ads
ޖުވެނައިލް ކޯޓު----
އިސްކަންދޭނީ ކުށްކުރާ ކުދިންގެ މައްޗަށް ދައުވާނުކޮށް އިސްލާހު ކުރަން: ޖުވެނައިލް ކޯޓް
ކުޑަކުދިންގެ އަދުލުގެ ގާނޫނުން އެންމެ އިސްކަމެއް ދޭނީ ކުށްކުރާ ކުދިންގެ މައްޗަށް ދައުވާނުކޮށް އިސްލާހު ކުރަން ކަމަށް ޖުވެނައިލް ކޯޓުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދައުވާ ކުރުމުގެ މަރުހަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ޑައިވާޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ކަމަށާއި ދައުވާ ކުރަންޖެހޭ މައްސަލަތަކުގައިވެސް، ކުދިންގެ މަސްލަހަތުތަކަަށް ރިއާޔަތްކޮށް އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމީ، އެ ގާނޫނު ތަންފީޒް ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށެވެ.

"ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީއަތްތައް ހިންގުމުގައާއި، އަދަބު ކަނޑައެޅުމުގައާ އަދި ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިސްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ގެނެސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމީ، މި ޤާނޫނުގެ އެންމެ މުހިއްމު އެއް މަގްސަދު" ޖުވެނައިލް ކޯޓުން ބުނެފައިވެއެވެ.

ޖުވެނައިލް ކޯޓުން އިތުރަށް ބުނީ އެ ގާނޫނު ތަންފީޒް ކުރުމުގައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުވެނައިލް ކޯޓުން ގެންދަނީ ކުރަމުން ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ހޯމް މިނިސްޓްރީން އުފައްދާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުނީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުންނެވެ. މިޤާނޫނަކީ މިދިޔަ އަހަރުގެ ނޮވެންމަރު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ، 2019 ނޮވެމްބަރު 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީޤުކުރައްވާފައިވާ ޤާނޫނެކެވެ. އަދި އެ ގާނޫނަށް މިމަހުގެ 20 ވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.  

ގާނޫނާ ހިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެ ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޒަންތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް