ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
ފިޗްއަށް ރާއްޖޭގެ ނުރުހުން، ދެއްކި ސަބަބުތައް ރަނގަޅުތަ؟
ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ދަށް ކުރުމާއެކު ފިނޭންސް މިނިސްޓްރީން ވަނީ ނުރުހުން ފާޅުކޮށް އެކަން ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ. އަދި އެކަން ގަބޫލު ނުކުރާ ސަބަބުތައް ވެސް ބަޔާންކޮށްފައި ވެއެވެ. ބަލިމަޑުކަމާ ހެދި ދުނިޔޭގެ އިގްތިސާދު ދަށްވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ ވެސް ވަނީ އަނދަވަޅަކަށް ވެއްޓިފަ އެވެ. އެހެންކަމުން ފިޗްއަށް ރައްދު ދީ ފިނޭންސް މިނިސްޓްރީން ދެއްކި ސަބަބުތަކަކީ އެކަށޭނަ ސަބަބުތަކެއް ހެއްޔެވެ؟

ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރީ "ސީސީސީ" އަށެވެ. މިއީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރުގެ ތެރޭގައި ދަށްކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިއަހަރު ފެށުނުއިރު ފިޗުން ރާއްޖެއަށް ދީފައި ވަނީ "ބީ ޕްލަސް" ގެ ރޭޓިންއެއް ނަމަވެސް ކޮވިޑާއެކު ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އަށް ބަދަލުކޮށްފަ އެވެ. 

އަދި މިހާރު ސީސީސީއަށް ބަދަލުކުރިއިރު އެއީ ގައުމުތަކަށް ދަރަނި އަދާނުކުރެވުމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ. އަދި އެއަށް ވުރެ ރޭޓިން ދަށްވެއްޖެނަމަ އޭގެ މާނައަކީ ދަރަނި ނުދެއްކި ޑީފޯލްޓްވެފައިވާ ކަމެވެ. ފިޗްއިން ބުނެފައި ވަނީ ރާއްޖޭގެ ރޭޓިން ސީސީސީއަށް ބަދަލު ކުރަން ޖެހުނީ ފަތުރުވެރިކަން ހުއްޓި ބޭރު ފައިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ގިނަ ލޯނުތަކެއް ނެގުމުން ކަމަށެވެ.

ފިޗުން އަންދާޒާ ކުރާ ގޮތުގައި މިވަގުތު ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރަކީ 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީއާ ގުޅިގެން ވެސް އިގްތިސޯދަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެކެވެ. އަދި ޖުލައި 15 ގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން އަންނަން ފެށި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމަށް އަންދާޒާ ކުރަނީ 2022 ގައި ކަމަށް ބުނެފައި ވެއެވެ. 

ދިވެހި ސަރުކާރުގެ ނުރުހުން

ފިޗުން ރާއްޖެއަށް ދިން ރޭޓިންއާ ދިވެހި ސަރުކާރުން ދެކޮޅު ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އަދި މިފަހުގެ ޕޮލިސީތަކާއެކު ރާއްޖޭގެ އިގްތިސޯދު ރަނގަޅު ވާން ފަށާފައިވާ ކަމަށް ބުނެފައި ވެއެވެ. ރާއްޖެ ދުވަހަކު ވެސް ޑީފޯލްޓް ނުވާ ކަމަށާއި އަދި ދަރަނިތައް ވެސް މުއްދަތަށް ދައްކަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އަކަން ކުރަމުން ދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ބުނެފައި ވެއެވެ. 

އޭގެ އިތުރުން ރާއްޖެ، ކޮވިޑް-19 އާއެކު ދިރިއުޅެމުންދާތާ މިހާރު ހަތް މަސް ފާއިތުވެފައި ވާއިރު ރާއްޖެއިން ކޮވިޑް ކޮންޓްރޯލްކުރުމުގައި ކާމިޔާބީއަށް ވާސިލުވެފައިވާ ކަމަށާއި އެގޮތުން ޖުލައި 15 ގައި ރާއްޖޭގެ ފަތުރުވެރިކަން ވެސް އަލުން ފަށާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް ފިނޭންސްގެ ބަޔާނުގައި ބުނީ ޖުލައި މަހު 2000 ފަތުރުވެރިން އައިިއިރު އޮކްޓޫބަރު މަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދު 21000 އަށް އަރާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފްލައިޓުތައް ވެސް އިތުރުވެފައިވާ ކަމަށާއި ރާއްޖޭގައި ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ އަދަދު ވެސް 100 އަށް އަރާ ކަމަށް ފާހަގަކޮށްފައި ވެއެވެ. 

އަދި ބޭރުގެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކާއި ގުޅިގެން ފައިނޭންސިން ގެޕް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެެ. އެގޮތުން އިންޑިއާ ސަރުކާރާއި ޖަޕާނު ސަރުކާރު އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ވޯލްޑް ބޭންކާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އަދި އޯޕެކް ފަދަ ތަންތަނާއި ގުޅިގެން އެ މަސައްކަތް ކުރަމުންދާކަން ބަޔާނުގައި ފާހަގަކުރެ އެވެ.

ދެއްކި ސަބަބުތައް ރަނގަޅުތަ؟

ފިޗްގެ ރޭޓިންއާ މެދު ރާއްޖެއިން ހިތްހަމަނުޖެހި، އެ ރޭޓިން ގަބޫލު ނުކުރާނެ ކަމަށް ބުނެ ގިނަ ސަބަބުތަކެއް ދެއްކި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބާއި، އިގްތިސާދު އަލުން ހުޅުވާލައިގެން ލިބެމުންދާ ކުރިއެރުންތަކުގެ އިތުރުން ބޭރުގެ ފައިނޭންޝަލް އިދާރާތަކާއެކު ކުރަމުންދާ މަސައްކަތެވެ. 

އެކަންކަމަށް ބަލާއިރު ކޮވިޑާ ގުޅިގެން ހޯދި ކުރިއެރުންތައް ފާހަގަކުރެވެ އެވެ. ކޮވިޑުގެ ފުރަތަމަ ރާޅުގައި ހާލަތު ކޮންޓްރޯލް ކުރުމަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ފުރުސަތު ލިބުނެވެ. ދެވަނަ ރާޅާއެކު މާލެ ސަރަހައްދުގެ ކޭސްތައް ކުއްލިއަކަށް އިތުރުވި ނަމަވެސް ދެވަނަ ލޮކްޑައުނަކަށް ނުގޮސް، ބޯޑަރު ބަންދު ކުރަން ނުޖެހި ހާލަތު މި ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ދެން އޮތީ ތިންވަނަ ރާޅަކަށް ތައްޔާރުވުމެވެ. ތިންވަނަ ރާޅެއްގެ މަލަމަތި ފެންނަމުން ދާއިރު، ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ސަމާލު ވާން ޖެހެ އެވެ. 

ބައެއް އެހެން ގައުމުތަކާ ހިލާފަށް ދެވަނަ ލޮކްޑައުނަކަށް ނުގޮސް، ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ގޮތަށް އިގްތިސާދީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމީ ލިބޭ ކުރިއެރުމެކެވެ. ވަކިން ހާއްސަކޮށް ގައުމުތަކާއެކު ގާއިމްކޮށްފައިވާ އެއާ ޓްރަވަލް ބަބްލްގެ ދަށުން ރާއްޖެ އަންނަ ފްލައިޓުތައް މަހުން މަހަށް ދަނީ އިތުރުވަމުންނެވެ. 

ފްލައިޓުތައް އިތުރުވާ މިންވަރުން ފަތުރުވެރިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި އަހަރުގެ 500،000 ފަތުރުވެރިން ޓާގެޓަކަށް ހަދާފައި ވާއިރު، މިހާރު ވެސް 400،000 އަށް ވުރެ ގިނަ މީހުން އައިސްފައި ވެއެވެ. އޭގެ އިތުރުން މި ފެށޭ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް މިހާރު ވެސް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް އިތުރުވެ، ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. 

ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، މިއީ ވެސް ދަރަނިތައް އަނބުރާ ދެއްކުމަށް ލުޔެއް ލިބޭނެ ގޮތެވެ. އެގޮތުން ދަރަނި ދެއްކުން ފަސްކޮށްދޭން ރާއްޖެއިން ވަނީ ޖީ20 ގައި އެދިފަ އެވެ. ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) ގައި ރާއްޖެއިން މިހާރު ބައިވެރިވެފައި ވާއިރު 2020 ވަނަ އަހަރު ނިމެންދެން ދަރަނިތައް އަނބުރާ ދައްކަން ފެށުން ފަސްކޮށްދޭން ރަސްމީކޮށް އެދިފައި ވެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް