އިއްޔެގެ މަޖިލީހުންވެސް ފެނުނީ އެފަދަ މަންޒަރެކެވެ. މަޖިލިސް ފެށުނުއިރުވެސް އިވެނީ ހަމަ ކޯޅޭ އަޑެވެ. އެހެންނަަމަވެސް އެކޯޅުމަށް ސަމާލުކަން ނުދީ މަޖިލިސް ކުރިއަށް ގެންދެވޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވިތަން ފެނެއެވެ. އެހެންނަމަވެސް އެންމެ ފަހުން އެކަން އެގޮތަށް ވާން ނެތުމުން ފެނުނީ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ނަން އިއްވާ ބޭރުކުރިތަނެވެ.
ކޯފާ އިސްކުރައްވާ ކިތަންމެ ބާރަށް ހަޅޭލެވި ނަމަވެސް މަޖިލީހުން ދާން މެމްބަރު ބޭނުމެއް ނުވިއެވެ. އަދި އެގޮތަށް މަޖިލީހުގެ އެތަށް ވަގުތެއް ބޭކާރުވެގެން ގޮސް މަޖިލީހުގައި މަސައްކަތްތައް ކުރެވެން ފެށުނީ އެއް ގަނޑިއިރުވެސް ވީފަހުންނެވެ. މިއީ އެންމެ ދުވަހެއްގެ ތަމްސީލެއް ނޫނެވެ. މިއީ ހަމަ މަދުން ނޫނީ މަޖިލީހުން ފެނި ނުދާނެ މަންޒަރެކެވެ. ސުވާލަކީ ރައްޔިތުންގެ ހައްގުތަަކަށް ވަކާލާތުކުރަން އޮތްތަނެއްގައި މިބޭފުޅުންގެ ޒާތީ މައްސަލަތަކުން އުފެދޭ ހަމަނުޖެހުންތަކުގައި އެކަކު އަނެކަކުގެ ކިބައިން ބަދަލު ހިފުމުގައި ވަގުތަތައް ބޭކާރު ކޮށްލެވޭނަމަ ރައްޔިތުންގެ ހައްގުތަކާއި ކަންބޮޑުުވުންތަކަށް ހައްލު ހޯދައިދެވިދާނެތޯ ކުރެވޭ ސުވާލެވެ.
މަޖިލީހުގެ ގިނަ ވަގުތުތަކެއް ދަނީ އެ ބޭފުޅުންގެ މިފަދަ ކޯޅުންތަކެއްގައެވެ. ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ތިއްބަވާ މިފަދަ ބޭފުޅުންގެ ޑްރާމާތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް މިދައްކާ ދެވެނީ ރީތި މަންޒަރެއް ތޯއެވެ.