ads
ފޮޓޯ: އަވަސް އޮންލައިން
މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ތައްޔާރުވަނީ!
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް އެ ނިންމުމަށް އަމަލު ކުރުން ލަސްވެގެން އުޅެނީ ޓޮބޭކޯ ބޯޑުން އަދި ފާސްނުވެގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
Advertisement
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ލަސްވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން ލަސްވަމުންދާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލް ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ. ސިޓީ ކައުންސިލްގެ މިނިންމުމަށް އަމަލުކުރުމަށް ހަމަސް ދުވަސް އޭރު ދީފައިވެ އެވެ. މުއްދަތު ހަމަވެގެން ދިޔައިރު މިއަދާ ހަމައަށް ވެސް މިނިންމުން ތަންފީޒުކޮށްފައެއް ނުވެ އެވެ.

މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފް ހުށަހެޅުއްވި މި ހުށަހެޅުން ފާސްކުރީ ކައުންސިލްގެ އެރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ. އެކަމަކު އެ ބައްދަލުވުމުގައި މާލޭގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ސީއެންއެމް އަށް މިއަދު މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މައްޗަށްގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު ވިދާޅުވީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުމަށްޓަކައި ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރު ތަންފީޒު ކުރުމަށްޓަކައި މިވަގުތު ކުރިއަށްދަނީ ޓޮބޭކޯ ބޯޑުން ފާސްކުރަންޖެހޭ ކަންކަން ފާސްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ސައިން ބޯޑުތައް ފަރުމާ ކުރުމުގެ މަސައްކަތާއި، ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދު ކަނޑައެޅުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ޓޮބޭކޯ ބޯޑުން ކުރަންޖެހޭ މަސައްކަތްތައް ނިމުނުހާ އަވަހަށް މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް ޖުރިމާނާ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނޭ ކަމަށެވެ. އަދި މިކަން ހުއްޓުވުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިހާރު ވެސް ޖޫރިމަނާ ކުރުމަށް ގާނޫނީ ހުރަހެއް ނެތެެވެ. ނަމަވެސް އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް ފާސްކޮށްފައިވާ ގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރާ ތަނެއް ނުފެނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ޖޫރިމަނާ ކުރުމުގެ ފުރުސަތު ވެސް ގާނޫނުގައި ދީފައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ގަވައިދެއް މީގެ ކުރިން ވަނީ ގެޒެޓްވެސް ކޮށްފަ އެވެ. އެ ގަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް