ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާ މުހައްމަދު-- ފޮޓޯ: ހެލްތު މިނިސްޓްރީ
ނިޝާމާ އާއި އަސްލަމް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލަތައް ބަލަން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިޝާމާ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް ނެރެން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓު ރިޕޯޓުން ފާހަގެވެފައިވާއިރު، އެކަންކަން ބެލުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ ޖުމްލަ 11 މުވައްޒަފަކު މިއަދު އޮތް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވާން އޮތީ އަންގާފަ އެވެ. 

ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ތަހުގީގީ އިދާރާތަކުން އެ މައްސަލަތައް ބަލަމުން ދާތީ ގާނޫނީ ވަކީލުންގެ ލަފާގެ މަތިން ނިޝާމާ އާއި އަސްލަމް އެ ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައިވާ މައުލޫމާތުން އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެ ދެ ބޭފުޅުންނަށް ކަމަށް ވާތީ، އެ ދެ ބޭފުޅުން ނެތި ބައްދަލުވުން ކުރިއަށް ގެންދަން ބައެއް މެމްބަރުން ދެކޮޅު ހެއްދެވި އެވެ. އެހެންކަމުން އެ ބޭފުޅުން ހާޒިރުކުރުމުގެ އަމުރެއް ނެރެން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މިނިސްޓްރީގެ 11 ބޭފުޅުން ހާޒިރުކޮށްގެން މާދަމާ މެންދުރު 02:00 ގައި ބައްދަލުވުން ކުރިއަށް ގެންދަން ކޮމިޓީގެ ތާއީދު ލިބުމާއެކު މިއަދުގެ ބައްދަލުވުން ވަނީ ކުރިއަށް ނުގެންގޮސް ނިންމާލާފަ އެވެ.

ދުބާއީގެ އެގްޒެކެޓިވް ޖެނެރަލް ޓްރޭޑިން އާއި ރާއްޖޭގެ މެޑްޓެކް އަދި ނާޑްއާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދާފައި ވަނީ ހެލްތު މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށް، ބީލަމަށް ނުލައި ކުންފުނިތައް ހޮވައިގެންނެވެ.

އޮޑިޓުން ހާމަވެފައިވާ ގޮތުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން އިންސާފުވެރިކަން ގެއްލި ވަކި ބަޔަކަށް ނާޖާއިޒު ފައިދާވާ ގޮތަށް ވަނީ އަމަލުކޮށްފަ އެވެ. ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް، އެއީ ދޮގެއް ކަމަށް ރިޕޯޓުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް