މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި
މިއަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ޑިސެމްބަރު 2019 ގެ ނިޔަލަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އަމާޒަކަށް ހެދީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށެވެ. އެހެންކަމުން އަހަރު ނިމުމުގެ 38 ދުވަސް ކުރިން އަމާޒަށް ވާސިލްވެވުނު ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފަ އެވެ. (މި އަހަރު އައި ފަތުރުވެރިންގެ އަދަދު ހިމަނާލާ)
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިންގާ ފޭސްބުކް ޕޭޖުގެ ސަމާލުކަން
އަހަރު ފަށައިގެން މާ ގިނަ ދުވަސްތަކެއް ނުވެ ފެންމަތިވެގެން ދިޔައީ ހދ. ހޮނޑާފުށީ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު ކަނޑާލި މައްސަލައެކެވެ. އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ރިސޯޓުގެ ސާވިސް ޗާޖުގެ މައުލޫމާތު އާންމުކުރުމާއި ގުޅިގެން ރިސޯޓުން އެ މުވައްޒަފު ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނުމާއި އެކު، އޭރުގެ މިނިސްޓަރު އަލީ ވަހީދު ވަނީ ހޮނޑާފުށި ރިސޯޓްގެ މި މައްސަލަ ބަލައި ރިސޯޓް ހިންގާ ފަރާތްތަކާއި ބައްދަލު ކުރައްވާނޭ ކަމަށް ވިދާޅުވެފަ އެވެ.
"ރިސޯޓް ބޯއީސް" ގެ ނަމުގައި ހިންގަމުން އަންނަ އެ ޕޭޖްގައި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަންނަނީ ރިސޯޓްތަކުން އެ މުވައްޒަފުންނާއި ދޭތެރޭ އަމަލުތައް ބަހައްޓަމުން އަންނަ ގޮތް ކިޔައިދެމުންނެވެ.
ކޮވިޑް-19 މުޅި ދުނިޔެ ވަކި ހިއްޕާލާފައި، ސީދާ ދަތުރުތައް ހުއްޓާލައި ބުކިންތައް ކެންސަލް ކޮށްލަން މަޖުބޫރުވި
ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި އުންމީދުތަކެއް ކޮށް 2020 ވަނަ އަހަރު ފަށައިގެން މަސްދުވަސް ނުވަނީސް އިވިގެން ދިޔަ ހަބަރަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަދާފައިވާ ދެހާހަށް ވުރެ ގިނަ ބުކިން ކެންސަލްކޮށްލި ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ހަބަރެވެ.
އަހަރު ފަށައިގެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ބުކިން ހަދާފައިވަނީ ޗައިނާ އިން ކަމަށްވާ އިރު، އެ ގައުމުން އެކަނިވެސް 1،466 ބުކިން ހަދާފައިވާ ކަމަށާއި އެ ހުރިހާ ބުކިން އެއް ކެންސަލްކޮށްފައިވާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެހާ ގިނަ ބުކިންތައް ކެންސަލްކޮށްފައިވަނީ އެދުވަސްކޮޅު ޗައިނާގެ ވޫހާންގައި ހަލުވިކަމާއި އެކު ކޮވިޑް-19 ބާރަށް ފެތުރި، ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެން ފެށި ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ފެބްރުއަރީ 26 އިން ފެށިގެން ރާއްޖެއަށް ކްރޫޒް ލައިނާތަކަށް ނާދެވޭ ގޮތް ސަރުކާރުން ހަދާފައިވާ އިރު، އޭގެ ސަބަބުން ވިހި ހާހަށްވުރެ ގިނަ ބުކިންތައް ކެންސަލް ކުރަން ޖެހުނެވެ.
އެއާއި އެކު ރާއްޖެ އާއި ގައުމުތަކާއި ދެމެދު އޮތް ސީދާ ދަތުރުތައް މެދުކަނޑާލައި، މާޗް 27 ގައި ރާއްޖެ ފުރަބަންދަކަށް ގެންގޮސްފައިވެ އެވެ.
ފަހަރަކު ރިސޯޓަކާއި ގެސްޓްހައުސެއް ބަންދުކޮށް، އެ ވިޔަފާރިތަކަށް އަސަރުކުރަން ފެށުން
މީގެ ކުރިން ރާއްޖެއަށް މިފަދަ ދަތިކަމެއް ކުރިމަތިވެފައިވަނީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ކާރިސާ އާއި ގުޅިގެންނެވެ. ޖެހިގެން އައި 2005 ވަނަ އަހަރުގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ 36 އިންސައްތަ ދަށަށް ގޮސްފައެވެ. އެއަށްފަހު 2008 ވަނަ އަހަރާއި 2009 ވަނަ އަހަރުގައިވެސް މިފަދަ ދަތިކަމަކާއި ދިމާވިއެވެ. އެއީ އެމެރިކާ އާއި ޔޫރަޕުގެ ގިނަ އިގްތިސާދުތަކަށް ކުރިމަތިވި މާލީ ކާރިސާގެ ސަބަބުން އައި ހީނަރުކަމާއި ގުޅިގެންނެވެ. އެފަހަރު ރާއްޖޭގެ އިގްތިސާދު ހަތަރު އިންސައްތަ ދަށަށް ދިޔައެވެ.
ދެން އަޅުގަނޑުމެން ކުރިމަތިލީ ކޮވިޑް-19 އާއި އެވެ. ބޭރުގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ ސަރުކާރުން ވަނީ ބޭރުގެ ބޮޑެތި މާކެޓް އޮންނަ ގައުމުތަކުން ރާއްޖެ އެތެރެވުން މަނާކޮށް ބޮޑެތި ފިޔަވަޅުތައް އަޅައިފަ އެވެ. ރިސޯތުތަކުގައި އުޅޭ ފަރާތްތަކުން ރަށްރަށަށް ދިއުމާއި، ރަށްރަށުން ރިސޯޓްތަކަށް ދިއުންވެސް ވަނީ މަނާކޮށްފަ އެވެ. އެއާއި އެކު ރާއްޖޭގެ ބޮޑެތި ރިސޯޓްތައް ހިމެނޭ ގޮތަށް ގިނަ ރިސޯތްތައް ބަންދުކޮށްފައިވާ އިރު، ބައެއް ރިސޯޓްތަކުން ނޯޕޭ ލީވް ދީފައި މުވައްޒަފުން ފޮނުވާލާފައިވާ އިރު، އަނެއްބައި ރިސޯޓްތަކުން މުވައްޒަފުން ވަކިކޮށްފައިވެ އެވެ.
11،000 އަށް ވުރެ ގިނަ މުވައްޒަފުން ނޯޕޭ ލީވަށް، ބަލައިގަނެވޭނެ ކަމެއް ނޫން!
ވަގުތީ ގޮތުން ރިސޯޓްތައް ބަންދުކުރަން ފެށުމާއި އެކު، ފާހަގަވެގެން ދިޔަ ކަމަކީ ގިނަ ރިސޯޓްތަކުން މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާ އަދަދު އިތުރުވެފައިވުމެވެ. އަދި ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ބޮޑު ބައެއް ކަނޑައި، އަނެއް ބައި މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ ކަންތައްތައް ފާހަގަކޮށް އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.
އެގޮތުން އެ ޖަމިއްޔާ އިން އާންމުކުރި ލިސްޓެއްގައި ދައްކާ ގޮތުން ތިރީހަށްވުރެ ގިނަ ރިސޯޓުން މުވައްޒަފުން ނޯޕޭ ލީވްގެ ގޮތުގައި ފޮނުވާފައިވާ އިރު، 40 އަށް ވުރެ ގިނަ ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އުނިކޮށްފައިވެ އެވެ.
އެއާއި އެކު ސަރުކާރުން ވަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހަމަ މުސާރަ ދިނުމަށް އިލްތިމާސްކޮށް، މިފަދައިން އަމަލުނުކުރާނަމަ ކަމާއި ބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމަށް މުވައްޒަފުންނަށް އަންގައިފަ އެވެ.
އޭގެ އިތުރުން ސަރުކާރުން ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ހާއްސަ ލޯނުތަކެއް ދޫކުރަން ނިންމާފައިވާ އިރު، މުވައްޒަފުންނާއި މެދު ގޯސްކޮށް އަމަލުކުރާ ރިސޯޓުތަކަށް އެ ލޯނު އެހީ ނުލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރިސޯޓް އޯނަރުން އިސްވެ ހިންގާ މަޓީ އަށް ބޮޑެތި ފާޑުކިއުންތަކެއް
ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދުކުރަން ޖެހި، ގެއްލުންތައް ވަމުން އަންނަ އިރު، ގިނަ ރިސޯޓުތަކުން ވަނީ މުވައްޒަފުންގެ މުސާރައިން ބޮޑު އަދަދުތައް އުނިކޮށް، ބައެއް މުވައްޒަފުންނަށް ނޯޕޭ ލީވް ދީފައި ފޮނުވައިލާފަ އެވެ. އެކަމާއި ގުޅިގެން ސަރުކާރުން ވަނީ އެހީގެ ޕެކޭޖުތައް ކަނޑައަޅައިފަ އެވެ. އެއާއި ވިދިގެން ރިސޯޓް އޯނަރުން ނިސްބަތްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ސަރުކާރުން އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ އެފަރަތާއި މަޝްވަރާ ކުރުމެއް ނެތި ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ.
އެކަމާއި ގުޅިގެން ގިނަ ފަރާތްތަކަކުން މަޓީގެ ބަޔާނަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައިވާ އިރު، އޭގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ. އެގޮތުން ގިނަ ބައެއް ވަނީ ރިސޯޓް މުވައްޒަފުންނަށް ނޯޕޭ ލީވް ދީފައި ފޮނުވާލާފައި ވަނީ ސަރުކާރުގެ މަޝްވަރާއާއި ލަފާ ހޯދައިގެންތޯ ނުވަތަ ސަރުކާރާއި މަޝްވަރާ ނުކޮށް އޯނަރުން އެގޮތަށް ނިންމި ނިންމުމަކީ އެއީ ރަނގަޅަށް ނިންމި ނިންމުމެއްތޯ ސުވާލު އުފައްދައިފަ އެވެ.
އެއާއި އެކު އެންމެ ފާހަގަވެގެން ދިޔައީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން އުފެއްދި ޖޮބް ސެންޓަރަށް ގިނަ ފަރާތްތަކުން ރިޕޯޓްކުރުމެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގިނައިން ހިމެނިފައިވެއެވެ. އެއީ ނޯޕޭ ލީވް އާއި މުސާރަ އިން ބައެއް އުނިކޮށްފައި ތިބި ގިނަ މުވައްޒަފުންތަކެކެވެ.
އާ އުންމީދުތަކަކާއި އެކު ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވާން ފެށުން
ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ދެ ދާއިރާއެއްގެ މައްޗަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ އިރު، ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަލުން ފަތުރުވެރިކަން ފެށުމަށް ތައްޔާރީތަކެއް ވެފައިވެ އެވެ.
އެންމެ ފާހަގަކޮށްލެވެނީ މިކަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަދާކޮށްފައިވާ ދައުރެވެ. އެގޮތުން އެމްއެމްޕީއާރުސީ އިން ވަނީ ބޭރު ފަތުރުވެރިންގެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ވާޗުއަލްކޮށް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އެއަށްފަހު އެޗްޕީއޭ އިން ވަނީ ވަކި ހަމަތަކަކާއި އެކު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓްތަކަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެޗްޕީއޭ އިން ބުނާ ގޮތުގައި މޮނިޓަރިންގެ ހާލަތު ނެތް ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތުން ނެގި ފަހުން ސާދަ ދުވަސް ހަމަވެފައިވާ ރަށްރަށުގައި ތިބި މުވައްޒަފުންނަށް ރިސޯޓްތަކަށް އަނބުރާ ދިއުމަށް ހުރަހެއް ނެތެވެ.
ދެން އިވުނު ހަބަރަކީ ޖުލައި މަހުގައި ގިނަ ރިސޯޓްތައް ހުޅުވާނެ ކަމުގެ ހަބަރެވެ. އެގޮތުން ޖޫން 25 ގައި އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވަކި ހަމަތަކެއްގެ މަތިން ޖުލައި 15 ގައި ރިސޯޓްތައް އަލުން ހުޅުވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށާއި، އެގޮތުން 41 ރިސޯޓެއް އަލުން ހުޅުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ޖުލައި މަހުގައި ނުހުޅުވޭނެ ބައެއް ރިސޯޓުތައް އޮގަސްޓް މަހުގައި ހުޅުވާނެ ކަމަށާއި، ޖުލައި މަހުގައި ގިނަ ރިސޯޓްތައް ހިންގަން ފަށާނެ ކަމަށް ވިދާޅުވެފަ ވެއެވެ.
ޖުލައި 15 ގައި އަލުން ބޯޑަރުތައް ހުޅުވައިލުން
ވަކި ހަމަތަކަކާއި އުސޫލުތަކާއި އެއްގޮތަށް ސަރުކާރުން ވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލަން ނިންމައިފަ އެވެ. ޖުލައި 15 ގައި ބޯޑަރުތައް ހުޅުވައިލުމާއި އެކު، ބާރަ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ބޯޑަރު ހުޅުވާ ދުވަހުން ފެށިގެން ރިސޯޓްތައް ހިންގަން ފަށާއިރު، އެޗްޕީއޭ އިން ވަނީ ރިސޯޓްތައް ހިންގަން ވަކި ހަމަތަކެއް އެކުލަވާލައިފައެވެ.
އާ އުންމީދަކާއި އެކު ފަތުރުވެރިކަން އަލުން ކުރިއަށް
ސަރުކާރުން ޖުލައި 15 ގައި ބޯޑަރު ހުޅުވައިލަން ނިންމި ނިންމުމާއި އެކު، އެޗްޕީއޭގެ އިތުރުން ކަމާއި ބެހޭ ފަރާތްތަކުން ވަނީ ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެފަ އެވެ. ވަކި ހަމަތަކެއް އެކުލަވާލުމަށް ފަހު، އާ އާންމު ހާލަތުގައި މަރުހަބާ ކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން އެއާޕޯޓުން ފެށިގެން ރިސޯޓުތަކުން އަމަލުކުރަން ޖެހޭ ވަކި ހަމަތަކެއް އެކުލަވާލާފައިވާ އިރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ރިސޯޓްތަކަށް ހުއްދަތައް ދޫކުރަމުންދެ އެވެ.
ޖުލައި 15 ގައި ބޯޑަރު ހުޅުވައިލުމާއި އެކު، ދިވެހި ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ އާ އުއްމީދުތަކަކާއި އެއްކޮށެވެ. ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖަހައި، ކުރިން އޮތް ހިސާބަށް ގެންދިއުމަށް އަމާޒުކޮށްގެންނެވެ.
މަހުން މަހަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފެށި، އަދިވެސް ކަންބޮޑުވުންތައް އެބަހުރި
ފުރަބަންދަށް ފަހު ބޯޑަރު ހުޅުވާލި ފަހުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމެވެ. ބޯޑަރު ހުޅުވާލިތާ ފުރަތަމަ ފަނަރަ ދުވަހު 1،700 އާއި ހަމައަށް ފަތުރުވެރިން އައިސްފައިވާ އިރު، އޮގަސްޓް މަހު 7،600 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވެ އެވެ. ސެޕްޓެމްބަރު މަހު 9،500 އެއްހާ ފަތުރުވެރިން އައިސްފައިވާ އިރު، އޮކްޓޯބަރު މަހު އޭގެ ދެގުނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ. ނޮވެމްބަރު މަހުގެ ތެރޭ 30،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، މި މަހުގެ ފުރަތަމަ ހަތް ދުވަސްތެރޭ 14،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.
މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލިފައިވާ އިރު، އިތުރު ދަތިތަކަކާއި ކުރިމަތިލާން ޖެހުނީ ކަނޑިންމަ ރިސޯޓްގައި މަސައްކަތްކުރަމުން އައި މުވައްޒަފަކަށް ކޮވިޑް-19 ޖެހިގެން އޭނާ ދުނިޔެ ދޫކޮށް ދިޔުމާއި ގުޅިގެންނެވެ. އެހިސާބުން އެޗްޕީއޭގެ ޓީމެއް ގޮސް ބެލި ބެލުމުން އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަން އައި ބައެއް ފަތުރުވެރިންނާއި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވަނީ ކޮވިޑް-19 ޖެހިފައި ކަން އެނގުނެވެ. އޭގެ ދުވަސްތަކެއް ފަހުން ދެން ފެނިގެން ދިޔައީ ކަނޑިންމަ ރިސޯޓްގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކުރި މަންޒަރެވެ.
ކަނޑިންމައިގެ އިތުރުން އެހެން ރިސޯޓްތަކުން ވެސް ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ އިރު، ރިސޯޓް މުވައްޒަފުންނާއި ފަތުރުވެރިންނަށް ކޮވިޑް-19 ޖެހިފައިވާ އަދަދު އިތުރުވެފައިވާތީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާ ކަމަށްވާ ޓީމް އިން ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ލިބިގެން ދިޔަ
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، ދިވެހި ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދިނީ މި އަހަރުގެ ދުނިޔޭގެ ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް "ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް" ގެ އެވޯޑް ލިބުމުންނެވެ. މިއީ ރާއްޖެއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރު ކަމަށްވާ އިރު، މި އެވޯޑްގެ ސަބަބުން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ވަޒީރު ކުރައްވާ އުންމީދު ބޮޑު
މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެނައުމުގެ އުންމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ލިބުމުގެ ސަބަބުން ބޭރުގެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި، އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިއުމަކީ އެންމެ ބޮޑު އުންމީދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާއެކު މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.
ސަރުކާރުން މިއަހަރު ފަހުން ކަނޑައެޅި އަމާޒުތަކަށް ވާސިލުވުމާއި ގާތަށް
ބޯޑަރު ހުޅުވާލި ފަހުން ސަރުކާރުން ވަނީ އަހަރު ނިމުމުގެ ކުރިން ބައިމިލިއަން ފަތުރުވެރިން ހަމަކޮށް، ބޯޑަރު ހުޅުވާލުމަށް ފަހު މި މުއްދަތުގެ ތެރޭގައި އެއް ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފަ އެވެ. ބޯޑަރު ހުޅުވާލި ފަހުން 100،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، މި މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ތެރޭ 18،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ.
2020 ވަނަ އަހަރު ޖުމްލަ ގޮތެއްގައި ފަތުރުވެރިކަން
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދަތިތައް ދިމާވެފައިވާ އިރު، ފަތުރުވެރިކަމަށްވެސް އޭގެ އަސަރު ވަނީ ކޮށްފައެވެ. ރިސޯޓާއި ގެސްޓްހައުސް ވިޔަފާރިތައް ބަންދު ކުރަން ޖެހި، ސިނާއަތަށް އޭގެ ގެއްލުން ފޯރާފައިވާ އިރު، އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމަށް ކުޑަ ކުރިއެރުމެއް އައިސް، ޝަރަފުވެރި އެވޯޑެއް ލިބިފައިވުމަކީ އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރެވޭ އުންމީދު އާވެގެން ދިޔަ ކަމެކެވެ.