ads
ކަޅުއޮއްދުންމީގެ ނަމޫނާއެއް-- ފޮޓޯ: ސަން
ބޮޑުތަކުރުފާނުގެ ޖިހާދު: އިބުރަތުން ފުރިގެންވާ ތާރީހީ ފިލާވަޅެއް!
ބާރުވެރި ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުގެ މައްޗަށް އަތްގަދަ ކުރަމުން ދިޔަ ދުވަސްވަރު ގަދަފަދަ ޕޯޗުގީޒުންގެ ކަޅި ހިންގަމުން ދިޔަ ކުޑަކުޑަ ރާއްޖެއަށެވެ. އަހަރުތަކަކަށް ފަހު 1558 ވަނަ އަހަރު އެމީހުންގެ މަސައްކަތް ކާމިޔާބު ކުރީ ރަސްގެފާނު އަލީ ހަވަނަ ޝަހީދުކުރެއްވުމަށް ފަހު އެވެ.
Advertisement

އެކަމަކު ޕޯޗުގީޒުންނަށް ވެސް އެމީހުންގެ ވަކިތައް ރާއްޖޭގައި ހިއްޕާލައިގެންނެއް ނުތިބެވުނެވެ. ރާއްޖެއަށް ވެރިވެގަތްތާ 15 ވަރަކަށް އަހަރު ފަހުން 1573 ގައި އެމީހުން މި ފަސްގަނޑުން ފައްސާލީ ދިވެހިންގެ ގައުމީ ބަތަލު، ބޮޑު ތަކުރުފާނު ނުވަތަ މުހައްމަދު ތަކުރުފާނުގެ ހިންމަތްތެރި މަސައްކަތުންނެވެ. 

ތާރީހީ ލިޔުންތަކުގައިވާ ގޮތުން ނަމަ ރަސްކަން ފޭރިގަތުމަށް ވުރެ ބޮޑަށް ދިވެހިން ރުޅި ގަދަވީ މާތްވެގެންވާ އިސްލާމްދީން ރާއްޖެއިން ފޮހެލުމަށް ޕޯޗުގީޒުން ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ. ގަދަކަމުން ކަރަށް ރާ އެޅުމާއި، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމާއި، ނަމާދުކޮށް ހަދާ ނަމަ އަނިޔާ ކުރުމަކީ އެމީހުން އާދަ އެވެ. 

your image1500 ގެ އަހަރުތަކުގައި ހެދި ރާއްޖޭގެ މެޕެއް--

ޕޯޗުގީޒުންގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅައިގެން ދިޔަ ވަގުތު ގައުމާއި ދީނަށްޓަކައި ފުރާނަ ގުރުބާން ކުރުމުގެ އަޒުމުގައި ނިކުންނެވީ އުތީމު ބޮޑު ތަކުރުފާނެވެ. އެމަނިކުފާނުގެ ކުޑަ ލަޝްކަރުގައި ދެން ތިއްބެވީ ބޭބޭފުޅު އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަން ތަކުރުފާނާއި، އަލީ ހާޖީ އާއި ހަސަން ހާޖީ އަދި އަލީ ދަންޑަހެލެވެ. 

ބޮޑު ތަކުރުފާނުގެ ލަޝްކަރުން އެ މަސައްކަތަށް ބެންނެވީ މަޝްހޫރު ކަޅުއޮއްފުންމި އެވެ. ކަޅުއޮއްފުންމީގައި ރާއްޖޭގެ އަތޮޅުތަކަށް ކުރި ދަތުރުގައި އެ ބޭފުޅުން ގެންގުޅުއްވި ހަނގުރާމައިގެ ސްޓްރެޓެޖީ އަކީ އިނގިރޭސި ބަހުން ނަމަ "ގެރިއްލާ ވޯފެއާ" ސްޓެރެޓެޖީ ކަހަލަ އުކުޅެކެވެ.

އެއީ އިދިކޮޅު މީހުންނަށް ނޭނގި ތިއްބާ ކުއްލިއަކަށް ހަމަލާ ދޭ އުކުޅެކެވެ. އެގޮތުގެ މަތިން ބޮޑު ތަކުރުފާނާއި އެ ފަސް ބޭފުޅުން ކަޅުއޮއްފުންމީގައި ދަތުރުކޮށް، ރޭގަނޑު ވުމުން ސިއްރިއްޔާތުގައި ރަށްރަށަށް އަރަނީ އެވެ. ރަށްރަށުގައި އުޅޭ ޕޯޗުގީޒުންގެ ދުވަސް ދުއްވާލުމަށް ފަހު، ރަށް ނުފެންނަ ހިސާބަށް އަނެއްކާ ވެސް ދަނީ އެވެ.

your imageކަޅުއޮއްފުންމީގެ ކުރެހުމެއް-- ފޮޓޯ: ހަވީރު

މިގޮތަށް އެތައް ރަށަކުން ޕޯޗުގީޒުން ހުސްކުރި ފަހުން އަލީ ތަކުރުފާނު ޝަހީދުވީ 1572 ވަނަ އަހަރުގައި ކަމަށް ވެއެވެ. ދެން ބޮޑުތަކުރުފާނު އެހީތެރިކަން ހޯއްދެވީ ކަންނަނޫރު އަލީ ރާޖާގެ އަރިހުން ކަމަށް ވެއެވެ. ހަނގުރާމައަށް ބޭނުންވާ ސާމާނާއި ލަޝްކަރަކާއެކު އައިއިރު ބޮޑު ތަކުރުފާނަށް ލިބުނީ އިތުރު ހިތްވަރެކެވެ.

އެއީ ދިވެހިންގެ ގިނަ ބަޔަކު އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ޕޯޗުގީޒުންނާ ދެކޮޅަށް ނިކުންނަން ރާވަމުން ދާކަމުގެ ހަބަރު ލިބުމުންނެވެ. އެ ތަކުރުފާނުގެ ޖިހާދުގައި އިތުރު ލަސް ކުރުމެއް ނެތި، އެންމެ ފުރަތަމަ އައި ރޭ މާލެ އެރި އެވެ. އޭރު ޕޯޗުގީޒުންގެ ވެރިޔަކަށް ރާއްޖޭގައި ހުރި އަނދިރިއަނދިރިންގެ ހަމަ އެ ރެއިން އެ ރެއަށް މަރާލި އެވެ.

ޕޯޗުގީޒުންގެ މައްޗަށް ގައުމީ ކާމިޔާބު ހޯދި އެ ދުވަހަކީ ޖުލައި 2 1573 ކަމަށް ވެއެވެ. އެއީ މީލާދީ ގޮތުން ނަމަ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވަހެވެ. ދިވެހިންގެ ގައުމީ ދުވަހުގެ ގޮތުގައި އެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަމުން ދަނީ ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ހިތްވަރުގަދަ ކުޑަ ލަޝްކަރުގެ އިސްނެންގެވުމުގެ ސަބަބުން ލިބުނު ނަސްރު ފާހަގަ ކުރުމަށެވެ.

your imageއުތީމު ގަނޑުވަރު-- ފޮޓޯ: ފެއާމޮންޓް މޯލްޑިވްސް

އެއަށްފަހު ރާއްޖޭގެ ރަސްކަމާއި ބޮޑު ތަކުރުފާނު ހަވާލުވެ ވަޑައިގެން 11 އަހަރަށް ވުރެ ގިނަ ދުވަހު ތަހުތުގައި އިންނެވި އެވެ. ބޮޑު ތަކުރުފާނު އަވަހާރަވެ ވަޑައިގެންނެވީ 1585 ވަނަ އަހަރު އެވެ. ފަސްދާނުލެވިފައި ވަނީ މާލެ ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތިތެރޭގައި ކަމަށް ވެއެވެ.

ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ހަނގުރާމައިގެ ޒިކުރާ އާ ކުރުމަށް މި ދުވަސް ފާހަގަކުރަމުން ދާއިރު، އެ ހަނދާންތަކުން މިއަދުގެ ޒުވާނުންނާއި ކުދިންނަށް އެތައް އިބުރަތެއް ލިބިގެން ވެއެވެ. ދީނާއި ގައުމު ދިފާއު ކުރުމުގެ ރޫހުގައި ކިތައްމެ ކުޑަ ގައުމަކަށް ވެސް ފުރިހަމަ ނަސްރެއް ހޯދޭނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ތާރީހުން ލިއްބައިދެ އެވެ.

56%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް