ads
ބީއެމްއެލް--
ބީއެމްއެލްގެ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ދަށްކޮށްފި
ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ދަށްކޮށްފި އެވެ.

އެގޮތުން މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދެއް ކަމުގައި 250 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. ބީއެމްއެލްއިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށެވެ.

އެ އަދަދުތައް ކަނޑައެޅިފައި ވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެކަންޏެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުން ކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށް ކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

އެގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމުން އެ އިންތިޒާމް ހަމަޖައްސަދޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެ ބަދަލާ ގުޅިގެން ބޭންކުގެ 95 އިންސައްތަ ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށާއި އެއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށެވެ. 

އެހެންނަމަވެސް ހާލަތު ބަދަލުވުމާއެކު ބޭންކުން އެ ނިންމުން ރުޖޫއު ކުރާނެ ކަމަށްވެސް ބުނެއެވެ.

ބީއެމްލްއިން ބުނީ ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މިވަގުތު ލިމިޓް ކުރަން މަޖުބޫރުވީ ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެ ކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަން ޖެހޭ ފައިސާއަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިވަނީ މިހާތަނަށް ދިވެހިރާއްޖޭގެ އިތުރުން ދުނިޔެވެސް ނުދެކޭ ފަދަ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ޑޮލަރު ލިކިއުޑިޓީ އަކީ
ދިމާވެފައިވާ ބޮޑު ގޮންޖެހުމަށް ވާއިރު، ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ އެވެ. ގައުމީ ބޭންކުގެ ގޮތުގައި މި ދަތި ހާލަތުގައި ވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ބީއެމްއެލްއިން ނެރުނު ބަޔާނުގައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިވެފަ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކުއިޑިޓީ އަށްވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފަ އެވެ. 

ދާދި ފަހުން އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމާފައިވާ ނިންމުމަކީ މިކަމަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ނިންމުމެއް ކަމުގައި ވިޔަސް، ޑޮލަރުގެ ލިކުއިޑިޓީ ދެމެހެއްޓުމަށްޓަކައި ވަނީ އިތުރު ފިޔަވަޅު އަޅަން ޖެހިފައެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑްއާ އެކު ޓޫރިޒަމް ހުއްޓުމާއި ގުޅިގެން މީގެ ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް 50 މިލިއަނެއްހާ ޑޮލަރު ލިބުނު ނަމަވެސް މިހާރު މަހެއްގެ މައްޗަށް ލިބެނީ ހަތަރު މިލިއަނެއްހާ ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް