ads
ރައީސް ގޮޓަބޭ ރާޖަޕަކްސަ، ބޮޑުވަޒީރު ކަމުގެ ފަތްކޮޅު ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އަށް އަރުވަނީ-- ފޮޓޯ: ރޮއިޓާޒް
ވެރިކަމުގައި ރާޖަޕަކްސަ ދެބެއިން، ދެން ވާނީ ކިހިނެއް؟
ސްރީލަންކާގެ ވެރިކަމުގެ އެންމެ އިސް ސަފުގައި މިވަގުތު ތިއްބެވީ އެއް އާއިލާއެއްގެ ދެބެއިންނެވެ. ނުފޫޒު ގަދަ ރާޖަޕަކްސަ އާއިލާއިން ވަނީ ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ހޯއްދަވާފަ އެވެ. މިއީ މީގެ ދިހަ އަހަރު ކުރިން އެގައުމުގެ ދިގު ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފަހަތުގައި ވެސް ވާ ދެބެއިންނެވެ.
Advertisement
ސްރީލަންކާގެ ވެރިކަމުގެ އެންމެ އިސް ސަފުގައި މިވަގުތު ތިއްބެވީ އެއް އާއިލާއެއްގެ ދެބެއިންނެވެ. ނުފޫޒު ގަދަ ރާޖަޕަކްސަ އާއިލާއިން ވަނީ ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ހޯއްދަވާފަ އެވެ. މިއީ މީގެ ދިހަ އަހަރު ކުރިން އެގައުމުގެ ދިގު ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފަހަތުގައި ވެސް ވާ ދެބެއިންނެވެ.

އުމުރުން 70 އަހަރުގެ ގޮޓަބޭ ރާޖަޕަކްސަ ރައީސްކަމަށް އިންތިހާބުވުމާއެކު، އުމުރުން 74 އަހަރުގެ ބޭބޭފުޅު ވަނީ ބޮޑުވަޒީރު ކަމަށް އައްޔަނު ކުރައްވާފަ އެވެ. އެއާއެކު މަހިންދަ ރާޖަޕަކްސަ ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރައްވާފަ އެވެ.

މަހިންދަ އަކީ 2005 އިން 2015 އަށް ލަންކާގެ ރައީސެވެ. ދެ ދައުރަށް ވުރެ ދިގު މުއްދަތެއްގައި ރައީސްކަން ނުކުރެވޭ ގޮތަށް ހެދުމުން، މި ފަހަރުގެ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވުނެވެ. އޭގެ ބަދަލުގައި ކުރީ ސަފަށް ނެރުނީ ކޮއްކޯފުޅު ގޮޓަބޭ އެވެ.

ގޮޓަބޭއަކީ މަހިންދަގެ ރައީސްކަމުގައި ޑިފެންސް ސެކެޓްރީ އެވެ. ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ދިގު ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޝަރަފު އެ ދެ ބެއިންނަށް ލިބުނު ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އިންސާނިއްޔަތާ ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.

ރާޖަޕަކްސައިންގެ މަގްބޫލުކަން

ރާޖަޕަކްސަ އާއިލާގެ ދެބެއިން ވަނީ ތަމަޅަ ޓައިގަރުން ބަލިކޮށް، ލަންކާ އެއްބައިވަންތަ ކުރުމުގެ ވިސްނުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު އެ ކާމިޔާބަށް ވާސިލްވެވުނީ ގުރުބާނީތަކާ އެކުގަ އެވެ. ހަނގުރާމަ ނިމުނު އިރު، މަދުވެގެން 100،000 މީހުން މަރުވެފައި ވެއެވެ. އަދިވެސް ބައެއް މީހުންގެ ހަށިތައް ފެނިފައެއް ނުވެ އެވެ.

ގެއްލުނު މީހުންނަށް އަނިޔާކޮށް މަރާލިކަމުގެ ތުހުމަތު ކުރެވެ އެވެ. ތަމަޅަ ޓައިގަރުން އަމާން ދިނުމުން ވެސް ލާއިންސާނީ ގޮތްތަކަށް އެމީހުންނާ މެދު އަމަލު ކުރި ކަމަށް ވެއެވެ. އެކަންކަމުގެ ހެކި ފެންނަން ހުރީ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. 2009 ގައި ހަނގުރާމަ ނިމުނު ފަހުން ވެސް އެތައް ބަޔަކު ގެއްލެމުން ދިޔަ އެވެ.

ގެއްލުނު މީހުންގެ ތެރޭގައި ނޫސްވެރިންނާއި، ވިޔަފާރިވެރިންނާއި އިދިކޮޅު ސިޔާސީ މީހުން ހިމެނެ އެވެ. އެކަމަކު އެކަންކަމާ އޭރުގެ ސަރުކާރާ ގުޅުމެއް ނެތް ކަމަށް ބުނެފައި ވެއެވެ. އަދި މަހިންދަ އާއި ގޮޓަބޭއާ ދެކޮޅަށް ކުރަނީ ދޮގު ތުހުމަތު ކަމަށް އެ ދެ ބެއިން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކަށް ފަހު، ނިމިދިޔަ މައިތްރިޕާލާ ސިރިސޭނާގެ ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ވެއްޓުނެވެ. ލަންކާގެ މެޖޯރިޓީ ސިންހަޅަ ބުދިސްޓުންގެ ބޮޑު ތާއީދެއް ލިބުނީ ގޮޓަބޭ އަށެވެ. އެކަމަކު މުސްލިމުންނާއި، ތަމަޅައިން ވޯޓު ދިނީ ދެކޮޅަށެވެ.

ކުރިމަގު އޮތީ ކިހިނެއް؟

މުސްލިމުންނާއި ތަމަޅައިންގެ ތާއީދު ގޮޓަބޭއަށް ނެތުމާއެކު، ކުރިއަށް އޮތް ސަރުކާރުގައި އެމީހުންނަށް ދިމާވާ ދަތިތައް އިތުރަށް ފުޅާވެގެން ދިޔުމުގެ ބިރު އެބަ އޮތް ކަމަށް އެމީހުން ދެކެ އެވެ. އެކަމަކު ގޮޓަބޭގެ ފުރަތަމަ ރިޔާސީ ހިތާބުގައި ވަނީ ހުރިހާ ރައްޔިތުންގެ ލީޑަރަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެންމެ ބޮޑު އިސްކަމެއް ދީގެން އާ ސަރުކާރުން ގެންނާނެ ބަދަލަކީ ގާނޫނު އަސާސީއަށް ގެނެސްފައިވާ 19 ވަނަ އިސްލާހު އުވާލުމެވެ. އެ އިސްލާހަކީ ރިޔާސީ ދައުރު ދެ އަހަރަށް ވުރެ ދިގު ނުވާނެ ގޮތަށް ހެދި އިސްލާހެވެ.

ގޮޓަބޭ ރައީސްކަމަށް ވަޑައިގެންނެވުމާއެކު، އެމަނިކުފާނާ ދެކޮޅަށް ކުރި ކޮރަޕްޝަނުގެ ތުހުމަތު ނުބެލުމަށް ވެސް ވަނީ ނިންމާފަ އެވެ. އެއީ ރައީސަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ދަށުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އާ ސަރުކާރުގެ ދަށުން ލަންކާގެ އިންސާނީ ހައްގުތަކުގެ ހާލަތު ދާނީ ދަށަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް