ads
ނިހާން--
ނިހާނުގެ ވާހަކަތަކަކީ ރައްޔިތުން ބަލައިގަންނަ ވާހަކަތަކެއް ނޫން: ޖޭޕީގެ ކައުންސިލް މެމްބަރު
ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ހުރި ކުރީގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަ ދައްކާ ވާހަކަތައް ދިވެހި ރައްޔިތުން މިހާރު ބަލައިނުގަންނާނެ ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު (ބޮކި ސައީދު) ވިދާޅުވެއްޖެ އެވެ.
Advertisement

މަސްތުގެ ހާލުގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ މީހާއާ ގުޅޭގޮތުން ނިހާން އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެފައިވަނީ ދީނަށް ފުރައްސާރަ ކުރި މީހާ ދުވަހަކުވެސް ރާއްޖެ ނާދެވޭނެހެން ޑިޕޯޓް ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި މިފަދަކަން ކަން ތަކުރާރު ވުމުގެ ކުރިން ތިނެއް ޑިސެމްބަރު 2011 ގައި ބޭއްވި ފަދަ އެއްވުމަކަށް ދިވެހިން ތައްޔާރުވާން ޖެހޭ ކަމަށެވެ. 

ނިހާންގެ މި ވާހަކަތަކާއި ގުޅިގެން ސައީދު ސީއެންއެމްއަށް ވިދާޅުވީ އެ ޕާޓީގެ ކައުންސިލުން އެފަދަ ނިންމުމެއް ނުނިންމާ ކަމަށެވެ. އަދި ޖޭޕީ އޮތީ ސަރުކާރު ކޯލިޝަންގައި ސަރުކާރަށް ފުރިހަަމަ ތާއީދާއި އެކު ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ނިހާން ފަދަ ވަކި ފަރުދަކު ނިކުމެ ދައްކާ ވާހަކައަކަށް ދިވެހި ރައްޔިތުން މަގުތަކަށް ނިކުންނަން ނުޖެހޭނެ ކަމަށެވެ. އަދި ނިހާންގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ސައީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ސައީދު ވިދާޅުވީ ނިހާނުގެ ވާހަކަތަކަކީ ރައްޔިތުން މިހާރު ބަލައިގަންނަ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ވެސް ނޫން ކަމަށެވެ. 

"ނިމުނު ވެރިކަމުގެ ކަންތައް ކޮށްފައި ހުރި ގޮތުން ނިހާން މެން އެ ދައްކާ ވާހަކައަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ކަމަށް ދިވެހިން ގަބޫލެއް ނުކުރާނެ."

މީގެ އިތުރުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް މި ކަމާއި ގުޅިގެން ސީއެންއެމްއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ނިހާން ދައްކެވި ވާހަކަތަކަކީ އޭނާގެ އަމިއްލަ ވިސްނުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ޖޭޕީ އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށްވެސް ވިދާޅުވި އެވެ. 

"ތިކަމުގައި އިތުރަށް ދައްކާނެ ވާހަކަ އެއް ނެތް. ޖޭޕީ އޮތީ ސަރުކާރާއި އެކު. މިއީ ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއް." އަލީ ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ސީއެންއެމްއަށް މައުލޫމާތު ދިން ޖޭޕީގެ އިސް ކައުންސިލް މެމްބަރަކު ވިދާޅުވީ ނިހާންގެ ވާހަކަތަކަކީ އެއްވެސް ވަރަަކަށް ބަލައިގަންނަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޖޭޕީ އޮތީ ސަރުކާރާ އެކު ކަމަށާއި، އެޕާޓީން ދޭންޖެހޭ އެއްބާރުލުން ސަރުކާރަށް ދޭނެ ކަމަށް ވިދާޅުވި އެވެ. 

56%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް