ads
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު--
ފުލުހުންގެ މަސައްކަތާ މެދު ބޮޑެތި ސުވާލުތަކެއް!
ފުލުހުންގެ މޮޓޯ "ޓު ޕްރޮޓެކްޓް އެންޑް ސާވް" ނުވަތަ ރައްކާތެރި ކުރުމާއި ހިދުމަތް ކުރުން ކަމަށް ވާއިރު، އެ މޮޓޯއާ އެއްގޮތަށް ފުލުހުންނަށް މަސައްކަތް ކުރެވޭ ކަމާ މެދު މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.

ފުލުހުންގެ މަސައްކަތާ މެދު ސުވާލު އުފެއްދީ މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލައާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ހުށަހެޅުއްވި މައްސަލާގަ އެވެ. 

އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު އާޒިމް ވިދާޅުވީ އައިންތުއަށް ތަކުރާރުކޮށް ފުރައްސާރަ ކުރާ ފަރާތްތައް ހޯދާ، އަދަބު ދިނުމަށް ގޮވާލާ ކަމަށާއި ފުލުހުންގެ މޮޓޯއާ އެއް ގޮތަށް މަސައްކަތް ކުރެވޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅާ ބަޔަކު ސަރުކާރު ތެރޭގައި ތިބި ކަމަށެވެ. 

"ފުލުހުންގެ އިދާރާ އަށް ފަސް ފަހަރު މި މައްސަލަަ ހުށަހަޅައި މިކަން ނުބެލިވާ ކަމަށް ވާ ނަމަ މިއީ އެ އިދާރާގެ ވަރަށް ބޮޑު މައްސަލައެއް،" އާޒިމް ވިދާޅުވި އެވެ. 

އާޒިމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ އެ މައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އީވާ ވަނީ އައިންތަށް ކުރާ ފުރައްސާރަ ފުލުހުން ތަހުގީގު ނުކުރާ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ބެލުމަށް ގޮވާލައްވާފަ އެވެ. 

"... ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން، ދިވެހިރާއްޖޭގެ ފުލުސް އޮފީހުން މިކަން ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ވެސް ރަނގަޅަށް އެބަ ބަލަން ޖެހޭ،" އީވާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އައިންތުގެ މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަންހެނުން ގޭގައި ބޭތިއްބުމަކީ ހަރުކަށި ފިކުރުގެ ވިސްނުމެއް ކަމަށާއި މި މައްސަލަ ގޮސް ގުޅެނީ ހަރުކަށި ފިކުރާ ކަމަށެވެ.

"މި ފިކުރުގެ ބައްޓަމަށް ދިވެހި މުޖުތަމައު އެނބުރުމަށް ބަޔަކު ބިރު ދައްކައިގެން ބާރުގެ ބޭނުންކޮށްގެން އިންތިޒާމްވެގެން ހިނގަމުން އަންނަ މަސައްކަތެއް.... އެ އިންތިޒާމުގައި ދައުލަތުގެ އެހެން މުއައްސަސާތަކުން ބައިވެރިވަނީތޯ އޭ؟،" ނަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީމް ވެސް ވަނީ ހެކި ނެތް ކަމަށް ބުނެ، މައްސަލަ ނުބެލޭތީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

މިދިޔަ ހަފްތާގައި އައިންތުގެ ކާރަށް ފަސްވަނަ ހަމަލާ ދީފައި ވާއިރު، ގެއްލުންދޭ ކޮންމެ ފަހަރަކު މަރާމާތު ކުރުމަށް އޭނާގެ އަތުން ގިނަ ފައިސާތަކެއް ހޭދަ ކުރަން ޖެހެ އެވެ. މިދިޔަ ހަފްތާގައި ގެއްލުން ދިން މީހާ ވަނީ ފުލުހުންގެ ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެއެވެ. އެކަމަކު އެއީ ކާކު ކަމެއް އައިންތުއަކަށް ނޭނގެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް