ads
ހުޅުމާލެ ބީޗް ސަރަަހައްދު--
ދިވެހިންނަކީ މޫދަށް ފަރިތަ ބަޔަކަށް ވާން އެބަ ޖެހޭ!
ށ. މިލަންދޫގައި އޮޔާދިޔަ ކުއްޖަކާއި އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ގެނބެމުން ދިޔަ މީހަކު، އެ ރަށުގެ ޓީޗަރެއްގެ މަސައްކަތުން ސަލާމަތްކުރި ހަބަރު އިއްޔެ ސުރުހީތަކަށް އެރި އެވެ. ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ސީބެޑެއްގައި އޮޔާދިޔަ ތިން އަހަރުގެ ކުއްޖަކު ސަލާމަތް ކުރަން ފުރަތަމަ ދިޔެއީ ޒުވާނެކެވެ. އެކަމަކު އޭނާ ގެނބެން ފެށެމުން، ކުއްޖާ އާއި ޒުވާނާ ވެސް ސަލާމަތްކޮށްދިނީ އޭރު އާއިލާ އާއެކު މޫދުގައި އުޅުނު މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަކްރަމެވެ.
Advertisement

ކުއްޖާ އާއި ޒުވާނާ ސަލާމަތްކޮށްދިން ޓީޗަރަށް ޝުކުރު ހައްގެވެ. އެއާއެކު މިފަދަ ހާދިސާތަކާ މެދު ފުންކޮށް ވިސްނާލަން އެބަ ޖެހެ އެވެ. ރާއްޖެއަކީ 99 އިންސައްތަ ކަނޑު ވަށައިގެންވާ ގައުމެއް ކަމީ ފެންނަން އޮތް ހަގީގަތެވެ. ރަށެއްގެ އަތިރި މައްޗަށް ނިކުމެއްޖެ ނަމަ ލޮލުގެ ކުރިއަށް ނުފެންނަ ހިސާބަށް ގަދަ ނޫކުލައިގެ ކަނޑުގެ ރާޅުތައް ފެތުރިފައި އޮންނަ މަންޒަރު ފެނެ އެވެ. އެކަމަކު މި ކަނޑާއެކު ދިރިއުޅެން ދަސްވެފައި ތިބީ ކިހާ ބަޔަކަށް ހެއްޔެވެ؟

މޫދަށް ގޮސް އުޅޭއިރާއި ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކުގެ ހަބަރު ދޭތެރެއަކުން ލިބެ އެވެ. ކުއްޖަކު ނުވަތަ މީހަކު ގެނބިގެން މަރުވުމުގެ ހިތާމަ އެތައް އާއިލާއަކާ ކުރިމަތިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ފަތަން ދަސްވެފައި ތިބި ނަމަވެސް، ހާލަތުގެ ގޮތުން ސަލާމަތް ނުވެވޭ މީހުންނެވެ. އެކަމަކު ގިނަ ފަހަރަށް ގިނަ މީހުންނަށް ފަތާކަށް ނޭނގެ އެވެ. އެހެންކަމުން އަމިއްލަ ފުރާނަ ސަލާމަތް ކުރުމާއެކު އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ގާބިލްކަމެއް ލިބިފައެއް ނުވެ އެވެ. 

މިހާރު ވެރިކަމުގައިވާ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގައި މިކަމަށް އަލިއަޅުވާލާފައި ވެއެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި "ފަހުރުވެރި ދިވެހި އާއިލާ" ބިނާކުރުމަށް ކުރާނެ ކަންތައްތަކުގެ ލިސްޓެއް އެ މެނިފެސްޓޯގައި ވެއެވެ. އޭގެ ދަށުން ފަތަން ދަސްކުރުމުގެ ވާހަކަ ހިމަނާފައި އޮތީ ކުޅިވަރުތަކުގެ ތެރޭގަ އެވެ. 

"ރާއްޖޭގައި މޫދު ކުޅިވަރު ފުޅާކުރުމުގެ ގޮތުން އެކި އުމުރުފުރައިގެ ކުދިންނަށް ކުޅިވަރި ކުޅޭނެ ތަކެއްޗާއި އެކަން ދަސްކޮށްދިނުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގޭނެ އެވެ. އަދި ރާއްޖޭގައި އެކި ވައްތަރުގެ މޫދުކުޅިވަރުގެ އިވެންޓްތައް ބޭއްވި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރެވޭނެ އެވެ،" އެ މެނިފެސްޓޯގައި ލިޔެފައި ވެއެވެ.

މެނިފެސްޓޯގައި ލިޔެފައި އެވާ ގޮތަށް މޫދު ކުޅިވަރު ފުޅާ ކުރުމާއި ފަތަން ދަސްކޮށްދޭ ޕްރޮގްރާމުތައް ގަވާއިދުން ހިންގުމަކީ ދިވެހި މުޖުތަމައަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފަތަން ދަސްކުރުމުގެ އިތުރުން ގެނބެމުންދާ މީހުން ސަލާމަތް ކުރުމުގެ ހުނަރު އަށަގެންނެވުމަކީ ވެސް ދިވެހި މުޖުތަމައަށް މުހިއްމު ކަމެއް ކަމުގައި ފެނެ އެވެ. މީގެ މުހިއްމު ކަން ވަޒަން ކުރެވެނީ އަހަރެއްގެ މައްޗަށް ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދަށް ވިސްނާލީމެވެ. 

ފެންނަން ހުރި ތަފާސްހިސާބަށް ބަލާއިރު 2017 ވަނަ އަހަރު އެކަނިވެސް ގެނބިގެން 31 ފަތުރުވެރިން މަރުވި އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ވެސް އެފަދަ ގިނަ ހާދިސާތަކެއް ހިނގި އެވެ. އެހެންކަމުން މޫދުގެ ރައްކާތެރިކަމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ޓޫރިޒަމް މިނިސްޓްރީން ފެށި އެވެ. އޭގެ ދަށުން ވަކި ހާއްސަ ރަށްތަކެއްގައި ލައިފްގާޑުން ބޭތިއްބުމުގެ މަސައްކަތް ވެސް ކުރި އެވެ.

ކޮންމެއަކަސް މޫދަށް އަހުލުވެރި ޖީލެއް އުފެއްދުމުގެ މަސައްކަތް ކުރަން އެބަ ޖެހެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ތުއްތު އިރުން ފެށިގެން މޫދަށް އަހުލުވެރިކޮށްފި ނަމަ ފަތަން ދަސްވުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ކުޑަކުދިންނަށް ދަސްކޮށްދިނުމާއެކު ބެލެނިވެރިން ވެސް ފަތަން ދަސްކުރުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. މޫދުގައި އުޅުމަށް ފަރިތަ ބަޔަކަށްވެ، ރައްކާތެރި ގޮތްތަކަށް ހޭލުންތެރި ބަޔަކަށް ވުމަށް އެންމެ އެކަށޭނަ ބަޔަކީ ދިވެހިންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް