ads
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް، އެ ޕާޓީގެ އިސް ބޭފުޅުންނާއެކު. މަލީހު ފަހަތުގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޯލިޝަނާ ގުޅޭ ގޮތުން މަލީހުގެ ވާހަކަ ދެކޮޅު ޖެހޭތަ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުނުއިރު، ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު މި ވަނީ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާފަ އެވެ.

އެކަމާ ގުޅިގެން މަލީހުގެ ނުރުހުން އެމްޑީޕީއަށް ވަނީ އަމާޒުވެފަ އެވެ. މަލީހު ތުހުމަތު ކުރައްވާ ގޮތުގައި މިއީ "މަކަރުވެރި، ހީލަތްތެރި ގޮތެއްގައި ކޯލިޝަނުގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން" އެކެވެ. އަދި އެމްޑީޕީން އުޅެނީ "މުޅި އެތި ޖަހައިގަންނަން" ކަމަށް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުގެ ދޫ މޯގޭޖުކޮށްފައި އޭގެ ސެޓްފިކެޓް އެވެރިންނަށް ހަވާލުކޮށްފައި ނުވާނެ. މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަނުގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން ކުރިއަށް އެ ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން. ސުޕަ މެޖޯރިޓީ ސުޕަ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ،" މަލީހް ވިދާޅުވި އެވެ.

މަލީހު ނިސްބަތްވެ ވަޑައިގަންނަވާ މި ސަރުކާރު އުފެދިފައި ވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ، އަދާލަތު ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި މަލީހުގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެދުގައި ވަނީ ސަރުކާރުގެ މަގާމުތައް ބެހުމަށް އެއްބަސްވުމަށް އެކުލަވާލާފަ އެވެ. 

މިހާތަނަށް ކޯލިޝަނުގެ މަގާމުތަކަށް ވަނީ ބައެއް ބަދަލުތައް އައިސްފަ އެވެ. ހައުސިން މިނިސްޓަރުގެ މަގާމު އެމްއާރްއެމްގެ ސްލޮޓަކަށް ވިއިރު, އެމަގާމު ހުސްވުމުން އެމްޑީޕީގެ މިނިސްޓްރީއަކާ އެއްކޮށްލެއްވީ އެވެ. އަދާލަތު ޕާޓީގެ ސްލޮޓެއް ކަމަށްވާ ޖެންޑާ މިނިސްޓްރީ ހުސްވުމުން އެ މަގާމު އަލުން އަނބުރާ ލިބުނީ އަދާލަތަކަށް ނޫނެވެ. ޖޭޕީގެ ސްލޮޓެއް ކަމަށްވާ ޓޫރިޒަމް މިނިސްޓްރީ ހުސްވުމުން އެމަގާމު އަލުން ޖޭޕީއަށް ލިބުނު އިރު, ހަމަ އެޕާޓީގެ ސްލޮޓެއްގައި ހުރި ހެލްތް މިނިސްޓްރީ ހުސްވުމުން އެ މަގާމު ލިބުނީ އެމްޑީޕީ އަށެވެ. 

ދެން އޮތީ މަލީހުގެ ގޮނޑި އެވެ. މަލީހު އެ މަގާމުގައި ހުންނެވީ ޖޭޕީގެ ސްލޮޓަކުންނެވެ. މަލީހަށް މަގާމު ގެއްލިއްޖެ ނަމަ ދެން އަމަލު ކުރައްވާނެ ގޮތެއް ނިންމަވާނީ ރައީސް ސޯލިހު އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން ނަމަ ގޮތް ނިންމަވާނީ އަބަދުވެސް ކޯލިޝަން ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. 

އާ ހެލްތު މިނިސްޓަރަކު އައްޔަނު ކުރެއްވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާ ރައީސް ވަނީ މީގެ ކުރިން ޝުކުރު ވެސް ދަންނަވާފަ އެވެ. އެއީ އެ ސްލޮޓް އެމްޑީޕީގެ ބޭފުޅަކަށް ދިނުމަށް މައްސަލައެއް ނެތް ކަމަށް ގާސިމް ވިދާޅުވުމުންނެވެ. އެހެންކަމުން ޔަގީންވާ ކަމަކީ މި ފަހަރު ވެސް ރައީސް ގޮތް ނިންމަވާނީ ގާސިމްއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމެވެ. 

"ފެނިގެން ދިޔެއީ އޮނަރަބަލް ގާސިމް އިބްރާހިމް އެބޭފުޅާގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް ވުރެ ބޮޑަށް ގައުމީ މަސްލަތަހު އިސްކުރައްވާ ގައުމުގެ ކަންކަން ހައްލު ކުރުމަށް އިސްކަމެއް ދެއްވި ތަން، އެކަމަށްޓަކައި މިއަދު ވެސް ގާސިމަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވެފައި ވެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވަނީ ކޮމިއުނިކޭޝަން މިނިސްޓްރީ އުވާލާށެވެ. ދެ އަހަރުގެ ތެރޭގައި އެ މިނިސްޓްރީއަށް ކަމެއް ނުކުރެވުނު ކަމަށް ވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މިނިސްޓްރީ އުވާލުން މާ ރަނގަޅު ކަމަށް ފާހަގަކުރައްވާފަ އެވެ. ހައުސިން މިނިސްޓްރީއަށް ދިމާވި ގޮތަށް ބަލާއިރު މިއީ ވެސް ވުން އެކަށީގެންވާ ގޮތެކެވެ.

ކޮންމެއަކަސް ގޮތް ނިންމަވާނީ ރައީސް އެވެ. އެއީ ކޯލިޝަން ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުން ނަމަ "މިނިސްޓަރު ބަދަލުވި ކޮންމެ ފަހަރަކި ޑިސިޝަން ނެގީ އެ ޕާޓީއެއްގެ އިސް ލީޑަރުންނާ ވާހަކަދައްކާފައި" އެވެ. 

އެގޮތުން ޖެންޑާ މިނިސްޓަރަށް އާ ބޭފުޅަކު އައްޔަނު ކުރެއްވީ އަދާލަތު ޕާޓީ (އޭޕީ) ގެ ރުހުމާއެކު ކަމަށާއި ހައުސިން މިނިސްޓްރީއަށް ބަދަލު ގެނައީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މަޝްވަރާ އާއެކު ކަމަށް ވިދާޅުވި އެވެ. 

ކޯލިޝަނުގެ ގުޅުން އަދިވެސް ކުރިއަށްދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިން އެއްބަސްވެފައި އޮތް ކަމެއް ބަދަލު ކުރަން ޖެހިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް މަޝްވަރާ އަށް ފަހު އެކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ދެން އޮތީ މިދިޔަ ހަފްތާ ބަންދުގައި ކޯލިޝަނާ މެދު ޕާޓީތަކުން ދެއްކި ވާހަކަ އެވެ. އެމްއާރްއެމުން ވަނީ ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކޯލިޝަން ސަރުކާރާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކޯލިޝަން ހެދި އިރު އެއްބަސްވެފަިއވާ ކަންތައްތައް އެގޮތަށް ނުވި ނަމަވެސް ކޯލިޝަނުން ވަކި ނުވާނެ ކަމަށް ގާސިމް ވެސް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލުމުގެ ވާހަކަ އެމްޑީޕީގެ ބައެއް ބޭފުޅުން ދެއްކި ނަމަވެސް ޖޭޕީގެ ތެރެއިން އެފަދަ މަސައްކަތެއް ނުކުރާ ކަމަށެވެ. 

"އަޅުގަނޑުމެންނަށް އެ އެއްބަސްވެވަޑައިގެންފައި އޮތް ގޮތަށް، މުޅިން 100 ޕަސެންޓް އެއްގޮތަށް ވަޒީފާތަކާއި ކަންތަކުގައި އެއްބަސްވުމާ އެއްގޮތަށް، 100 ޕަސެންޓް ދިޔަޔަސް، ނުދިޔަޔަސް އަޅުގަނޑުމެން މިތިބީ ސަރުކާރުން، އެމްޑީޕީއިން އަޅުގަނޑުމެން ވަކިކޮށްފައި އެއްލައިލާތޯ ބަލަން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓްގައި މިނިސްޓަރު ކަމުގައި މީގެ ކުރިން ތިބި ފަރާތްތައް ކަމަށްވާ އަލީ ވަހީދާއި އަބްދުﷲ އަމީނާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް އެބޭފުޅުންގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެއް ނުވެ އެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ މަލީހުގެ މައްސަލައިގައި އެއްޗެއް ވިދާޅުވުމަށް އިނގޭނީ މައްސަލައަށް ބެލުމަށްފަހު ކަމަށެވެ. އަދި މައްސަލަތަކެއް ހުރެއްޖެ ނަމަ އެކަންވެސް ގަބޫލުކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.  

މި ހުރިހާ ކަމަކަށް ބަލާއިރު، މި ވަގުތު އަނދަވަޅެއްގެ ތުންފަތް މަތީގައި ހުރި މަލީހު ކޯލިޝަނާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކައަކީ ދެކޮޅު ޖެހޭ ހެއްޔެވެ؟ އެކި މީހުންގެ ހިޔާލު ތަފާތުވާނެ ކަން ޔަގީނެވެ. ކޮންމެ ގޮތެއް ވިޔަސް ކުރިމަގުގައި ވާނެ ގޮތެއް ނޭނގެ އެވެ. ރައްޔިތުންނަށް ޖެހޭނީ ކުޅިބަލަން ތިބޭށެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް