ޓްވީޓާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަފީރު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ނުދެއްކޭ ހާލަތުަގއި ބަދަލުގެ ގޮތުގައި ރަށްތައް ނަގާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދިފަހުން ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި، ޗައިނާގެ ސަފީރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެ ގައުމަށް ވެސް ފައިދާވާނޭ ގޮތަށް ގާއިމުވެފައިވާ އޮންނަ ގުޅުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ތެރެއިން ވަކި ގައުމެއްގެ ފައިދާއަށް ނުވަތަ ނުފޫޒުން ކަންކަން ނިންމަން މަސައްކަތް ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ވިދާޅުވީ ޗައިނާގެ ދަރަނީގެ ދަންތުރަ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ ހިޔާލީ ވާހަކައެއް ކަމަށާއި، އެކަން ބޭނުންކުރަނީ ސިޔާސީ ގޮތުން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ދެ ގައުމުގެ ގުޅުން ހީނަރުކުރުމަށް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ޗައިނާގެ ސަފީރު ވަނީ މިފަދަ ވީޑިއޯ އެއް ޓްވިޓާގައި އާއްމު ކުރައްވާފައެވެ. އެފަހަރުގެ ވާހަކައިގައި ސަފީރު ވިދާޅުވެފައިވަނީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ދެއްކުން ފަސްކުރުމާއި ގުޅިގެން މަޝްވަރާތައް ފެށިފައިވާ ކަމަށާއި އެގޮތުން ގިނަ ލޯނުތައް ނަގާފައި ވަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.