ads
ޑރ. ޖަމީލް--
އަމީން މަގާމުން ވަކިނުކުރާތީ ޖަމީލް ފާޑުވިދާޅުވެއްޖެ
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމުން ވެސް މިނިސްޓަރުކަމުން އަމީން ދުރުނުކުރައްވާތީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން މިއީ ބޮޑު ސަމާސާއެއް ކަމަށާއި އެގޮތުން ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރުވެސް އެނގިނުލައްވާ، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ކެމްޕެއިންގައި ވިދާޅުވަމުންދިޔަ ކަމަށެވެ. 

އަދި އެ ކުށަކީ ތަހުގީގު ކުރެވި ދައުވާ އުފުލިޔަސް ލަދުގަނެ، ވަޒީފާ ގެއްލޭވަރުގެ ކަމެއް ނޫންކަން ފާހަގަކުރައްވާ ޖަމީލް ވަނީ އެއީ އެންމެ "ތާހިރު" ގޮތްތޯ ސުވާލު އުފައްދަވާފަ އެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައި ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާކަމަށް ފެންމަތިވެގެންދިޔައީ ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތައް އޮޑިޓް އޮފީހުން އޮޑިޓްކުރުމުންނެވެ. 

އެ މައްސަލަ ދިރާސާކުރުމަށް ފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް އެވެ. 

ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. 

އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ. 

އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީހާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަހުގީގުކުރުމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް