ads
ހއ. ބާރަށް--
ގަވާއިދާ ހިލާފަށް ރުއްގަސް ނެގުމުން ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ދެއްކުމަށް ބާރަށު ކައުންސިލަށް އަންގައިފި
ހއ. ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާ ބޭރުކޮށްފައި ވާތީ އެ ރަށު ކައުންސިލްގެ އިދާރާ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އުފުރާ، ރަށުން ރުއްގަސް ބޭރުކޮށްފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ އެ ރަށުން ރުއްގަސް ކަނޑާ ބޭރުކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރުމެއް ނެތި ނަގަން ޖެހޭ ހުއްދަތައް ވެސް ނުނަގާ ކަމަށެވެ. އެހެންކަމުން އެ ރަށު ކައުންސިލް ވަނީ 191،250 ރުފިޔާއިން (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ޖޫރިމަނާކޮށްފަ އެވެ. 

ޖޫރިމަނާކޮށްފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ. ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް