އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު އިންތިހާބުކޮށްފި އެވެ.

Advertisement
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު އިންތިހާބުކޮށްފި އެވެ.
އީސީން ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރު ފުއާދު ތައުފީގަށް މަރުހަބާ ދެންނެވުމަށާއި އެ ކޮމިޝަންގެ ނައިބް ރައީސް ކަމުގެ މަގާމަށް މެމްބަރަކު ހޮވުމަށް މިއަދު 16 ވަނަ ކުއްލި ޖަލްސާ ބޭއްވި ކަމަށެވެ.
އެ ޖަލްސާގައި ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމަށް މެމްބަރު އަހުމަދު އަކްރަމް އިންތިހާބު ކޮށްފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.
އީސީގެ ނައިބް ރައީސް ކަމުގެ މަގާމަށް އަކްރަމް މިއަދު އިންތިހާބު ކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.
އީސީގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ކޮމިޝަންގެ މެމްބަރު ކަމަށް 10 ބޭފުޅަކު ކުރިމަތި ލެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވާފައި ވަނީ ހަތަރު ބޭފުޅެއްގެ ނަމެވެ. ފުއާދުގެ އިތުރުން އީސީގެ އޭރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ނަން ވެސް ތަޅުމަށް ފޮނުއްވި އެވެ.
ރައީސް މަޖިލީހަށް ފޮނުއްވެވި ހަތަރު ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާއިން ދިރާސާކޮށް އެންމެ ގިނައިން މާކްސް ދީފައި ވަނީ ފުއާދަށެވެ. ފުއާދުގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 31 ގައެވެ.
ފުއާދަކީ މީގެ ކުރިން ވެސް އީސީގެ މެންބަރު ކަން ކުރެއްވި ބޭފުޅެކެވެ. ފުއާދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ކޮމިޝަންގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ.