ads
ރަސްފަންނު ސަރަހައްދު--
މަލޭގައި ޒުވާނުން ހިތްހަމަ ޖައްސާލަން ގޮސް ތިބެވޭނެ މަރުކަޒެއް ގާއިމުކުރުމަށް މަޖިލީހަށް ހުށަހަޅައިފި
މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ލަތީފް ހުށަހަޅުއްވާފައިވާ އެ ގަރާރުގައިވަނީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށާއި މާލޭގައި އޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތައް އެބަހުރިކަމަށެވެ. އެހެންކަމުން ހާސްކަމުން އެކަހެރިވެލެވޭނޭ ގޮތްތަކެއް ހޯދާދޭން ޖެހިފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. 

ގަރާރުގައި ވަނީ ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ހާއްސަ ތަންތަނަށް އިންތިހާއަށް ބޭނުންވާކަމަށް ބުނެފައެވެ. އަދި ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް ވަނީ އިންތިހާއަށް ބޭނުންވެފަކަމަށެވެ. 

ގަރާރުގައި ވަނީ ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހަލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފަވާކަން ފާހަގަކުރައްވާ، ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާހިލާފު ކުޅަދާނަ ފަންނާނުން ތިބިކަމަށް ބުނެފައެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިބިކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭނެކަމަށް ބުނެފައިވެެއެވެ. އަދި  ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމުކަމަށާއި އެޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑުކަމަަށް ބުނެފައިވެއެވެ. 

"އެ ޒުވާނުންގެ އެ އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމުގައިވީ ހިނދު، ގައުމެއްގެ ގައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް އުންސުރަކީ އެ ގައުމެއްގެ ތަގާފަތް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަންކަން މިއަދު ވަނީ ނެތި ދިއުމުގެ މަގުމަތީގަކަމަށް ބުނެފައިވެއެވެ. ދިވެހީންގެ ތަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެކެވެ.” 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް