ads
ވާހަކަ: ބާދު ޝާހު
"ވަރަށް ހައިވެއްޖެ ދެން ކެތެއް ނުވާނެ!" މޭޒުކައިރީ ހަމަޖެހިލަމުން ކޮނޑުގައި އޮތް ދަބަސް ޖެހިގެން ހުރި ގޮނޑީގައި ބާއްވާލީމެވެ.
"ވަރަށް ހައިވެއްޖެ ދެން ކެތެއް ނުވާނެ!" މޭޒުކައިރީ ހަމަޖެހިލަމުން ކޮނޑުގައި އޮތް ދަބަސް ޖެހިގެން ހުރި ގޮނޑީގައި ބާއްވާލީމެވެ.

"ލަމްއަށް ހައިވާކަން ވެސް އެނގެނީ ގޮހޮރު ވަޔާ ތެޅެންފެށީމަ." ޒިޔާދާ ހެމުންހެމުން އަހަންނާ ދިމާކޮށްލިއެވެ.
"ކޮބައިތަ އޯޑަރު ނަގާ ބޯއީ ގަނޑު ވެސް މިއަދު؟" ދާހިތްލާ ފޯވެފައިވާ އަހަރެންގެ މޫނު ޓިޝޫއަކުން ފޮހެލީމެވެ.

ދެއަތުން މޫނާ ދިމާއަށް ވިހެލާ ކަހަލަ ހަރަކާތަކާއެކު ރެސްޓޯރެންޓްގެ ހަލަބޮލި މާހައުލަށް ބަލައިލީމެވެ. މުޅިމާހައުލު އެއްވަސްވެފައި ވަނީ ކާތަކެތީގެ ވަހުންނެވެ. ސަމުސާތަކާއި އޫތައް ތަށިތަކުގައި ބޮސްދެމުން ދިޔަ ހިތްގައިމު މިޔުޒިކުން މާހައުލު ގުގުމަމުން ދިޔައެވެ. މީރުކޮށް ކެއުމަށް އިންސާފުކުރަމުން ދިޔަ މީހުންގެ ހަރަކާތްތައް ފެނުމުން ދޫ ދަށުގައި އާދަޔާ ޚިލާފު އޮއިވަރެއް ފާއްދައިލިއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ހިންދިރުވާލެވުނެވެ. ދެތުންފަތުގައި ދޫކާއްތާލެވުނެވެ.
"ހާދަ ދަހިވެފަ އިންހެން ހީވޭ." ޒިޔާދާގެ ބަދަލުނުވި އާދައިން މުޚާތަބުކޮށްލީ އަހަންނާއެވެ.

"ދެން ދަހިވާނެ ދޯ މީރުހާ ކައި އެއްޗެހި ކާން ތިބޭ ތަންތަން ފެނުނީމަ! ބަލައިބަ އެމީހުން ކެއުމާ ހެދި އުޅޭވަރު." ޖެހިގެން ހުރި މޭޒު ކައިރީގައި ކާންތިބި ދެ ޒުވާނުންނަށް އިޝާރަތްކޮށްލަމުން އަހަރެން ޒިޔާދާއަށް ލޮލުން އިޝާރާތްކޮށްލީމެވެ.

"އެހެންނު ވާނީ އިންޑިޔާއަށް އައިފަހުން މި ތަނުން ނޫނީ ކެވޭ ކަމަކަށް ނުވޭވިއްޔާ!" ޒިޔާދާ ދިމާކޮށްލިއެވެ.
"މިތަނުން ނޫނީ މީރު ކައި އެއްޗެއް ލިބެނީކީ ނޫން. ބައްޕައަށް ނޭނގުނު މިނޫން ޤައުމަކަށް ފޮނުވާކަށް. ކީއްކުރަންތަ މައިސޫރަށް މި ފޮނުވީ؟" ނުރުހުންވެފައިވާ އިނދެ ކުދި ކިޔައިލީމެވެ.
"ކިޔަވައިދޭކަށްނު. މޮޅު މީހަކަށް ހަދާކަންނު."

"އެހެންވެއެއް ނޫން. އެ ޝިޔާޒު ގަނޑާ ހެދި. އޭނާގެ ފޫބުޑުގަ ބަހައްޓަން. މަ ހާދަ ފޫއްސެއްވެޔޭ." ދެ އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގައި ފުނާއަޅައިލަމުން ފޫހިވާކަން މޫނުމަތިން ހާމަކޮށްލެވުނެވެ.

ބުނެވުނު އެއްޗަކާ މެދު ވިސްނައިލެވުނީ އޭގެފަހުންނެވެ. އެހެންވެ މަޑުމަޑުން އިސްޖަހައިލެވުނެވެ.
"އައްސަލާމް އަލައިކުމް." ފިރިހެންވަންތަ އަޑެއް އިވުމުން ބަލައިލެވުނެވެ.

މުޅިން އައު އަޑެއް ވީމައެވެ. ދެ މަސްވީއިރު ވެސް އެ ތަނުން ނީވޭ އަޑަކަށްވާތީއެވެ. އެއީ އޯޑަރު ނަގަން އައިމީހާއެވެ. ކުރިން ނުދެކޭ ޒުވާނެކެވެ. ދަތްދޮޅީގައި އެއްއަތް ވިއްދައިލައިގެން އިނދެ އެ ޒުވާނާއަށް ބަލައިލެވުނީ އެހެންވެއެވެ.

މަޑުމަޑުން އެމީހާގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލެވުނެވެ. ބައިމަތިފުޅާ ފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ބަލައިބެލުމަށް ސައުވީހަކަށް އަހަރު ވެދާނެއެވެ. އަހަންނަށް އިސްކަންދެވުނީ ޒުވާނާގެ މޫނަށެވެ. އެއީ ފިރިހެންވަންތަ މޫނެކެވެ. ހިމަ ތޫނު ދަތްދޮޅިއެކެވެ. ދަތްދޮޅީގެ މެދުން އަޑިވަދެފައިވާ ތަންކޮޅުގެ ސަބަބުން އެ ދަތްދޮޅީގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ގަދަ ފިޔާތޮށިކުލައިގެ ފަތި ތުންފަތެކެވެ. ހިމަ ދިގު ނޭފަތެކެވެ. ހީލުމުން ކޮލަށް އަޑިވާކަހަލަ ރީތި އޮމާން ކޯތާފަތެކެވެ. އެއްމިޔަކަނުން ހީލައި ހީލުމުން ހިތްކަތިލާހާ ވެއެވެ. ރީތި ފުން ދެ ލޮލެވެ. ޖާދޫއެއް ފަދަ ތޫނު ނަޒަރެކެވެ. ކުޅަދުންވަންތަކަމޭ ހިތަށް އެރިއެވެ. ފުރިހަމަ ރީތި ފިރިހެނުން ވެސް ދުނިޔޭގައި އުޅޭތާއޭ ހިތްބުނަމުން ދިޔައެވެ. އެ ޒުވާނާގެ މޫނަށް ނަޒަރު ނުހުއްޓެންވީ ސަބަބެއް ނެތެވެ. އެއީ އަހަރެން ބޭނުންވާ ކަހަލަ ސިފަތަކެވެ. އަހަރެން އެންމެ ގަޔާވާ ގޮތްތަކެވެ.

"އޯޑަރު ދެއްވާ." އެއްމިޔަކަނުން ހިނިތުންވެ ހުރެ ޒުވާނާ ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ.
"ލަމް." ޒިޔާދާ އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ.

"ކީކޭ؟" އެ ޒުވާނާގެ މޫނަށް ކަޅި ޖަހައި ނުލައި ބަލަން އަހަންނަށް އިނދެވުނީއެވެ.
"ދެން އޯޑަރު؟" ޒިޔާދާ އަހަރެންގެ އަތަށް ދެވަނަ ފަހަރަށް ދަމައިލިއެވެ.
"ނަން؟" އިނގިރޭސި ބަހުން އަހަންނަށް ބުނެވުނީ އެ ވަރަށެވެ.
"މަގޭ ތަ؟" އެ ޒުވާނާ މޭގައި ގަލަން ޖައްސާލަމުން އަހަރެންނާ ހަތަރުކަޅި ހަމަކޮށްލިއެވެ.

އެ ފުން ނަޒަރުގެ ރާޅުބާނިތަކުން އަހަރެންގެ ހިތުގެ ނާރުތައް ރޫރޫ އަޅަމުން ދިޔައެވެ. އެތެރެހަށީގައި ނޭނގޭ ހަރަކާތް ތަކެއްގެ ބާނިތައް ދައުރުވަމުން ދިޔައެވެ. އަތްފައި ފިނިވެ މީހާގެ ނޭވާ އަވަސްވަމުން ދިޔަ ކަހަލައެވެ. އަހަރެންގެ ތިރީތުންފަތުގައި އަމިއްލައަށް ދަތްއަޅައިލެވުނެވެ. އެ ޒުވާނާގެ ހިތުން ތަފާތު މެސެޖުތަކެއް އަހަންނަށް ނަގައިގަނެވުނެވެ. އޭނާގެ ހިތުގެ ސާބިތުކަން އަހަންނަށް ވަޒަންކުރެވުނެވެ. ވާހަކަދެއްކުމަކާ ނުލައި އެ ހިތް އަހަރެންގެ ހިތުގެ ތެރެއަށް ލެވުނު ކަހަލައެވެ.

"ބާދުޝާޚް." އެ ޒުވާނާ މަޑުމަޑުން ބުނެލިއެވެ.
"ލަމްހާ. ލަމް!" އޭނާ ބަލަން ހުރި ގޮތުން އަހަރެންގެ ނަން އޮޅުން ފިލުވަން ބޭނުންވި ހެން ހީވުމުން އަހަރެން ވެސް ވައި އަޑުން ޖަވާބުދިނީމެވެ.

ބާދުޝާޚްގެ ނަޒަރުތަކުން އަހަރެންގެ ހިތް ކުދިކުދި ވަމުންދިޔައެވެ. ވާނުވާ ނޭނގޭ ހާލު އޭނާގެ މައްޗަށް އަހަންނަށް ލެނބެމުން ދެވުނެވެ. މިއީ ކުރިން ދުވަހަކު ވެސް ކުރެވުނު އިޙްސާސްތަކެއް ނޫނެވެ. ކުރިން ވީ ގޮތެއް ނޫނެވެ.

މާމެލާމެލީގެ ބަގީޗާއެއްގެ ތެރޭގައި އުދުހެވޭ ކަމުގެ އިޙްސާސްތަކެއް ކުރެވެމުން ދިޔައެވެ. ފިނިފިނި ވިލާތަކުގެ ތެރޭގައި ފަތަމުންނެވެ. ހީ ސަމާސާ ކުރަމުންނެވެ. އެއް ވިލާގަނޑުން އަނެއް ވިލާގަނޑަށް ފުންމަމުންނެވެ. އަހަރެންނާއެކު ބާދުޝާޚް ވެސް އެ ސަކަރާތުގައި ބައިވެރިވަމުން ދިޔަ ކަހަލައެވެ. ޚިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނީ ޒިޔާދާ އަހަރެންގެ މޫނުގައި ތެތް ޓިޝޫއެއް ޖައްސައިލުމުންނެވެ.

ބާދުޝާޚް މަޑުމަޑުން ޒިޔާދާއަށް ބަލައިލިއެވެ.
"އޯޑަރު ދެއްވަންވީނުން ތޯ!" ބާދުޝާޚް ޒިޔާދާއަށް ބަލައިލަމުން ހީލިއެވެ.

"މަށަށް ހީވަނީ ދެން އިތުރަށް ކާނެ ކަމެއް ނެތްހެން؟ މާ ރަނގަޅަށް ވެސް ޝާޚް މި މަންޖެއަށް ކާންދީފަ ކަންނޭނގެ. މިހާރު ދެން ކެއުމެއް ބުއިމެއް ނޯންނާނެ. ދެން އޮންނާނީ މިކަން." ޒިޔާދާ ދިވެހިބަހުން ވާހަކަދައްކަމުން އަނެއްކާ ވެސް އަހަރެންގެ އަތަށް ދަމައިގަތެވެ.

ޒިޔާދާ ދެއްކި ވާހަކަތައް ބާދްޝާޚަށް ދޭހަ ނުވާކަން މޫނުމަތިން ހާމަވަމުން ދިޔައެވެ.
"އޯހް. ގެނޭ ހައިދަރުއާބާދު ދެ ބިރިޔާނީ." އަހަރެން އޯޑަރު ދިނީމެވެ.

"އިހަށް އޯޑަރު ނުދީ މަޑުކޮށްލަންވީނު ބައްޕާ." އަހަރެން ފޯނުން ވާހަކަދެއްކީ ބައްޕައާއެވެ. "އަދި އެ ބައޮތެއްނު އަހަރަކާއި ބައި."

"ތި ދެ ކުދިން ނިމިގެން އަންނަންވާއިރަށް ހުރިހާ ކަމެއް ތައްޔާރަށް ބަހައްޓަން ބައްޕަ ބޭނުންވަނީ. އެހެން ނޫނަސް ޕާޓީއަށް އަންނަ މީހުންނަށް ހަދިޔާއަށް ދޭން ބައްޕަމެން އެ ގެނައުމަކުން ގޯހެއް ނެތެއްނު. އެއީ ނުބައިވާނެ އެއްޗެއް ނޫންނެއްނު."

"ޝިޔާޒާއި ބައްޕައަށް ފެންނަ ގޮތަކަށް ކަންކަން ކުރިއަށް ގެންދަވާ. އަޅުގަނޑުގެ މައްސަލައެއް ނެތް،" އެ މައުޟޫޢުގައި އިތުރަށް ވާހަކަދައްކަން ބޭނުން ނުވާތީ ކުރުކޮށްލީމެވެ. "އަޅުގަނޑު މިއުޅެނީ ޔުނިވަރސިޓީގަ. މި ދަނީ ކުލާހަށް. ދެން ބޭއްވީ މަންމައަށް ސަލާމް."

"ދެން ބުނާނެ ތިމަން ބޭނުންވެގެންނެއް ނޫނޭ މިކަން މި ކުރަނީ،" އަހަރެން ފޯނު ބޭއްވުމުން ޒިޔާދާ ދިމާކޮށްލިއެވެ. "ޝިޔާޒަކީ ތިމަންނަ އެންމެ ފޫހިވާ މީހާއޭ."

އޭރު އަހަރުމެންނަށް ތިބެވުނީ ޔުނިވަރސިޓީގެ ގޯތިތެރޭގައެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާ ގޮނޑިތަކުގެ ކައިރީގައެވެ. ފެންއަރުވާ ވަޑާމުގެ ހިތްގައިމު ބަގީޗާގައެވެ.

"އެނގޭތަ؟ އަހަންނަށް ނުވެސް ނިދުން ރޭގަ." އަހަރެން ހިނިތުންވެލަމުން ޒިޔާދާއަށް ބަލައިލީމެވެ.
"ވާއު. ފުރަތަމަ ނަޒަރުން ލޯބި." އަހަރެންގެ އަތުގައި ޒިޔާދާ ހިފައިލިއެވެ.

އަހަރެން ކޮޅަށް ނެގިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލައި އަހަރެން އަތާ އަތް ޖޯޑުކޮށްލިއެވެ.
"ލޯބީގެ ގުލްޝަނަށް މަރުޙަބާ. މި ގުލްޝަންގައި އުޅޭނީ ލޯބިވެރިން. ލައިލާއާއި މަޖުނޫނު. ޝީރީނާއި ފަރުޙާދު. ދޮން ހިޔަލައާއި އަލިފުޅު. ރޯމިއޯ އާއި ޖޫލިއެޓް. ލަމްހާ އާއި ޝާޚް."

ޒިޔާދާގެ ކޮނޑުގައި އަހަރެންގެ ކަނާއަތް އަތްތިލަ ބާއްވާލިއެވެ. އަދި އަހަރެންގެ ކޮނޑުގައި ޒިޔާދާގެ ވައަތް އަތް ބާއްވާލަމުން ކުޑަ ކޮރެއް ލައްވަމުން އެނބުރިލިއެވެ. ހީވަނީ ފިލްމެއްގެ މަންޒަރަކަށް ނަށާހެންނެވެ. އެއަށްފަހު މަޑުމަޑުން، އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް ފެން އަރުވާ ވަޑާން ކައިރީގައި ހުރި ގޮނޑީގައި ބައިންދާލިއެވެ. ޒިޔާދާގެ ހަރަކާތްތަކަށް އަހަރެން ވެސް މަރުޙަބާ ކިޔަމުން ދިޔައީމެވެ. އެއީ، ޔުނިވަރސިޓީގެ އާދަކާދަ އަކަށް ވާތީއެވެ. އުފަލެއް ލިބުމުން ނުވަތަ ހިތްހަމަ ޖެހުމުން އެކަން މުނާސަބު ކުރާގޮތް ކަމަށްވާތީއެވެ. އެ އާދަކާދައަށް އިޚްތިރާމުކުރުމުގެ ގޮތުންނެވެ.

"ލޯބީގެ ގުލްޝަން ތެރޭގައި އެކި ކަހަލަ ބަޅިނދާ ކޮކާލާއި މާބުރު އުޅޭނެ. ކޮންމެ މާބުރެއް ވެސް މަލުގެ ވަށައިގެން ޠަވާފުކުރާނެ. މަލުން ރާހަތެއް ލިބޭތޯ ފާރަވެރިވާނެ." ފަރިތަކަމާއެކު އިނގިރޭސިބަހުން، އާ ޅެން ކިޔާ ރާގުގައި، ޒިޔާދާ ރާގު އަޅުވައިލަމުން އެނބުރިލިއެވެ.

"ލޯބި އެއީ އިޙްސާސެއް. އެއީ ހިތުގެ އެދުމެއް. ޖާޒުބީ އޮއިވަރެއް. އެއް ހިތުގެ މައްޗަށް އަނެއް ހިތް ލެނބޭ ލެނބުމެއް،" ޒިޔާދާ މަޑުމަޑުން އަހަރެންގެ ގާތުގައި އިށީނދެލިއެވެ. "އަހަރެންގެ ލަމްއަށް ލޯބިވެވިއްޖެ. ލޯބިވެވިއްޖެ! އިންތިހާއަށް ލޯބިވެވިއްޖެ. ދެން އޮތީ އެކަން އިޢުލާންކުރުން. އެކަން ހާމަކުރުން. އެންމެން އާދޭ. އުފާކޮށް މަޖާކުރަން އާދޭ! މީ އުފާވެރިކަމެއް. އަލަތު ލޯބި. މީ އުފާވެރިކަމެއް. އެވެސް ފުރިހަމަ ރީތި ޒުވާނަކަށް."

އަހަރެން ހިނިތުންވެ ހުރެ ކޮޅަށް ތެދުވެލަމުން އަތްތިލަބަޑި ޖަހަން ފެށީމެވެ. ޒިޔާދާގެ ހަރަކާތްތަކަށް ތަޢުރީފުކޮށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. އޭރު ޔުނިވަރސިޓީގެ އެ މާހައުލުގައި ތިބި އެހެން ކުދިން ވެސް އައިސް އަހަރުމެންގެ އުފަލުގައި ބައިވެރިވަމުން ދިޔައެވެ. ހީހީފައި ބާރުބާރަށް އަތްޖެހުމާ އެކުގައެވެ.

"ކޮބައިތަ ޝާޚް؟" ރެސްޓޯރެންޓްގެ ތެރެއަށް ނުވަދެވީނީސް އެކި ފަރާތްފަރާތަށް ބަލަމުން ބޯއަރި ކުރަމުން އަހަރެން ބާދުޝާޚް ފެނޭތޯ ބަލަމުން ދިޔައީމެވެ.

"މިއަދު ޑިއުޓީއަށް ނާންނަނީ ކަންނޭނގެ!" ރެސްޓޯރެންޓް ތެރޭގައި ހޭލަމޭލައަށް އުޅެމުން ދިޔަ ވެއިޓަރުންގެ ހަރަކާތްތަކަށް ބަލަމުން ޒިޔާދާ ވެސް ބޯއަރިކުރަމުން ދިޔައެވެ.

"ގައިމު ކުރިން ދެ ދުވަހު އަހަރުމެން ފެންނަ އިރަށް ޝާޚް އޯޑަރު ނަގަން ވެސް އައެއްނު." އަހަރުމެން ގޮނޑީގައި ހަމަޖެހިލީމެވެ.
"އާނ ދޯ."

"އަހަރެންގެ ހިތްބުނަނީ ޝާޚަށް ކޮންމެ ވެސް ކަމެއް ދިމާވެއްޖޭ." ހިތުގެ ހިނގަމުން ދިޔަ އުފާވެރިކަމުގެ އޮއިވަރު ނުތަވަސްކަމަށް ބަދަލުވަމުން ދިޔައެވެ.

"ހިނގާބަލަ އަހައިލަމާ! މިހިރަ އަންނަނީ އޯޑަރު ނަގަން އަންނަ ކުއްޖާ." ޒިޔާދާ ޚިޔާލެއް ދިނެވެ.

އޯޑަރު ނަގަން އައި ކުއްޖާއާ އަހަރުމެން ވަރަށް ގިނަ ސުވާލުކުރީމެވެ. ހައިރާންކަމާއެކު ހާސްކަންމަތީ ތިބެގެންނެވެ. އޯޑަރު ނަގަން އައި ކުއްޖާ ކައުންޓަރަށް ގޮސް އެހެން ކުދިންނާ ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު، ކުޑަ ކަރުދާސްކޮޅެއް ގެނެސް އަހަރެންނާ ހަވާލުކުރިއެވެ. އަހަރުމެން ދެމީހުންނަށް އެކުގައި ކޮޅަށް ތެދުވެވުނެވެ. މުޅި ރެސްޓޯރެންޓްގައި ތިބި އެންމެން އަހަރުމެންނަށް ކަޅިއަޅަމުން ދިޔައެވެ. އަވަސްއަވަހަށް ރެސްޓޯރެންޓްގެ ތެރެއިން ނުކުތީމެވެ.

ބޭރަށް ނުކުމެވުމާއެކު އޮޓޯއެއް ނެގުމަށްފަހު ކަރުދާސްކޮޅުގައި އޮތް އެޑްރެސް އޮޓޯ ޑްރައިވަރަށް ދައްކާލީމެވެ. އޭރު ހަވީރު ހަތަރެއް ޖަހަނީއެވެ.

"ހަލޯ ކޮންތާކު؟" ޝިޔާޒު ފޯނުކުރީ އަހަރުމެން އޮޓޯއަށް އަރާ ދުއްވަން ފެށިތާ ފަނަރަވަރަކަށް މިނެޓުވީ ފަހުންނެވެ.
"މިދަނީ ރައްޓެއްސެއްގެ ގެއަށް. ފަހަރެއްގަ ވަރަށް ލަސްވެދާނެ. އަވަހަށް އަންނަން ވެގެން އޮޓޯއަކަށް އަރާ މި ތިބީ. ވޭން ފޮނުވަން ވެއްޖެ ނަމަ ގުޅާނަން." ޝިޔާޒު ސުވާލެއް ކުރުމުގެ ކުރިން ހުރިހާ ވާހަކައެއް އެއްފަހަރާ އަމުނައިލީމެވެ.

"ކޮން ބައެއް ދަނީ؟ ދިވެހި ކުއްޖެއް އެބަހުރިތަ؟" ޝިޔާޒު ސުވާލުކޮށްލިއެވެ. "ޒިޔާދާ އެބަ އިންތަ؟"
"ޒިޔާދާ އާއެކު މި ދަނީ،" އަހަރެން ބޭނުންވީ އަވަސްކޮށްލުމަށް ފަހު ފޯނު ބާއްވާށެވެ. "އެއީ މިކޮޅު ކުއްޖެއް ނޫން. ފަހުން ގުޅާނަން."

"ލަމް ވަންނަންވީނު. އަހަރެން މަޑުކޮށްލާނަން ބޭރުގަ." ޒިޔާދާ އަހަރެންގެ ކޮނޑުގައި މަޑުމަޑުން ހިފަހައްޓާލަމުން ބުނެލިއެވެ.

އަހަރެން ޒިޔާދާގެ މޫނަށް ބަލައިލީމެވެ. އޭނާ ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. ނުދަންނަ ގެއެއްވީމައެވެ.

އަހަންނަށް ބަލައިލެވުނީ ޖިފުޓިއެއް ކަހަލަ މުސްކުޅި އެ ގެއަށެވެ. ގޭގެ މަތިވަޑާންގަނޑު ހުރީ ބާވެ ވީރާނާވާން ކައިރިވެފައެވެ. ޓިނުތަކުގެ ކުލަވަނީ ދަބަރު ހިލި ގަދަ މުށިކުލައަށް ބަދަލުވެފައެވެ. ގޭގެ ދޮރުކަނިތައް ވަނީ ހަލާކުވެފައެވެ.

ދޮރުފަތުގެ ތިރީބައި ވަނީ ބިންދައިގެން ގޮހެވެ. ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުތުރިގަތެވެ. ގޮތް ނޭނގޭ އެގެއަށް ވަންނަން ޖެހިލުންވަމުން ދިޔައެވެ. އެހެންވެ ޒިޔާދާގެ އަތުގައި ހިފައިލެވުނެވެ. އެކުގައި އަންނާށޭ ބުނާފަދައިން އޭނާގެ މޫނަށް ބަލައިލެވުނެވެ.

(ނުނިމޭ)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް