ads
ޓޫރިޒަމް މިނިސްޓަރު މައުސޫމް--
މާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތް އެބަ ކުރަން: މިނިސްޓަރު މައުސޫމް
އަމާޒަކީ މިހާރު ގެއްލުމުގައި ހިންގަމުން އަންނަ ހިދުމަތްދޭ ތަންތަން ވީހާވެސް އަވަހަށް ހުޅުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރޭ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ މާލޭގެ ގެސްޓްހައުސްތަކުގެ ވިޔަފާރި ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވައިފަ އެވެ. އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ގެއްލުމުގައި ހިންގަމުން އަންނަ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ވީހާ ވެސް އަވަހަށް ހުޅުވުންކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ހަތަރު މަސްދުވަސްތެރޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ 15،000 އެނދުގެ ތެރެއިން 70 އިންސައްތަ ހުޅުވައިލެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްކޮޅުގައި އިތުރު އެނދުތައް ހުޅުވާލާނެ ކަމަށެވެ.

ދާދިފަހުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިފައިވާ އިރު، އަންނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާ އިރު، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމަށް ހުއްދަ ދީފައިވާ އިރު، އޮކްޓޯބަރު 15 އިން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދީފައިވެ އެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 60،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މަހުން މަހަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބައި މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް މިނިސްޓަރު މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް