އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފާއިތުވި ހަތަރު ހަފްތާ ކުރިއަށް ބަލާއިރު ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ ހަ އިންސައްތައިގައި ކަމަށެވެ.
އޭގެ ފަހުން ހަތް ޕަސެންޓުން ނުވަ ޕަސެންޓަށް އަދި މިހާރު އެ އަދަދު އެގާރަ ޕަސެންޓަށް އަރާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ ދުވަަހަކު ޕޮޒިޓިވްވާ މީހުންގެ އަަދަދުތައް އިތުރު ނުވިޔަސް ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކްތަކަށް ގޮސްގެން ހަދާއި ޓެސްޓުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެގޮތަށް އެކަން ދިމާވުމުން ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޑރ. ނަޒްލާ ވަނީ ފްލޫ ކްލިނިކްތަކަށް ބަލީގެ އަލާމާތް ހުއްޓަސް ބައެއް މީހުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ގޮސް ޓެސްޓްކުރުމަށް އެދެ އެވެ.