ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
ފަތުރުވެރިކަމުގެ ހިދުމަތްދޭ 70 އިންސައްތަ އެނދު ފުރާލެވިއްޖެ: މިނިސްޓަރު މައުސޫމް
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިތާ ހަތަރު މަސްދުވަސްތެރޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ 15،000 އެނދުގެ ތެރެއިން 70 އިންސައްތަ އެނދު ފުރާލެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ގެއްލުމުގައި ހިންގަމުން އަންނަ ތަންތަން ވީހާވެސް އަަވަހަށް ހުޅުވުން ކަމަށާއި، މިހާރު މަސައްކަތްކުރަމުން ދަނީ މާލޭގެ ގެސްޓްހައުސްތަކުގެ ވިޔަފާރި އަލުން ފެށުމަށް ކަމަށެވެ.

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖެއަށް ބޭރުގެ މާކެޓްތަކުން އޮންނަ އިތުބާރު ބޮޑުކުރަން ކަމަށާއި، އެގޮތުން އަންދާޒާކުރި ވަރަށް ވުރެވެސް އިތުރަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދާދިފަހުން ރާއްޖެއަށް ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވާޑް ކަމަށްވާ "ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލް" ގެ އެވާޑް ވަނީ ލިބިފައެވެ. އެވާޑް ލިބުމުގެ ސަބަބުން އަންނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމަށްފަހު، އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަކާއި އެއްގޮތަށް ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމަށް ހުއްދަ ދީފައިވާ އިރު، މިދިޔަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 60،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މަހުން މަހަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބައިލައްކަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް މިނިސްޓަރު މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް