ads
ގައިޑްލައިންއާ ހިލާފަށް ހިންގި ފިހާރައެއް ބަންދުކޮށްފައި--
ނޯޓިސް ނައްޓާލާ ގަވާއިދާ ހިލާފަށް ހިންގާނަމަ ފަސް ދުވަހަށް ހިދުމަތް ނުދެވޭނެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އުސޫލުތަކާއި ހިލާފަށް ހިންގާ ތަންތަނުގައި ނޯޓިސް ހަރުކުރުމުން ނޯޓިސް ނައްޓާލާ ގަވާއިދާ ހިލާފަށް ހިންގާނަމަ އެތަނެއް ފަސް ދުވަހަށް ބަންދުކުރެވޭނެ ކަމަށް ހެޑް އޮޕް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ އިންސްޕެކްޓް ކުރަންދާ ޓީމުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނުހުންނަ ތަންތަން ބަންދުކުރުމަށް ފަހު އެނބުރި އައުމުން އެތަންތާ ތިބޭ ފަރާތްތަކުން ހަރުކޮށްފައިވާ ނޯޓިސް ނައްޓާލުމަށްފަހު އަނެއްކާ ހިދުމަތް ދޭކަން ފާހަގަކުރެވޭ ކަމަށެވެ.

ގަވާއިދާ ހިލާފުވާ ކެފޭ ފަދަ ތަންތަން ބަންދު ކުރުމަށްފަހު އެތަންތަނުގެ ބޭރުގައި ހަރުކުރާ ނޯޓިސް ނައްޓާލައި އެގޮތަށް ހިދުމަތްދޭ ފަރާތްތަކުން އެކަން ނަސޭހަތް ދިނުމަށްފަހު ވެސް ތަކުރާރު ކުރާނަމަ އިތުރު އެންގުމަކާއި ނުލައި އެފަދަ ތަންތަން ފަސް ދުވަހަށް ބަންދުކުރާނެ ކަމަށާއި އަދި އެތަން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

"ފުރަތަމަ ފަހަރަށް އެޓެންޑްވެ މިއިންނަނީ 48 ގަނޑިއިރަށް ބަންދުކުރުމަށް ފަހު 1000 ރުފިޔާގެ ޖޫރިމަނާ ކުރުން. އަދި ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެއްޔާ 72 ގަޑިއިރަށް ތަން ބަންދުކުރުމަށް ފަހު 1000 ރުފިޔާ ކުރެވޭނެ. އަދި ތިންވަނަ ފަހަރަށް މި އިންނަނީ ފަސް ދުވަހަށް ތަން ބަންދުކުރުމަށް ފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ނޯޓިސް ނައްޓާލާ ފަސް ދުވަހަށް ތަން ބަންދުކުރަނީ ދެ ފުރުސަތު ދިނުމަށް ފަހުގައި ކަމަށް ވުމުން ތިންވަނަ ފިޔަވަޅަކަށް ނުގޮސް އެކަން ހައްލުކުރުމުގެ އިހްތިޔާރު އޮތީ ރައްޔިތު މީހާގެ އަތުގައި ކަމަށެވެ. އެހެންވުމުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދޭކަމުގައި ވާނަމަ ތަނުގެ އިންތިޒާމްތައް ކަނޑައެޅިފައި ހުރުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފިޔަވަޅެއް އަޅަންޖެހޭ ގޮތަށް ކަންތަށް ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

ސަމީރު ވިދާޅުވީ ގަވާއިދާ ހިލާފަށް ހިދުމަތްދޭކަން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ކެފޭ ރެސްޓޯރަންޓްތަކުން ކަމަށާއި މިހާރު ރޭގަނޑު 9:30 ގެ ފަހުން ހިދުމަތް ދިނުން މަނާ ނަމަވެސް، ފުލުހުން އެތަންތަނަށް ވަދެ އަންގަންދެން ބައެއް ފަރާތްތަކުން ބަންދުނުކޮށް ތިބޭކަން ފާހަގަވެފައިވާކަން ސަމީރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް