އެމްޓީވީ ޔޫކޭގެ ވެބްސައިޓުގައި އިއްޔެ އާއްމުކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކު ވެސް ނަގާ "ހޮޓަސްޓް ސަމާ ސުޕަސްޓާޒް" ވޯޓުގައި މި ފަހަރު ވެސް ކުރި ލިބިފައި ވަނީ ބީޓީއެސް އަށެވެ.
އެ ބޭންޑަށް ވަނީ 33،203،280 ވޯޓު ލިބިފަ އެވެ. ދެވަނައަށް ދިޔަ ކޮރެއާގެ ބޭންޑް ބްލެކްޕިންކަށް ލިބުނީ 3،248،886 ވޯޓެވެ.
"ހޮޓަސްޓް ސަމާ ސުޕަސްޓާޒް" ވޯޓަކީ މީގެ އަށް އަހަރު ކުރިން އެމްޓީވީން ތައާރަފު ކުރި އެއްޗެކެވެ. އޭގައި ފޭނުން ވޯޓު ދީގެން ހޮވަނީ ހޫނު މޫސުމުގެ އެންމެ މަގްބޫލު ތަރިންނެވެ.
ކުރިން އެ މަގާމު ލިބުނު މިއުޒިޝަނުންގެ ތެރޭގައި ވަން ޑައިރެކްޝަން، ފިފްތް ހާމޮނީ، ލޭޑީ ގާގާ އަދި ސެލީނާ ގޮމޭޒް ހިމެނެ އެވެ.
ވަން ޑައިރެކްޝަނުން އެ މަގާމު ތިން ފަހަރު ހޯދިއިރު، ބީޓީއެސް އިން މި ވަނީ ދެ ފަހަރު ހޯދާފަ އެވެ.