ދިރާގުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 586.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 546.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ތިންވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 158.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ ކުއާޓަރުގައި 129.6 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.
ދިރާގުން ތިންވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުގެ ގޮތުގައި 298.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، 272.1 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބު އަޅާ ކިޔާއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދިރާގަށް 685.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 586.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ 98.5 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
އަދި ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 203.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 158.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ 44.5 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
ތިންވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅުވާން ފެށުމުން ކަމަށާއި، އަދި ދެވަނަ ކުއާޓަރުގައި ނުހިނގި ބައެއް މަޝްރޫއުތައްވެސް މިހާރު ނިމިފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.