ads
މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު--
ޝިފާގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އަންގައިފި
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

39 މައްސަލައަކާއެކު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ޖުލައި މަހުގެ 16 ގައި ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ފަޒީނެވެ. 

އެ މައްސަލައިގައި މޭޔަރު ޝިފާ ޖަވާބުދާރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ ދިހަ ދުވަހުގެ މުއްދަތެއްދީފަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު ފަޒީން މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން އެލްޖީއޭ އިން އަންގާފައި ވަނީ މިއަދު މެންދުރުފަހު 15:00 ގައި ޖަވާބުދާރީވުމަށް އެޖެންޑާކޮށްފައިވަނިކޮށް އޭގެ ބައި ގަޑިއިރު ކުރިންނެވެ. 

ފަޒީން ވިދާޅުވީ އެލްޖީއޭއަށް އޭނާ މައްސަލަ ހުށަހެޅި ފަހުން މިމަހުގެ 25 ވަނަ ދުވަހު މޭޔަރު ފޮނުވި ސިޓީއަކާއި ގުޅިގެން އިންކުއަރީއެއް ކުރިއަށްދާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެލްޖީއޭ އިން އަންގާފައިވާ ކަމަށެވެ. 

ފަޒީން ވަނީ އޭނާ މައްސަލަ ހުށަހެޅި ފަހުން މޭޔަރު ފޮނުވި ސިޓީއެއް އެލްޖީއޭ އިން ބަލައިގަތީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދާފަ އެވެ. އަދި އެ ސިޓީއާއެކު ހެއްކެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް ފަޒީން ފާހަގަކުރެއްވި އެވެ.

އެ މައްސަލަ އެކި ގޮތްގޮތުން އެޖެންޑާކުރުމަށް ލަސްތަކެއް ކުރިކަމަށާއި އެގޮތުން އެފަދަ މައްސަލައެއް ވެއްދިދާނެތީ ވެސް ސުވާލު އުފެއްދެވި ކަމަށް މީގެ ކުރިން ފަޒީން ވިދާޅުވެފައިވެ އެވެ. އެގޮތުން ޝިފާ ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދިދާނެތޯ އެލްޖީއޭގެ ލަފާ ވެސް ހޯދާފައިކަން ފާހަގަކޮށް ފަޒީން ވިދާޅުވީ އެލްޖީއޭ އިން ވަނީ ގާނޫނާއި އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް އަންގާފައި ކަމަށެވެ. 

މާލޭ ސިޓީ ކައުންސިލުން ބޭއްވި 103 ވަނަ ޖަލްސާއަށް އެޖެންޑާކޮށް އެ މައްސަލަ ކުރިއަށް ގެންދިޔައިރު އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ. 

އެއީ މޭޔާ ޝިފާގެ އިތުރުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ. އެކަމަކު ޖަލްސާގައި ބައިވެރިވެވަޑައިގެން ބާކީ އަށް މެމްބަރުން ވެސް ވޯޓު ދެއްވާފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ފަޒީން ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ 39 މައްސަލައިގެ ތެރޭގައި ކައުންސިލަރުން މަސައްކަތްކުރާނެ ވަކި ތަނެއް ނެތް މައްސަލައާއި ކޮމިޓީން ފާސްކުރި ގޮތާއި ހިލާފަށް މާރުކޭޓްގެ ގޮޅިތައް ކުޑަކުރި މައްސަލައިގެ އިތުރުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކެއް ކަމަށެވެ. 

މީގެ ކުރިން ވެސް ފަޒީން ވަނީ ޝިފާއަށް ތުހުމަތުތަކެއް ކުރައްވާފައި ނަމަވެސް އެކަންކަން މޭޔަރު ޝިފާ ވަނީ ދޮގުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް