އިއްޔެ އެ އޮޕަރޭޝަން ކުރިއިރު، ނ. އަތޮޅު ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކަށީގެ ހާއްސަ ކޭމްޕެއް ބާއްވާފަ އެވެ.
ނ. މަނަދޫގައި އޮތް ކޭމްޕުގައި މިސްރުގެ އޯތޮސާޖަން ޑރ. ގޫދާ މުސްތޮފާ ވަނީ 50 އަށް ވުރެ ގިނަ ބަލި މީހުން ބެލުމަށް ފަހު، އެ ދެ އޮޕަރޭޝަން ވެސް ކޮށްފަ އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަނެއް ކޮށްފައި ވާއިރު، ރާއްޖޭގެ އެންމެ ފުރަތަމަ ލެޓާ ޖޭ އޮޕަރޭޝަން ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ކޮށްފަ އެވެ.
އެ އޮޕަރޭޝަނަކީ ކޮނޑު ހުޅު ނެއްޓިފައިވާ މީހުންގެ ކުރާ އޮޕަރޭޝަނެކެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ކަށީގެ ޑރ. އަހުމަދު އާޒިމެވެ. އަދި ރާއްޖޭގައި ކުރެވުނު ފުރަތަމަ އެ އޮޕަރޭޝަން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރެވިގެން ދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ބުނެ އެވެ.
އޮޕަރޭޝަންކޮށްފައިވާ މީހާއަކީ އުމުރުން 70 އަހަރުގެ މީހެކެވެ. އެމީހާއަކީ 30 ފަހަރެއްގެ މަތިން ކޮނޑުހުޅު ނެއްޓިފައިވާ މީހެކެވެ. އޮޕަރޭޝަނަށް ފަހު ތިން މަސް ވަންދެން އެމީހާ، ޕިޒިއޮތެރަޕީ ވެސް ހަދަން ޖެހެ އެވެ.
ބިންދައިގެންދާ ކަށިތަކުގެ އޮޕަރޭޝަނާއި ހުޅު ބަދަލުކުރުން ފަދަ ކަށީގެ އޮޕަރޭޝަންތައް މީގެ ކުރިން ވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކޮށްފައިވެ އެވެ.