ads
އަސްލަމް އަދި ނަޝީދު--
ސަރުކާރުތަކުގެ އިހުމާލާ ހެދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓިގެން ނުވާނެ!
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. ވަކިން ހާއްސަކޮށް ވެރިރަށް މާލެ އަށެވެ. ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީ 557،426 މީހުންނަށް އަރާފައި ވާއިރު އޭގެ ތެރެއިން 227،486 މީހުން ނުވަތަ 40 ޕަސަންޓު މީހުން ދިރިއުޅެނީ މާލޭގަ އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް އެކި ސަރުކާރުތަކުން ދަނީ އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި 2010 ގައި އިއުލާންކުރި ވެށިފަހި މާލެ މަޝްރޫއުގެ ދަށުން މާލެ އިން ދޫކޮށްލާ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ފްލެޓު ދޭން ނިންމި އެވެ.

ވެށިފަހި މާލޭގެ މަޝްރޫއުގެ ދަށުން ތިން ކެޓަގަރީއަކުން ބިިމާއި ފްލެޓު ދޭން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިއުލާންކޮށް، އެކި މީސްމީހުންނަށް ލިޔުން ދޫކުރި އެވެ. އެމްޑީޕީގެ ވެރިކަން ނިމުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް ކުރީގެ ސަރުކާރުތަކުން އެ ޕްރޮގްރާމް ހިންގުމުގައި އިހުމާލުވެފައިވާ ކަމަށް ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ދޭން ނިންމި ފްލެޓާއި ގޯތީގެ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުން ފެންނަން ނެތް ކަމަށް އަސްލަމް ކުރިން ވިދާޅުވި އެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް ވެސް އަސްލަމް ހާޒިރުވެ ވަޑައިގެންފައި ވާއިރު އަނެއްކާ ވެސް ވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ މައްސަލަ ފެންމަތިވެފަ އެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސުވާލުކުރެއްވީ އެ ޕްރޮގްރާމުގެ ގޯތި ދޫކުރަމުންދާ ގޮތާ ބެހޭ ގޮތުންނެވެ.

"އެންމެ ފަހުން ވަޒީރު މަޖިލީހަށް ވަޑައިގެންނެވި ދުވަހު ހެންވޭރު އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް މުއިއްޒު ކުރެއްވި ސުވާލާ ގުޅިގެން، އެ ދުވަހު މިނިސްޓަރު ވިދާޅުވީ 250 ގޯތި ވެށިފަހި ޕްރޮގްރާމުގެ ދަށުން ދޫކުރާ ކަމަށް. އެ ގޯތިތަކުގެ ތެރެއިން ބާކީ އިން ފަސް ގޯތި، ކޮންމެވެސް ލިސްޓެއް، ދެން އިން ރިޒާވް ލިސްޓުގެ ހަތަރު ވަރަކަށް މީހުން އޭގައި ހިމެނިފައި އިން ވާހަކަ، އެ ރިޒާވް ލިސްޓަކީ އެއީ ކޮން ލިސްޓެއްތޯ؟،" ޔައުގޫބް އެއްސެވި އެވެ. 

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ރައީސް އޮފީހުގެ ގެޒެޓުކޮށްފައި އޮތް ރިޒާވް ލިސްޓެއް އެބަ އޮތް. ލިސްޓު އެ ތަރުބީތުންތޯ އެ ހަތަރު މީހުން ހިމެނިފައި އޮތް ވާހަކަ މިނިސްޓަރު އެ ދުވަހު ވިދާޅުވީ؟،" އޭނާ ވިދާޅުވި އެވެ. 

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެއީ ވެށިފަހީގެ ރިޒާވް ލިސްޓު ކަމަށެވެ. ނަމަވެސް ވާހަކަ ކުރިއަށް ނުގެންދެވެނީސް ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ވާހަކަ ހުއްޓުވާފަ އެވެ.

"ވެށިފަހި ޕްރޮގްރާމުގެ ރިޒާވް ލިސްޓުތޯ ނުވަތަ ބޯހިޔާވަހިކަމަށް އެންމެ ބޭނުންވާ މީހުންގެ ތެރެއިން ވަކި ގޮތެއް ހަމަނުޖެހިފައި ތިބި މީހުންގެ ލިސްޓުތޯ؟،" ނަޝީދު ސުވާލުކުރެއްވި އެވެ.

އެއީ ވެށިފަހީގެ ލިސްޓު ކަމަށް އަސްލަމް ވިދާޅުވުމުން، އެ މަޝްރޫއާ ގުޅޭ ގިނަ ވާހަކަތަކެއް ނަޝީދު ދެއްކެވި އެވެ.

"ދެން ތި ވިދާޅުވީ ފަސް ތަނަކަށޭ ނުދެވި އޮތީ. އަޅުގަނޑަށް ހީވަނީ އެހެންވެއްޖިއްޔާ ތިޔަ ބެއްލެވި ބެއްލެވުން ބައްލާވަފައި ތި އޮތީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހެން. ބާތިލް އެހާ ގިނަވޭ. އަޅުގަނޑު ހަނދާންވާ ގޮތުގައި ދޭން ނިންމާފައި އޮތީ 250 ގޯތި. ދެވިފައި އޮތީ 120 އަށް ގޯތި. ދެން ހަމައެކަނި ފަސް ގޯއްޗޭ ތި ވިދާޅުމުން ގެންދަވާތީ ކުރީ ދުވަހު ވެސް އެ ވާހަކަ ވިދާޅުވީމާ އަޅުގަނޑަށް ވެސް އެ ސުވާލު އޮތީ އުފެދިފައި،" ނަޝީދު ވިދާޅުވި އެވެ.

ކޮންމެއަކަސް ނަޝީދު ފާހަގަކުރައްވާފައި އެ ވަނީ މުހިއްމު ނުކުތާތަކެކެވެ. ބޯހިޔާވަހިކަމަށް އެތައް ހާސް ބަޔަކު ޖެހި، ހާލުގައި އުޅެމުން ދާއިރު އެ ހައްގު އެންމެ ބޮޑަށް ބޭނުންވާ މީހުންގެ ލިސްޓެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އެކަމަކީ އެންމެ އިސްކަމެއް ދީގެން ހިންގަން ޖެހޭ މަޝްރޫއު ނޫން ހެއްޔެވެ؟ 250 ގޯތި ދޭން ޖެހޭ މަޝްރޫއެއްގައި އެއް ބައި ދީގެން ފުއްދާލުމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބެން އޮތް ކުޑަ ލުޔަށް ވެސް ވާސިލް ނުވެވޭނެ އެވެ.

ނަޝީދުގެ ވާހަކަތާ ގުޅިގެން އަސްލަމް ވިދާޅުވީ މައްސަލައެއް އުޅޭ ނަމަ މަޖިލީހުން އެކަން ބެލުމަށެވެ.

"އެ ސުވާލުގައި އަޅުގަނޑު ފާހަގަކޮށްފިން އެއީ ވެށިފަހި މާލެ ޕްރޮގްރާމުގެ ލިސްޓޭ. އެންމެ ބޮޑަށް ގޯތި ގެދޮރު ބޭނުންވާ މީހުންގެ ގޮތުގައި އޮންނަ ލިސްޓެއް ނޫން އެއީކީއެއް. ދެން އެސެސްމަންޓާ ބެހޭ ގޮތުން އަޅުގަނޑު ނެތިން، އަޅުގަނޑުގެ މިނިސްޓްރީގެ މުވައްޒަފުން އެ މަސައްކަތް ކޮށްފައި ތިބީ،" އަސްލަމް ވިދާޅުވި އެވެ. 

"އެހެންވީމާ އެ ޖަޖްމަންޓުގައި ގޯސްކޮށް ކަމެއް ރަނގަޅުކޮށް ކަމެއް އިއްޒަތްތެރި މަޖިލީހަށް ކަމާ ބެހޭ ކޮމިޓީއަކަށް ވެސް އެ ލިޔެކިޔުންތައް ބައްލަވާ ލެއްވޭނެ. އަޅުގަނޑަށް ވަރަށް ރަނގަޅު ބައްލަވާލައްވާފައި އޭގައި މައްސަލައެއް އުޅޭ ކަމަށް ވަންޏާ އެކަން ކުރުން. މިކަމަކީ ދެން ހަމަ ވަރަށް ސެންސިޓިވް މައްސަލައެއްކަން އަޅުގަނޑު ވެސް ގަބޫލުކުރަން. އަޅުގަނޑުމެންނަށް މީހުން ހުށަހެޅި، އަޅުގަނޑުމެން ފުރުސަތު ހުޅުވާލީމަ ހުށަހެޅި، ތިމަންނައަށް ލިބޭކަން ހައްގުވާކަން ބަޔާންކޮށް ހުށަހެޅި މީހުންގެ ތެރެއިން އަޅުގަނޑު ހަނދާންވަނީ 26 އަށް މީހުން ހުށަހެޅީ. އޭގެ ތެރެއިން އެވާ ފަސް މީހެއްގެ ވާހަކަ އަޅުގަނޑު ދެންނެވީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވަނީ މައްސަލައެއް އުޅޭ ކަމަށް ވާ ނަމަ އެކަމެއް މަޖިލީހުން ބަލާނެ ކަމުގެ ޔަގީން ކަން ދެއްވާފަ އެވެ. ނަމަވެސް މަޝްރޫއު ހިންގަން ޖެހޭ މިންވަރަން ނުހިންގަވާ ކަން ފާހަގަކޮށް ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑަށް ޔަގީން މިތަނުގެ އެ ކަމާ ގުޅޭ ކޮމިޓީއަކުން އެ ބަލަން ހުރި އެއްޗެއް ބަލާނެކަން އިނގޭތޯ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އަޑުއިވިފައި އޮތީ ވެށިފަހި މާލޭގެ ޕްރޮގްރާމުގައި އެ އޮތް މިންވަރަށް ހިންގާ ކަމަށް. އެ ޕްރޮގްރާމުގައި އޮތީ 250 ގޯތި ދޭން. ދެން މިހާރު ދެވިފައި އޮތީ 120 އަށް ގޯތި. ދެން އިތުރަށް ދެއްވާން ތިޔަ އުޅުއްވަނީ 27 ނުވަތަ 30 އަށް ގޯތި،" ނަޝީދު ފާހަގަކުރެއްވި އެވެ. 

އަސްލަމް ވިދާޅުވި ފަދައިން ބޯހިޔާވަހިމަކީ އެންމެ "ސެންސިޓިވް" މައްސަލަ އެވެ. ރަނގަޅު ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލައެއް އަންނަނީ ދިމާވަމުންނެވެ. އެހެންކަމުން މިކަމާ ގުޅުން ހުރި މަޝްރޫއުތައް ހެޔޮގޮތުގައި ހިންގުން މުހިއްމެވެ. އެއް ސަރުކާރުން ހަދާ ގޯސް އަނެއް ސަރުކާރުން ތަކުރާރު ނުކޮށް، އަދި ކުރީ ސަރުކާރު ގޯސްކޮށްފައި ނިންމާލުމުގެ ބަދަލުގައި، މިހާރު ރަނގަޅަށް ކުރެވެން އޮތީ ކޮން ކަމެއް ތޯ ބަލަން އެބަ ޖެހެ އެވެ. 

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ކޮމެންޓްސް