މިއަހަރުގެ ކުރީކޮޅަށް ބަލާއިރު ޖިންސީ ގޯނާ އާއި ފުރައްސާރައިގެ އެތައް މައްސަލައެއް ފެންމަތިވެގެންދިޔަ އެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލުވުމުގެ އެތައް މައްސަލައެެއް ފެންމަތިވެގެންދިޔަ އެވެ. ޖެންޑާ މިނިސްޓްރީގެ އިހުމާލު އެކަންކަމުގައި އޮތް މިންވަރު ބޮޑުވެ، އެތައް ބަޔަކު އެ މިނިސްޓްރީ ދޮށަށް އެއްވެ، ނުރުހުން ފާޅުކުރަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން އޭރު ކުރިމަތިވި ފިއްތުންތަކާއެކު ފެނިގެންދިޔައީ އޭރު ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް، ފެބްރުއަރީ ހަ ވަނަ ދުވަހު، މަގާމުން އިސްތިއުފާ ދެއްވި މަންޒަރެވެ.