ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރު ރާއްޖެ ހިންގައިދިޔައީ ހިތް އެދޭހާ ރަނގަޅަކަށެއް ނޫނެވެ. ގޯސްކޮށް ހިނގައިދިޔަ ކަންތައް އެހާ ގިނަ އެވެ. ނަތީޖާއަކަށްވީ އިވާން ނަސީމުގެ މަރުގެ ހާދިސާއަށް ފަހު ބޮޑު ބަދަލެއްގެ ކޮޅުމަތި ފެނުމެވެ. އާ ގާނޫނު އަސާސީއެއް އުފަންކުރުވި އެވެ. ޖަލުގައި ކުރަމުންދިޔަ އަނިޔާތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނަމުންދިޔަ އެވެ. އިއުތިރާފުގެ ބަޔާންތަކަށް ހުކުމް ކުރުން ނިމުމަކަށް އަންނަމުންދިޔަ އެވެ. އީވާންގެ މަރުގެ މައްސަަލައަކީ ރާއްޖެ ބަދަލުވާން ދިމާވި އެއް ހާދިސާކަމަށް ވިޔަސް ސުވާލަކީ އެ ހާދިސާއަށް ފަހު ރާއްޖެ ކަޑަތު މިކުރި 17ވަރަކަށް އަހަރު އަދި ހާއްސަކޮށް އާ ގާނޫނު އަސާސީގެ ހިޔަލުގައި ހޭދަކުރި 12 އަހަރު ރައްޔިތު މީހާއަށް ލިބުނީ ކޮން މަންފާއެއްތޯ އެވެ.
ހުރިހާކަމެއްގެ އަސްލަކީ އަދަލު އިންސާފު ނުލިބުންކަމީ އެންމެން ގަބޫލުކުރާނެ ހަގީގަތެކެވެ. އެ ދުވަހު ވެސް މިއަދު ވެސް އެންމެ ބާރަށް ދައްކާ އެއް ވާހަކައަކީ އަދުލު އިންސާފު ނުލިބޭ ވާހަކަ އެވެ. ކޯޓްތަކާ މެދު އުފައްދާ ސުވާލުގެ ވާހަކަ އެވެ. ގާޒީންނަށް އިތުބާރުނުކުރެވޭ ވާހަކަ އެވެ. މިނިވަން ޖުޑީޝަރީއެއް ހިނގަމުންދާކަމުގެ އިހްސާސް ނުވާ ވާހަކަ އެވެ. ހުރިހާ މާނައެއްގައި އަދަލު އިންސާފު ނުލިބޭ ނަމަ ދެންވާނެ ހަތަރުއެތި މިވަނީ ދިވެހިންނަށް ވަމުންނެވެ.
މިނިވަން ޖުޑީޝަރީއެއް ގާއިމް ކުރުމަކީ އާ ގާނޫނު އަސާސީގެ މައިގަނޑު އެންމެ ބޮޑު ތަސައްވަރުކަމަށް ވިޔަސް އާ ގާނޫނު އަސާސީން ތަސައްވަރު ކުރި މިނިވަން ޖުޑީޝަރީއަށްވީގޮތް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. ފުރަތަމަކަމަކަށް ސުޕްރިމް ކޯޓް އުފަން ކުރުވުމެވެ. އެކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމެވެ. ސުޕްރިމް ކޯޓަށް ފުރަތަމަ އައްޔަނުކުރީ އިންތިގާލީ މަރުހަލާގައި ފަނޑިޔާރުންނެވެ. އެ މަރުހަލާ ނިމިއްޖެކަމަށް ކަނޑައަޅައި އަމިއްލައަށް ފަނޑިޔާރުން ދާއިމީވީކަން އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެންގެވި ފަނޑިޔާރުން އަދި ވެސް އެބަ ތިއްބެވެ އެވެ.
އަމިއްލައަށް ދާއިމީވީކަމަށް ކަނޑައަޅައި އެކަން ރައީސަށް އެންގެވި ފަނޑިޔާރުން ހިމަނައިގެން ސުޕްރިމް ކޯޓަށް ދާއިމީ ފަނޑިޔާރުން އައްޔަނު ކުރަން ކުރި މަސައްކަތަކީ މިނިވަން ޖުޑީޝަރީއެއް ނުލިބޭނެކަން އެނގި ހާމަވި ދުވަހެކެވެ. އަމިއްލައަށް ދާއިމީވީކަމަށް ކަނޑައެޅި ފަނޑީޔާރުންނަކީ ރާއްޖޭގެ އަދަލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރުކަމަށްވާ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންކަމަށް އައްޔަނުކުރަން ޖެހުނު ހިސާބަކީ ރައްޔިތު މީހާ އަށް ހުރިހާ ވޭނަކާއި ހިތްދަތިކަމެއް ކުރިމަތިވި ދުވަހެވެ. މަސް ބަހާ އުސޫލުން ސިޔާސީ ވެރިން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަހާލީ އެވެ.
ރައީސް ނަޝީދު ބޭނުންފުޅުވި ބަޔަކާއި ރައީސް މައުމޫނު ބޭނުންުފުޅުވި ބަޔަކާ މިހެން ގޮސް އެ ދުވަހުގެ ސިޔާސީ ބާރުވެރިންގެ މެދުގައި ސުޕްރިމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗް ބަހާލީ އެވެ. އެ ބެންޗް ބަހާލި އިރު އަމިއްލައަށް ދާއިމީވީކަމަށް ކަނޑައެޅީ މީހުން ވެސް އެ ބެންޗަށް ގެންނަށް މަޖުބޫރުވީ އެވެ. ނުވަތަ ސިޔާސީ ވެރިންގެ މެދުގައިިވި އެއްބަސްވުމުގެ ދަށުން އެގޮތަށް އަމަލުކޮށް ނިންމާލީ އެވެ.
ސިޔާސީ ވެރިންގެ މެދުގައި ޑީލް ހަދާ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ގޮނޑިތައް ބަހާލުމުގެ ނަތީޖާއަކަށްވީ ގާނޫނު އަސާސީން ތަސައްވަރު ކުރި ސުޕްރިމް ކޯޓާ ދިވެހިންނާ ބައްދަލުނުވުމެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރުވީ ތަނާ އެ ވެރިކަން ނިމުމަކަށް އަތުވެއްޖެ އެވެ. އެހެން ވެރިކަމެއް އަތުވެއްޖެ އެވެ. ގޯހުން ގޯހަށް ކަންކަން ބަދަލުވި އެވެ. ގޯސްކޮށް ހިނގައި ދިޔަ ކަންކަމަށް އިންސާފެއް ނުލިބުނެވެ. ނަތީޖާއަކަށްވީ އިންސާފު ގާއިމް ނުވެދިއުމެވެ.
ހުރިހާ ކަމެއްގެ ނިމުން ނިމިގެންދިޔައީ އަދުލުވެރިކަން ނެތްކަމަށް ބުނާ އަޑު ގަދަވެ އެކަމުގެ ހިތި ކަރުގަ ލައިގެންނެވެ. އެންމެ ފަހުން ތިމާއަށް ލިބުނު ގޮނޑިއަށް ތިމާ ހުށަހެޅި މީހާގެ ހުކުމާއެކު ތިމާ ދާން ޖެހުނީ ޖަލުގޮޅިއަށެވެ. ނަތީޖާއަކަށްވީ މުޅި ގައުމު ހަލަބޮލިވެގެން ދިއުމެވެ. އިންސާފުގެ ކަންފުޅެއް ވެސް ނެތް ކަމަށް ބުނުމެވެ. ސިޔާސީ ވެރިން ހެދި ގޯސްތަކުން އެ މީހުންނަށް އަނިޔާ ލިބުމެވެ. އެންމެ ފަހުން ސިޔާސީ ވެރިން ސަލާމަތްވެ އެނބުރި އައިސް އެ ފަނޑިޔާރުންތައް ބޭރުކުރީ އެވެ. ސިޔާސީ ވެރިންނަށް މިިނިވަންކަން ލިބުނީ އެވެ.
ނަމަވެސް ރައްޔިތު މީހާއަށް ލިބުނު އިންސާފުކޮބައިތޯ އެވެ. އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ ނާ އިންސާފާ ކުރިމަތިވުމެވެ. ބޮޑެތި މީހުންނަށް ބޮޑު އިންސާފު ކުޑަ މީހުންނަށް ކުޑަ އިންސާފު ލިބުމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ހިނގައިދިޔަ ކަންތައްތަކެވެ. މިއަދު ވެސް އެ މަގަށް ކަންކަން ނުދޭތޯ މިނިވަން ގްރޫޕަކުން ބަލާ އިންސާފުކޮށްލުން ރަނގަޅެވެ. އާ ގާނޫނު އަސާސީން ތަސައްވަރު ކުރި އިންސާފާއި ހަމަހަމަ ދިރިއުޅުމާއި މިިނިވަންކަން ކޮބައިތޯ އަމިއްލައަށް ވިސްނާލަ ބަލާށެވެ. ލިބޭއާ އާމްދަނީއެއް ހޭދަ ކުރަނީ ކުލި ދައްކާށެވެ. އިޖުތިމާއީ އަދާލަތު ކޮބައިތޯ އެވެ. ހަމަހަމަކަމާއި އިންސާފު ކޮބައިތޯ އެވެ.
އެހުރިހާ އެއްޗެއް ސިޔާސީ ބޮޑުންނަށް މިއަދު ވެސް ލިބޭނޭކަން ވަރަށް ޔަގީނެވެ. ފާޑުފާޑުގެ ޑީލްތަކުންނާއި އެ މީހުންގެ ބާރުވެރިކަމުންނެވެ. ނަމަވެސް 17 އަހަރުކުރިން ވެސް އަދި އިއްޔެ ވެސް އަދި މިއަދު ވެސް ދެއްކި އިންސާފުވެރި މުޖުތަމައު ކޮބައިތޯ އެވެ. ރައްޔިތު މީހާއަށް ލިބޭ އިންސާފާއި ހަމަހަމަކަމާއި އިޖުތިމާއީ އަދާލަތު ކޮބައިތޯ އެވެ. މިވަރުން ވެސް ހަމަ ދައްކަންވީ އަނިޔާ ކުރި ވާހަކަތޯ އެވެ. އެ ވާހަކަ ދައްކާ އެ ވާހަކައިން އިބްރަތް ލިބިގަނެ ރައްޔިތުންނަށް ހަމަ ނޭވާލައިގެން އުޅެވޭނެ މުޖުތަމައެއް ބިނާކުރަން ސިޔާސީ ވެރިން އުޅޭނީ ކޮން ދުވަހަކުން ތޯ އެވެ.