އެ ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި، ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބިދިނުމާއެކު، ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަހުގީގު ހިންގުމާއި، ޝަރީއަތް ހިންގުމުގައި ވެސް ކުޑަކުދިންނާ ރައްޓެހި އަދި އެ ކުދިންނަށް ފަހުމްވާނެ ގޮތްތަކަށް ކަންތައްތައް އިންތިޒާމްކުރުމާއި، ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުސޫލުތަކެއް ގާއިމްކުރުމަށް މަގުފަހިކުރުމާއި، އެކަށީގެންވާ އަވަސް ގޮތެއްގައި ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތުތަކުގެ ތަހުގީގާއި، ދައުވާކުރުމާއި ޝަރީއަތުގެ މަރުހަލާތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުން ހިމެނެއެވެ.
އަދި ޖިނާއީ އަދުލުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، އެ ކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތެއްގެ މަތިން އަމަލުކުރުމުގެ އިތުރުން އެ ކުދިންގެ އިސްލާހީ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމާއި، އެ މަސައްކަތުގައި މުއައްސަސާތަކުގެ މެދުގައި އެއް ތަސައްވުރެއް އޮތުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކުރުން މި ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ގަވާއިދު ހިނގާނީ، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް، އިންސާފުވެރި އަދަބުދީ، އިސްލާހުކޮށް، މުޖުތަމައަށް އަނބުރާ ގެނައުމުގެ ދާއިރާގެ ތެރޭގަ އެވެ.
އެ ގަވާއިދު ބުނާގޮތުން ކުޑަކުދިން ކުރާ ކުށްތަކާބެހޭ މައްސަލަތައް ނިންމުން އަވަސްކުރުމަށް، މައްސަލަ ތަހުގީގު ކުރާ ފަރާތުންނާއި، ދައުވާކުރާ ފަރާތުންނާއި އަދި ޝަރީއަތް ކުރާ ފަރާތުން އިސްކަން ދޭންވާނެ އެވެ
އަދި އެކުދިންގެ މައުލޫމާތު ތަހުގީގީ އެއްވެސް މަރުހަލާއެއްގައި، މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކުން ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެކަމަށާއި އެއިން އެއްވެސް މަރުހަލާއެއްގައި ނޫސްވެރިންނާއި ރިޕޯޓަރުންނާއި ފޮޓޯގްރާފަރުންނާއި އާންމުން ބައިވެރިކޮށްގެންވެސް ނުވާނެކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން ކުރާ ކުށުގެ މައްސަލަތަކާ ގުޅިގެން، އެއްވެސް މުއައްސަސާއަކުން، އެ ކުދިންގެ ކުށުގެ ރެކޯޑު، ތިންވަނަ ފަރާތަކަށް ހާމަކުރުންވެސް އެ ގަވާއިދުގެ ދަށުން ވަނީ މަނާ ކޮށްފައެވެ.
އެ ގަވާއިދުގައި ވާގޮތުން ކުއްޖާގެ އުމުރުން 15 ފަނަރަ އަހަރު ފުރިހަމަވުމާ ހަމަޔަށް ކުޑަކުދިން ކުރާ ކުށްކުށުގެ ޖިނާއީ މަސްއޫލިއްޔަތު އެ ކުއްޖަކު އުފުލާކަށެއް ނުޖެހޭނެކަަމަށާއި އުމުރުން 18 އަހަރު ފުރިހަމަވުމާ ހަމަޔަށް އެ ކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ، އެ ކުއްޖެއްގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާކަމަށް ބަޔާން ކޮށްފައިވެއެވެ. އެހެންނަމަވެސް 18 އަހަރު ފުރިފައިނުވާ ކުއްޖެއް ކަމުގައި ވިޔަސް، ވަޒީފާއެއްގައި އުޅޭ ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ކުއްޖެއް ނަމަ، އެ ކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެ ކުއްޖެކެވެ.
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގު ކުރާނީ، އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައި، ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަކޮށްފައިވާ އަދި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ދެ ޖިންސުގެ ފުލުހުންކަމަށް ބުނެފައިވާއިރު ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަހުގީގުގެ ހުރިހާ މަރުހަލާތަކެއްގައި މަސައްކަތް ކުރަންވާނީ ޔުނިފޯމު ނާޅާ ފުލުހުންކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށް ބަންދުކުރަން ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކުޑަކުއްޖަކު ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެކަމަށާއި ބަންދުކުރިނަމަވެސް ކުއްޖާއަށް ތައުލީމް ދިނުމުގެ ކަންކަން ފުރިހަމަ ކޮށްދެންޖެހޭނެކަމަށްވެސް މިއަދު އާއްމުކުރި ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގިނަ އުސޫލުތަކެއް ބަޔާންކުރާ އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.