގައި ތިބި 198 ބިދޭސީންނާއި ދިވެހިން ހިމެނޭ ގޮތުން ޖުމްލަ 200 މަސައްކަތްތެރިންގެ ފަރާތުން 15 ޖުލައި 2020 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އަދި މި މައްސަލަ ހުށަހަޅާފައިވަނީ، އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ކަމުގައި ބަޔާންކޮށްފައިވާތީ، ވަޒީފާދިން ފަރާތް ކަނޑައެޅުމާއި، މުސާރަ ދޭން އެންގުންފަދަ ކަންކަން މިޙާލަތުގައި ނިންމޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން ކަމަށް ލޯކްރާފްޓް އިން ބުނެއެވެ.

އަދި ރިޒް ކުންފުނީގެ ޑިރެކްޓަރުންގެ ފަރާތުން އިތުރު ގޮތްތަކެއް މިވަގުތަށް ނިންމޭނެކަމަށް ޤަބޫލުނުރެވޭތީ އާއި ދެފަރާތުގެ ދެމެދުގައި އެމްޕްލޯޔަރ ކަނޑައެޅުމާއި މުސާރަ ދިނުމަށް އެންގުމާ ގުޅޭ ގޮތުން އުފެދިފައިވާ ޑިސްޕިއުޓާ ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެހެން ގޮތަކަށް ނިންމާ ނިންމުންތަކަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއްކަމަށްވެސް ލޯކްރާފްޓްއިން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

 ބޮޑު ފިނޮޅުގައި މަސައްކަތްކުރި މިދެންނެވުނު މަސައްކަތްތެރިންގެ ވަޒީފާދިން ފަރާތް ކަނޑައެޅުމާއި، މުސާރަ ދޭން އެންގުންފަދަ ކަންކަން ނިންމުމުގައި ދަޢުވާކުރާ ފަރާތް މިހިނދަށް ބައިވެރިވުމަކީ ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ކަމެއްނޫންކަމަށްވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މަސައްކަތްނުކުރުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް އިލްތިމާސްކުރާ ކަމަށްވެސް ލޯކްރާފްޓް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް