ads
އެމްއޭސީޢެލްގެ ޗެއާޕާސަން ނޫރައިން އަދި މެނޭޖިން ޑިރެކްޓަރު ޝަރީފު - ފޮޓޯ: އެމްއޭސީއެލް
ވީއައިޕީ ޓާމިނަލް ބޭރު ބަޔަކާއި ހަވާލުކުރަން ނިންމާފައެއް ނެތް: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްވެސް ޓާމިނަލެއް އެއްވެސް ބަޔަކާ ހަވާލުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިހާރު ހިންގަމުންދާ އެއާޕޯޓުގައި އާ ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމާއި ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ މަސައްކަތެއް ހޯދަން އެދި ދުބާއީގެ ޖެޓެކްސް ކުންފުނިން ހުށަހަޅައިފައިވާ ކަމަށާއި، ސަރުކާރުން އެ ހުށަހެޅުމާމެދު ވިސްނަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފަ އެވެ.

ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ވީއައިއޭގެ ވީއައިޕީ ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެއްވެސް ޓަާމިނަލެއް ހިންގުން ބޭރު ބަޔަކާއި ހަވާލުކުރަން ނިންމާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލަށް އަބަދުވެސް އެކި ކުންފުނިތަކުގެ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ލިބޭކަން ފާހަގަކުރައްވައި އޮފިޝަލު ވިދާޅުވީ ދުބާއީގެ ކުންފުންޏަކުންވެސް ޕްރޮޕޯސަލެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ޕްރޮޕޯސަލާ ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނިންމާނީ ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެން ކަމަށްވެސް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26ގައި ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.

ތަރައްގީކޮށް ނިމެން ކައިރިވެފައި އޮތް ހދ. ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ ދޮގުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް