ads
ކުޑަކުދިން ތަކެއް--
ޖުވެނަައިލް ކޯޓުން ކުޑަކުއްޖަކަށް ކުރި ހުކްމް ހައިކޯޓުން ދަމަހައްޓައިފި
ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި އެ ކުއްޖާ އެއް އަހަރަށް ގޭގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

އެމައްސަލައަކީ، 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 16:15 އެހާއިރު، ކުޑަކުއްޖަކު ސައިކަލުގައި ހުޅުމާލެ ނިރޮޅުމަގުގެ ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެމަގުގެ ދެކުނުން އުތުރަށް ގޮސް ނިރޮޅުމަގުން ކަނާއަތް ފަރާތަށް ވާގޮތަށް އަނބުރާލި ސައިކަލުގައި ޖެހި އެކްސިޑެންޓުވެ، އެ ސައިކަލު ދުއްވަން އިން އިބްރާހީމް ރަޝީދު އާދަމް ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓި އޭނާގެ ބޯފަޅައިގެން ގޮސް، އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އެ އަހުރުގެ ސެޕްޓެމްބަރު އެއް ވަނަ ދުވަހު އިބްރާހީމް ރަޝީދު އާދަމް ނިޔާވެފައިވާތީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ސައިކަލް ދުއްވި ކުއްޖާގެ މައްޗަށް މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރުމުން ޖުވިނައިލް ކޯޓުން ބަލާ ހުކުމް ކޮށްފައިވާ މައްސަލައެކެވެ. 

އެމައްސަލައިގައި އެކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދު ކުރުމުށާއި ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށެވެ. އަދި މަރުގެ ދިޔަ ނަގައިދެމުން އައި ޝަރީއަތް ކުރުމާބެހޭ ގަވާއިދު އޭރު އުވިފައިވާތީ އަލުން ގާނޫނުގައި އެކަން ކަނޑައެޅުމުން މަރުގެ ދިޔަ ހޯދަން މަރުވި މީހާގެ ވާރިސުންނަށް ދައުވާ ކުރެވޭނެ ކަމަށް އެ ކޯޓުގެ ނިންމުމުގައި އޭރު ބުނެފައިވެ އެވެ. 

ޖުވިނައިލް ކޯޓުގެ އެ ހުކުމް ދަމަހައްޓާ ހައިކޯޓުން އިއްޔެ ކުރި ހުކުުމުގައި ބުނެފައިވަނީ ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ދަށުން މަރުގެ ދިޔަ ނަގައިދެވޭނެ ކަމަށާއި ގާނޫނުލްއުގޫބާތުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުދިން ކުރާ ކުށްތަކަށް މައާފް ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި، އަނިޔާވެރި ކުށް (އިންސާނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކުށް) ތަކުގެ ޒިންމާ ކުދިން ނަގަން ޖެހޭނެ ކަމަށެވެ.

ކުއްޖާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ، ގާނޫނު ނަންބަރު 09/2014 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ ގާނޫނުގެ 112 ވަނަ މާއްދާގެ (ހ) އަކީ މީހަކު ކުރާ އިހުމާލުގެ އަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެ އަމަލު ކުރި މީހާ އެކުރަނީ ކުށެއްކަމަށް ބަޔާންކުރާ މާއްދާއެވެ. އަދި އެ ކުށަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. 

"އެކުއްޖާގެ އިހުމާލުގެ އަމަލަށާއި، އެ އަމަލުގެ ނަތީޖާއަށް ބަލާއިރުގައި، އެއަމަލަކީ، އެއްގަމުގައި ދުއްވާ އުޅަނދެއް ދުއްވުމުގެ ލައިސަންސް ނުނަގާ، ބާރު ސްޕީޑުގައި ސައިކަލު ދުއްވާ، އެކްސިޑެންޓުވުމެވެ. މިއީ އިންސާނެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ އަމަލެކެވެ. އަދި މި އަމަލުގެ ނަތީޖާއަކީ، އެކްސިޑެންޓުވުމުގެ ސަބަބުން އެހެން މީހަކަށް ބޮޑެތި އަނިޔާތަކެއްވެ އެ މީހާ މަރުވުމެވެ. މިއީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން ޒިންމާ ނަގަންޖެހޭފަދަ އަނިޔާވެރި ކުށެކެވެ." ހައިކޯޓްގެ ހުކުމްގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި އެ ކުއްޖާ އެއް އަހަރަށް ގޭގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ކުއްޖާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެދި ހައިކޯޓަށް ހަތަރު ނުކުތާއެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ޖުވެނައިލް ކޯޓުން ބައެއް ހެކިވެރިންގެ ހެކިތައް ސިއްރު ކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

އެ ނުކުތާއަށް ރިއާޔަތް ކުރައްވާ ހައި ކޯޓުން ބުނެފައިވަނީ ހެކިންގެ ހެކިބަސް ސިއްރުކޮށްފައިވަނީ ހެކިންގެ މައުލޫމާތު ހާމަވުުމުގެ ފުރުސަތު އޮތުމުންނެވެ. ހެކިން ސިއްރު ކުރިނަމަވެސް، އެ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދީފައި އޮތުމުން އެކަމުގައި ގާނޫނާ ހިލާފް ކަމެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލައި ކުއްޖާ އެކަން ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާކަމަށް ވެސް ހައިކޯޓުން ބުނެފައިވެެ އެވެ.

އެހެންކަމުން ޖުވެނައިލް ކޯޓުން އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދުކުރަން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް