ads
އާ ސީޕްލޭން ޓާމިނަލްގެ އެގްޒެކެޓިވް ލައުންޖު ކުއްޔަށް ހިފާނެ ބަޔަކު ހޯދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލުގެ އެގްޒެކްޓިވް ލައުންޖްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެެވެ.

އެމްއޭސީއެލުން ކުރި އިއުލާނެއްގައި ބުނީ ލައުންޖް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުގެ 11:00 ގެ ކުރިން ސިޓީ ނުވަތަ މެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތައް އެމީހެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އީމެއިލް އާއި ގުޅޭނެ ފޯނު ނަމްބަރު ހިއްސާކުރަންވާނެ ކަމަށާއި އެގޮތުން އެމީހުން، ރަޖިސްޓާކޮށް ބީލަން ފޮތް އީމައިލް މެދުވެރިކޮށް ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެެ.

އޭގެ އިތުރުން އިއުލާނުގައި ބުނީ އެކަމަށް ކުރިމަތިލާ ފަރާތްތަކީ ސީޕްލޭން ނުވަތަ ޓުއާ ނުވަތަ ރިސޯޓު އޮޕަރޭޓްކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮކަރު ނުވަތަ އެ އަދަދާ އެކަށީގެންވާ ދިވެހި ރުފިޔާ ބަހައްތަން ޖެހޭނެ ކަމަށް ވެސް ބުނެ އެވެ.

ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށްދާ ފަރާތްތަކަށް ސައިޓް ވިޒިޓެއް މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެކަމަށް ވެސް ބުނެ އެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހެވެ.

އިއުލާނުގައި އިތުރަށް ބުނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށް ފަހު އެވޯޑްކުރާނީ އެ ކުންފުންޏަށް އެންމެ ފައިދާ ހުރި ބީލަމެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އެމްއޭސީއެލުން 848 މިލިއަން ރުފިޔާ (55 މިލިއަން ޑޮލަރު) ހޭދަކޮށްގެން ހެދި އާ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް ހަވާލުކުރަން އުޅުންކަމުގެ އަޑުތައް ގަދަވެ މީގެ ކުރިން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ. އަދި މަޖިލީހާއި އޭސީސީން ވެސް އެ މައްސަލަ ބެލި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް