އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އަތުން ގިނަ އަދަދަކަށް ފައިސާ ހޭދަވީއިރު ވެސް ކޯސް ނިންމަން ބުނި ތާރީހަށް ނިންމިފައި ނުވުމުގެ އިތުރުން އެކަމުގައި އެ ދަރިވަރުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ބަޔަކު ނެތުމެވެ.
މި މަހު ކުރީކޮޅު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އެ ކުދިންގެ ޝަކުވާތަކަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެ މިނިސްޓްރީން އިއްޔެ ފްލައިން ސްކޫލު ދަރިވަރުންގެ ޔޫނިއަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެތަނުގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ލޯނު ވެސް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
"މިގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އެކެޑަމީގައި ކިޔަވާ 96 ދަރިވަރުންނަށް ވެސް ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ކޯސް ނިމޭ ތާރީހަކުން ފެށިގެން ހަ މަސް ދުވަހަށް އިތުރު ކުރުމަށް މިނިސްޓްރީން ނިންމިކަން ދަރިވަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އެ ސިޓީގައި ވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްކު ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓް ކުރާ އެ ސްކޫލުގެ ކަންކަމުގެ މައުލޫމާތު ސާފު ކުރަމުންދާ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރިން ވަނީ ކަންބޮޑުވުންތަކުގެ ވާހަކަ މީގެ ކުރިން ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ ދަރިވަރުން ބުނެ އެވެ.
ސްކޫލް ހިންގަމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާއިރު ސްކޫލަށް ވަންނަ ކޮންމެ އާ ބެޗަކަށް ފީ ސްޓްރަކްޗާ ވެސް ބޮޑުވަމުން އަންނަ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ.
ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.
އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.