
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ބައެއް ކަންކަމަށް ބަލާލާނަމެވެ. އެއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ފާހަގަކުރެވޭނެ ކަންކަމެވެ. ރޭޕް އާއި ފޭރުމާއި މީހުން ރަހީނު ކުރުމެވެ. އެފަދަ އެތައް މައްސަލައެއް ފާއިތުވި ދެ މަސް ތެރޭގައި އެކަނިވެސް ހިނގާފައި ވެއެވެ.
ފޭރުމުގެ މައްސަލަތައް
ރޫޓު ފިހާރައިން ބޭންކު އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަން ރުފިޔާ ފޭރެން މަސައްކަތް ކުރީ އޮކްޓޫބަރު މަހު އެވެ. ދެ ސައިކަލެއްގައި ދުއްވާފައި ދިޔަ ހަތަރު މީހަކު ފައިސާތައް ފޭރިގަންނަން އުޅުނީ މީހުން ގިނަ މަގެއްގައި ހެނދުނުގެ އެންމެ ކާރޫބާރު ބޮޑު ވަގުތުގަ އެވެ.
ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުން ކަމަށް ހެދިގެން މާލޭގައި ހުންނަ ފަރިވާ ސްޓޭ ގެސްޓުހައުސަށް ވަދެ ތިން މީހަކު ފޭރިފައި ވަނީ މި މަހު އެވެ. މިއީ މުޅިން އާ ބާވަތެއްގެ ފޭރުމެކޭ ދެންނެވުމަކުން ގޯހެއް ނެތެވެ. މީގެ ކުރިން "އިމްޕޯސްޓާޒް" ގޮތުގައި ރާއްޖޭގައި ފޭރުނު އަޑެއް އިވިފައެއް ނުވެ އެވެ.
ރަހީނު ކުރުން މައްސަލަތައް
ދޭތެރެ ދެތެރެއިން މާލޭގައި ބިދޭސީން ރަހީނު ކުރުމުގެ ހާދިސާތައް ހިނގަ އެވެ. އެކަމަކު މަގުމަތިން ހިނގާފައި ދަނިކޮށް ދިވެއްސަކު ރަހީނުކޮށްގެން ބިރު ދައްކާ ފައިސާ އަތުލިކަމުގެ ވާހަކައެއް މީގެ ކުރިން ނޭނގެ އެވެ. ރ. ކިނޮޅަސް، ލަގްޒަރީ، އުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރަށް މިދިޔަ މަހު ދިމާވީ އެފަދަ ކަމެކެވެ.
އޭނާ ގެއްލިގެން ފޮޓޯ އާއްމުކޮށް ހޯދަން އިއުލާން ކޮށްފައި ވަނިކޮށް އަމިއްލައަށް ގެއަށް އައި ކަމަށް ހަބަރު ފެތުރުނު ނަމަވެސް، އޭނާގެ އާއިލާއިން ބުނީ ޝިރުމީނާ އޮތީ އަނިޔާތަކެއް ދީ ގޭގެ ސިޑިގޮޅިއަށް އެއްލާލާފައި ކަމަށެވެ. އޭނާއަށް އަނިޔާކޮށް ފައިސާތަކެއް އަތުލާފައި ވާއިރު، ރަހީނު ކުރީ ގޯޅިގަނޑެއްގެ ތެރެއިންނެވެ.
އޭގެ ފަހުން މި މަހު ވެސް ވަނީ ގދ. ތިނަދޫގައި ރަހީނު ކުރުމުގެ ހާދިސާއެއް ހިނގާފަ އެވެ. އެކަމުގެ މާ ބޮޑު ތަފްސީލެއް ހާމަވެފައެއް ނުވެ އެވެ. އެކަމަކު ރަހީނުކުރި މީހާ ސަލާމަތްކޮށް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ. ދެން ފާހަގަވި އެންމެ ބޮޑު ހާދިސާއަކީ މަސްދޯންޏެއް "ހައިޖެކް" ކުރަން އުޅުނު މައްސަލަ އެވެ.
މިދިޔަ މަހު ހިނގި އޭ ހާދިސާއަކީ މަސްދޯނި ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުމާ އެއް ގޮތަށް އަމަލު ނުކުރާތީ ހިނގި ހާދިސާ އެކެވެ. ދަންވަރުގެ ވަގުތުގައި ތޫނު ހަތިޔާރާއެކު ބޮޑު ގްރޫޕަކުން ދޯންޏަށް އަރާ މަސްވެރިންނަށް ބިރު ދައްކާ، ދޯނި ގެންދިޔެއީ އެމީހުން ބޭނުންވި ތަނަށެވެ.
ރޭޕް ކުރުމުގެ މައްސަލަތައް
ރޭޕްގެ މައްސަލަތަކުގެ ތަފްސީލް މީޑިއާތަކުގައި ޖަހައެއް ނަހަދަ އެވެ. އެކަމަކު ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ތިން މައްސަލަ އަދި އޮކްޓޫބަރު މަހު ދެ މައްސަލަ ހުށަހަޅާފައި ވެއެވެ. މުޅި އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެވްރެޖް ގޮތެއްގައި ރޭޕްގެ ދެ މައްސަލަ މަހަކު ހުށަހަޅަ އެވެ.
މިދިޔަ މަހު ފާހަގަވި ރޭޕްގެ ބޮޑު އެއް މައްސަލަކީ ކުނި ކޮތަޅު ހިފައިގެން ސިޑިން ފޭބި އަންހެނަކަށް ގޭގެ ސިޑިގޮޅީގައި ފިލާ ހުރި ބަންގްލަދޭޝް މީހަކު ހަމަލާދީ، ރޭޕްކުރަން މަސައްކަތް ކުރި މައްސަލަ އެވެ. ނަމަވެސް އަންހެން މީހާގެ ހަޅޭކުގެ އަޑުގެ ސަބަބުން ރޭޕް ކުރެވޭ ގޮތެއް ނުވި އެވެ. ފިރިހެން މީހާ ވަނީ ދުވެ ފިލާފަ އެވެ.
ކޮންމެއަކަސް މިއީ އެންމެ ދެ މަސް ތެރޭގައި ފާހަގަވެފައިވާ ބޮޑެތި ކުށްތަކެވެ. މި ސަބަބުތަކާ ހުރެ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން މިހާރު ވަނީ ގެއްލިފަ އެވެ. މަގުމަތިން ދަނިކޮށް ފޭރުމުގެ ހާދިސާއަކާ ދިމާވާނީ ކާކަށް ކަމެއް ނޭނގެ އެވެ. މަގުމަތިން ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ލިބޭނީ ކާކަށް ކަމެއް ނޭނގެ އެވެ. ކަނޑުމަތިން ހައިޖެކް ކުރާނީ ކޮން މަސްދޯންޏެއް ކަމެއް ނޭނގެ އެވެ. އަދި އަމިއްލަ ގޭގެ ސިޑިގޮޅީގައި ރޭޕްގެ ޝިކާރައަކަށް ނުވެ ދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
ފޭރުމާއި ރަހީނު ކުރުން ފަދަ ކަންކަމުގައި ފުލުހުން ބުނެފައި ވަނީ އެފަދަ ކަންކަން ދީނާ ގުޅުވައިގެން ކުރާ މީހުން ގިނަވެފައިވާ ކަމަށެވެ. ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން އެފަދަ ބޮޑެތި ކުށްތައް ކުރުމަށް ޖެހިލުން ނުވާ ކަމެވެ. ދެން އޮތީ ރޭޕް އެވެ. ރޭޕް ފަދަ ކުށްތަކަށް އަރައިގަންނަނީ އަންހެނުންނާއި މެދު މުޖުތަމައުގެ ވިސްނުން ގޯސްވުމުންނެވެ. އަލުން އަނެއްކާވެސް އަމާން ރައްކާތެރި ރާއްޖެއެއް ބިނާކުރުމަށް މިއަދު މި ވަނީ ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.