އެންމެ ކުޑައިރުންސުރެ ވެސް ބާބީ ޑޯލްއަކަށް ވާން ބޭނުންވާ ލަކީއަނޯވާ ބަޮޑުވަމުންދިޔައީ މާ މުއްސަނދި ދިރިއުޅުމެއް ނޫންކަމުން އޭނާގެ މަންމަ އާއި ބައްޕަ އެތައް ތަނެއްގައި އެއްފަހަރާ މަސައްކަތްކޮށްގެން ހޯދާ ލާރިން ގަނެފައި ގެނެސްދޭ ބާބީ ޑޯލްއަކީ އޭނާގެ އެންމެ ފެވަރިޓް އެކައްޗެވެ. އިތުރު އެއްވެސް އެއްޗެއް ނުލިބުނަސް އޭރު އޭނާއަށް އެންމެ ރަނގަޅެވެ.
އެހެންނަމަވެސް އޭނާ ބޮޑުވަމުން އައިއިރު މަންމަ އާއި ބައްޕަ ލާރި ހޯދަން ކުރާ ބުރަ މަސައްކަތުން ވެސް ކިރިޔާ ކާލެވޭ ވަރު ލިބޭތީ އޭނަ ހިތުގައި އަޒުމް ކަނޑައެޅި އެއްކަމަކީ އޭނަގެ މަންމެން އުޅޭހެން އޭނާ ބޮޑުވެގެން ނޫޅުމަށެވެ. ފުރާ ފުރިހަމަ ވަމުން އައިއިރު ވަރަށް ކުޑައިރު މޮޑަލިންގެ ދާއިރާއަށް ނިކުތީވެސް އެހެންވެއެވެ. އެހެންނަމަވެސް މޮޑަލިންގެ ދާއިރާއަށް ނިކުތުމުން އޭނާ ބާބީ ޑޯލަކަށް ވާން ހުރި ޝައުގުވެރިކަން ވީ އިތުރުކަމަށް އޭނާ ބުނެއެވެ.
ރީތި ސިފަޔާއި ރީތި ބައްޓަމެއް ބޭނުންވެގެން އެތަށް ސާޖަރީއެއް ހަދާފައިވާ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއެވެ. އޭނާ ބުނަނީ އޭނާ ހެދީ އެންމެ ސާޖަރީއެއް ކަމަށެވެ. އުނަގަނޑުގެ ހިމަކަމާއި މޫނުމައްޗާއި ތުންފަތަށް ވެސް އެއްވެސް ބަދަލެއް ގެނެސް ސާޖަރީއެއް ހަދާފައި ނުވާނޭ ކަމަށް އޭނާ ބުނާއިރު ސޯޝަލް މީޑިއާގައި ދަނީ ލަކީއަނޯވާގެ ކުރީގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތަކާ އަޅާކިޔާ އޭނާ ސާޖަރީއެއް ކޮށްފައިވާ ކަމަށް ބުނަމުންނެވެ.
ލަކީއަނޯވާ ވަނީ ވަރަށް ފަހުން އޭނަގެ "ނޯ މޭކަޕް" ލުކްވެސް ދައްކާލާފައެވެ. އެއީ އަސްލުވެސް އޭނަ ހުންނަ ގޮތް ކަމަށް ބުނަމުން ދާތީ އާއި އެއްވެސް މޭކަޕެއް ނުކުރާ ކަމަށް ބުނާތީ އާއްމުން ދަނީ އެ ފޮޓޯތަަކަށް ވެސް ފާޑުކިޔަމުންނެވެ. އޭނާ އާއްމުކޮށްފައިވާ އެ ފޮޓޯގައި ވެސް އެޑިޓިން ކޮންމެވެސް ވަރަކަށް އެކުލެވޭ ކަމަށް އާއްމުން ބުނި ނަމަވެސް ލަކީއަނޯވާ ބުނަނީ އެއީ ހަމަ ގުދުރަތީ ގޮތުން އޭނަ ހުންނަ ގޮތް ކަމަށެވެ. އަދި މީހުންގެ ފާޑުކިއުންތަކަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ބުނެފައި ވެއެވެ.
ބާބީ ޑޯލްގެ ނަމުން މަޝްހޫރު ލަކީއަނޯވާ ގެ ހަށިގަނޑު އަދި މޫނުމަތިވެސް ބާބީ ޑޯލްއަކާއި ވަރަށް ވައްތަރެވެ. ހަބަރުތަށް ބުނާގޮތުން ބާބީ ޑޯލްއަކާއި ވައްތަރުވުމަށް އޭނަގެ ލޮލާއި ތުންފަތް އަދި އުނަގަނޑާއި ހަށިގަނޑުގެ އެހެންވެސް ތަންތަންވަނީ ސާޖަރީކޮށް ބަދަލުކޮށްފައެވެ.