ads
އޭޓީކޭ މޯހަން ބަގާން ކުޅުންތެރިން ލަނޑަށް ފަހު
އިންޑިއަން ސުޕަާ ލީގު: ފުރަތަމަ މެޗު އޭޓީކޭ މޯހަން ބަގާންއަށް
އިންޑިއަން ސުޕާ ލީގުގެ ފުރަތަމަ މެޗު، އޭޓީކޭ މޯހަން ބަގާންއިން ކާމިޔާބުކޮށްފިއެވެ. އޭޓީކޭއިން މި މެޗު ކާމިޔާބު ކުރީ ކެރެލާ ބްލާސްޓާއާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ.

އިންޑިއަން ސުޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކޯ ޑި ކޮލްކަތާ- އޭޓީކޭއާ އައި ލީގުގެ ޗެމްޕިއަން މޯހަން ބަގާން އެއްކޮށްލައިގެން އުފައްދާފައިވާ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާ ވާދަކުރި މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ފިޖީގެ ފޯވާޑު ރޯއީ ކްރިޝްނާއެވެ. އުމުރުން ތެއްތިރީސް އަހަރުގެ ރޯއީއަކީ ފިޖީގެ ގައުމީ ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ފުރަތަމަ މެޗުގެ މޮޅަކީ މުޅި ޓީމުގެ މަސައްކަތް ކަމުގައެވެ. 

އަހަރެންނަށް ލަނޑެއް ޖެހުނު ނަމަވެސް މިއީ މުޅި ޓީމުގެ މަސައްކަތް. ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ވަރަށް ރަނގަޅަށް ހުރިހާ ކުޅުންތެރިންވެސް ކުޅުމުގެ ނަތީޖާ މި ފެނުނީ. މިއީ އުނދަގޫ މެޗެއް. އެހެންނަމަވެސް މޮޅުވީމަ އެންމެންވެސް މިތިބީ ވަރަށް ހިތް ހަމަ ޖެހިފައި

ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ އިންޑިއަން ސުޕާ ލީގުގެ ކުޅުން ކޮވިޑުގެ ނުރައްކަލާހުރެ މިއަހަރު އޮންނާނީ ގޯއާގައެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ މެޗެއްވެސް ކުޅެވޭނީ އާއްމުކޮށް ސަޕޯޓަރުންނަށް ހުޅުވާނުލައެވެ. އެހެންނަމަވެސް ދުނިޔޭގެ އަށްޑިހަ ދެ ގައުމެއްގައި މުބާރާތް ލައިވްކޮށް ދައްކާނެއެވެ.

އިންޑިއާގެ އެގާރަ ސްޓޭޓަކުން އެގާރަ ޓީމު ވާދަކުރާ މި ލީގުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ މޮޅުވާ ހަތަރު ޓީމެއް ޕްލޭ އޮފް ސެމީ މެޗުތަކެއް ކުޅޭނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު މޮޅުވި އޭޓީކޭ މޯހަން ބަގާންއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ ޓީމެކެވެ. މުބާރާތުގައި ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ވާދަކުރާނީ ނޯތް އީސްޓް ޔުނައިޓެޑާ މުމްބާއީ ސިޓީ އެފްސީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް