ads
ހުޅުމާލެ ކުޑަ ކުދިންގެ ހިޔާ
ހިޔާގައި ކުދިންނަށް އަނިޔާކުރި މައްސަލާގައި 11 މީހަކަށް ދައުވާކުރަން އެދިއްޖެ
ދެހާސް ސަތާރަ ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނާއިމެދު އެތަނުގެ މުއައްޒަފުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަށް ދީފައިވާ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މިމައްސަލަ 2018 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓް ކުރިނަމަވެސް، މައްސަލަގައި ހިމެނޭ އެއްވެސް ފަރާތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން މިމައްސަލާގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ކޮމިޝަންގެ ފަންނީ މަޝްވަރާ އާއި ލަފާގެ ދަށުން، ފުލުހުން މިމައްސަލާގެ ތަހުގީގު ވީއެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާކުރަން ފޮނުވުމުގެ އަމުރެއް، މިއަހަރުގެ އޮކްޓޫބަރު 11 ވަނަ ދުވަހު ޕިޖީިން ނެރުއްވާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

އެގޮތުން މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނާއި ޕީޖީ އާއި ފުލުހުން ގުޅިގެން އެކުލަވާލީ ޓީމުން، މިހާތަނަށް 24 ފަރާތަކާއި ސުވާލުކޮށް 24 ބަޔާނެއް ނަގައި 5 ކުދިންނާއި ސުވާލު ކޮށް، މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކެއް މިހާރު ދެނެގަނެވިފައިވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

ކޮމިޝަނުން ބުނީ، ތަހުގީގު ފުރިހަމަކޮށް 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި، އަދި ޕީޖީން މައްސަލަ ބަލައިގަނެ ދައުވާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

މީގެއިތުރުން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއްވޭތޯ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް