ads
އަދުރޭ--
ބުނީ ފައިސާ ނުލިބެޔޭ! ބައްލަވައިގަތީ ލަގްޒަރީ އެޕާޓްމެންޓް!
"އަޅުގަނޑުމެންގެ ޕާޓީއަކަށް ނުލިބޭ [ހިޔާނާތުގެ ފައިސާ]. އަޅުގަނޑުމެން ނެތިން އެކަން ދޮގުކޮށް ބަޔާން ނެރޭކަށެއް." މިއީ މިދާކަށް ދުވަހު ބަންދު ކޮޓަރިއެއްގެ ތެރެއަށް އެއްވެ ތިބި ކުދިންކޮޅެއް ދެއްކި ވާހަކަ އެކެވެ. މިވާހަކަ ދައްކަން ޖެހުނު ސަބަބު ތޯ އެވެ.

މި ވާހަކައެއް މި ކުދިންތަކެއް ދައްކަން ޖެހުނީ، މިކުދިންގެ އަތުން އިރެއްގައި ކޭކު ލައްވައިދީ ފަހުން ބުރަކަށީ އަޅާ އަނގަވަތަށް ވައްޓާލި ފަރާތަކުން މި އެންމެން ވެގެން ހިންގި ބޮޑު ޖަރީމާގެ ވާހަކަ ދައްކަން ފެށީމަ އެވެ. 

ވެރިކަމުގެ އާރާއި ބާރުގައި އޮތް އިރު ރައްޔިތުންގެ ފައިސާ "ބަނޑުއަޅާލަން" ކުރި މޮޅު ޕްލޭންގެ ވާހަކަ ކިޔައިދިނީ ޝަރީއަތުގެ މަޖިލީހުގަ އެވެ. ބުނި ކަމަށްވަނީ "އެ ސްކޭމް"ގެ ތެރެއިން އޭރުގެ މަޖިލީހުގެ މެމްބަރުންނަށް ހަރަދުކޮށް މަޖިލީހުގައި ނެގި ވޯޓްތަކަށް ނުފޫޒު ފޯރުވި ވާހަކަ އެވެ. "އެ ސްކޭމް"ގެ ތެރެއިން ސިޔާސީ ޕާޓީތަކަށް، ކުރީގެ ރައީސުންނަށް ހަރަދު ކުރި ވާހަކަ އެވެ. މި އެންމެން ވެގެން ރައްޔިތުންގެ މުދާ ކަހާލި ގޮތެވެ. 

މި ދެއްކި ވާހަކަތަކާ އެކަންކަމުގެ ހަގީގަތާ މިކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެހެން ނަމަވެސް އޭރު ހިނގާ ދިޔަ ކަންކަމުން، ރައްޔިތުންގެ ލޮލަށް ފެނުނު ބައެއް މަންޒަރުތަކުން ޝަރީއަތުގައި ދެއްކި ވާހަަކައަށް ބަރޯސާވެވެން އޮތްލެއް ބޮޑީއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މި ކުދިން އައި އިރު މާލޭގައި މި ކުދިންގެ ނަމުގައި އޮތް ގޯއްޗެއް، އެޕާޓްމެންޓެއް އެންމެ ކުޑަމިނުން ކާރެއް ވެސް ނެތެވެ. އަމިއްލަ ނަމުގައި މަސްދޯނި ފަހަރާއި ފިހާރައާއި ކެފޭ ރެސްޓޯރަންޓްގެ ވާހަކައަކީ އެހެންކަމުން އަދި މާދުރުގެ ވާހަކަ އެކެވެ. މުސާރައާ އިނާޔަތްތަކާއި އެކު މެމްބަރެއްގެ މުސާރައަކީ މަހެއްގެ މައްޗަށް އެންމެ ގިނަ ވެގެން 82،000 ރުފިޔާ ކަމަށް ބަލާ އަދި ދެ ދައުރު މަޖިލީހުގައި ހޭދަކުރި ކަމަށްބަލާ "ހިސާބު" ޖެހިނަމަވެސް، މި ކުދިން އެ މުއްދަތުގައި ކުޅަ ހަރަދުތަކާ ލިބޭނެ އާމްދަނީއާ ނުބައްދަލުކަން އެއީ އޮޅުވާލެވެން ނެތް ހަގީގަތެވެ. 

އިރެއްގައި ދެގަނޑު ޓިނަށްވެސް ހަރަދު ނުކުރެވުނުއިރު، މެމްބަރުގެ ގޮތުގައި ހުރެލާފައި ދެ ދައުރު ހަމަނުވަނީސް ލަގްޒަރީ ދެ އެޕާޓްމެންޓް ގަނެލީ، ކައި ނިންމާފައި ވައެއްލާހާ ފަސޭހަކަމާ އެކު އެވެ. ދެ ލަގްޒަރީ އެޕާޓްމެންޓަށް 9 މިލިއަން އެއްވެސް ޖެހިލުމެއްނެތި ހަރަދު ކޮށްލުމަށް ފަސޭހަ ވި ގޮތެއް ވެސް ދެނެވޮޑިގެންވަނީ ހަމަ ހެއްދެވި ފަރާތެވެ. 

ބައްލަވައިގެންނެވި ކަމަށްބުނާ ކާރާ، ރާއްޖެއިން ބޭރުން އަމިއްލަ ކުރެއްވި ކަމަށްބުނާ އެޕާޓްމެންޓަކާ ފެއްޓެވި ކަމަށް ބުނާ ވިޔަފާރި އާ މިހިރަ ކަންކަމަކީ ހައްތަހާވެސް ރަށުތެރޭގައި އެކަންކަމުގެ ވާހަކަ ދައްކާފައި ހުރި ކަންކަމެވެ. 

މި ހުރިހާ ކަމަކީވެސް ޗޮކްލެޓު ބަންދުކޮށްދީ، ހިތާނީ ޕާޓީގައި ބޮކިފަތި ދަމައިދީގެން ލިބުނު އެއްޗެއްތޯ އެވެ؟ ނުވަތަ އަޑި ނޭންގޭ ގޮތެއްގައި ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވެ "ސިޔާސީ" ޓެގު އެޅުވިގެން ތިބީތީ ލިބުނު އެއްޗެއްތޯ އެވެ؟

"މަށެއް ނޫން، މަށެއް ނޫން" ގޮވުމުގެ ބޭނުމެއް ދެން ނެތެވެ! "ސިޔާސީ ވާހަކަ"އޭ ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ފައިދާއެއް އަދި އަމުދުން ނެތެވެ! މައި މުގޫ އޮތް ތަނަށް ގަހުގެ އެންމެ ކުދި ގޮފިތަކަށް ދާންދެން ލެވިގެން ނޫނީ ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބޭކަށް ނެތެވެ!

83%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް