
ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަދުވަހު ރިޓަޔާކުރައްވަން ނިންމަވާފައި ވާތީއެވެ.
އަބްދު ﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ މިދިޔަ 11 ޖޫންގަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ބުނެ އެ ދެ ފަނޑިޔާރުން ވަކިކުރުމަށްފަހު ހުސްވި ޖާގައަށެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ހުއްދަ ޖޭއެސްސީ އިން ދީނީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ފަނޑިޔާރު މުއުތަސިމް ރިޓަޔާވުމަށް ހުށަހެޅުއްވި ހުށަހެޅުމަށް ޖޭއެސްސީން ހުއްދަދިނުމާއެކު، އެމަނިކުފާނަށް އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް ޝަރަފްވެރިކަމާއެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އަދި ރަސްމީކޮށް މަސައްކަތަށް ދެން ނިކުމެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެކަންޏެވެ. މުއުތަސިމް އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގައެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ މުއުތަސިމްކަމެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ދިމާވެފައިވަނިކޮށެވެ.