
ބޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ނެހާ ކައްކަރަކީ ވަރަށް "އިމޯޝަނަލް" މީހެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތުން މީހަކު ބުނާ އެއްޗަކުން ވެސް ނުވަތަ ފެންނަ މަންޒަރަކުން ވެސް ނެހާ ވަރަށް އަވަހަށް ރޯން ފަށާ މަންޒަރު ފެނިގެންދެ އެވެ.
ކުއްލި ގޮތަކަށް ދެމީހުން ކައިވެނި ކުރަން ނިންމުމުން އެއީ ދޮގެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އޭގެ ފަހުން އެމީހުންގެ ކައިވެނީގެ ކާޑުވެސް ލީކްވެފައި ވާއިރު ރިޕޯޓްތައް ބުނާ ގޮތުން ދެމީހުން ކައިވެނި ކުރާ ގޮތަށް އޮތީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
ހަލްދީ ރަސްމިއްޔާތު--
ނެހާގެ ހަލްދީ ރަސްމިއްތާތު މިހާރު ބާއްވާފައިވާއިރު އޭގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއެކު ރޯހަން ވަނީ އޭނަގެ ހިތުގެ ޝުއޫރުތައް އިންސްޓަގްރާމުގައި ބަންޑުން ކޮށްލާފަ އެވެ.
އެގޮތުން ރޯހަން ބުނެފައި ވަނީ ނެހާއާ އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން އޭނާގެ އުފާވެރިކަން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ އިތުރުވަމުން ކަމަށެވެ. އަދި ދެމީހުންގެ ރޯކާ ރަސްމިއްޔާތު އޮތް ދުވަހު އޭނާގެ އެންމެ ރީތި ހުވަފެން ހަގީގަތަކަށް ވީ ކަމުގެ އިހްސާސް ކުރެވުނު ކަމަށް ބުނެފައި ވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތައް ވެސް އުފަލުން ނެހާއާއެކު ހޭދަކުރަން ބޭނުންވާ ކަމަށާއި ނެހާގެ ހުރިހާ ހިތާމަތައް ފޮހެލާ ބަދަލުގައި ދުނިޔޭގައިވާ ހުރިހާ އުފަލެއް ހޯދަދޭން ވައުދުވާ ކަމަށް ރޯހަން ބުނެފައި ވެއެވެ.
އިންސްޓަގުރާމްގައި ހިއްސާކޮށްފައިވާ އެ ފޮޓޯތަކުން ފެންނަނީ ކަރުދާހުން ހަދާފައިވާ ހިތެއް ދެމީހުން ހިފައިގެން ތިއްބަ އެވެ. އަދި އޭގައި "ވިލް ޔޫ މެރީ މީ" ޖަހާފައި ވެއެވެ.
ނެހާގެ އިންސްޓާގައި ވެސް ވަނީ އެ ފޮޓޯތައް ޝެއާކޮށްފަ އެވެ. އެ ފޮޓޯތަކާއިއެކު ނެހާ ބުނެފައި ވަނީ އެއީ ރޯހަން އޭނައަށް ޕްރޮޕޯސް ކުރި ދުވަސް ކަމަށެވެ. އަދި ރޯހަންއާއިއެކު ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް އައިސްފައިވާ ކަމަށް ލިޔެފައި ވެއެވެ.
އެ ދެމީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުއެރީ ޗައްލާ ނަމަކަށް ކިޔާ ލަވައެއްގެ ވީޑިއޯކޮޅެއް އިންސްޓަގްރާމަށް ހިއްސާކުރުމާއެކު އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ރައްޓެހިވީ މި ލޮކްޑައުންގެ ތެރޭގަ އެވެ. އަދި ރައްޓެހިވެގެން މާ ގިނަ ދުވަހު އުޅެން ބޭނުން ނުވާތީ ކައިވެނިކުރަން ނިންމީ އެވެ.
ފޮޓޯ: އިންސްޓާ
ނެހާ މީހަކާ ކައިވެނިކުރަން ނިންމިއިރު އޭނާ ރޯހަންއާ ރައްޓެހިވުމުގެ ކުރިން އުޅުނީ އެކްޓަރު ހިމާންޝް ކޯލީއާ ރައްޓެހިވެގެންނެވެ.
ބޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ގުޅުމަކީ 2018 ވަނަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވުނު ގުޅުމެކެވެ. ދެ ތަރިން ވަރަށް ލޯބިން ގުޅިގެން އުޅުމަށް ފަހު ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ވަކިވި މަންޒަރެވެ.
އޭގެ ފަހުން ނެހާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. ހިމާންޝްއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހިތާމަވެރި ޕޯސްޓްތައް ކުރި އެވެ. މިހާރު އެހެން މީހަކާއި އޭނާ ކައިވެނިކުރަން އުޅޭއިރު ބެލެވެނީ އެ ހިތްދަތި ހަނދާންތައް ފޮހެލާ ކުރިއަށް ދިއުމަށް ނެހާ ނިންމީ ކަމަށެވެ.