މާލޭގައި އަވަށު ވާދައިގަ ކްލަބުތައް އުފެދި ފުޓްބޯޅައިގެ ފޯރި އޮތް ދުވަސް މިހާރު އެއީ މާޒީއެވެ. މުޅި ރާއްޖޭގައިވެސް އެންމެ ސަޕޯޓަރުން ގިނަ އެންމެ ބޮޑު ދެ ކްލަބުކަމަށްވާ ނިއުރޭޑިއަންޓާ ވިކްޓަރީ އިނދަޖައްސައިލީ ފުޓްބޯޅަ އެސޯސިއޭޝަން މިހާރު ހިންގަން ތިބި މީހުންނޭ ބުނެ، އެކަމުގެ ބަހުސެއް ފަށާކަށް ނެތީމެވެ. އެކަމަކު ދިވެހި ލީގުގެ ވާހަކަ ދައްކައިލާން އެބަޖެހެއެވެ.
ދެހާސް ސަތާރަވަނަ އަހަރު، މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމަށް ދިވެހި ލީގުން ފުރުސަތު ދިނުމުން ރާއްޖޭގެ ހަތަރު ސަރަހައްދަކުން ޓީމުތައް ކޮލިފައިވެއެވެ. އުތުރުން ށ. މިލަންދޫ، މެދު ރާއްޖެތެރެއިން އއ. މާޅޮހާ ދ. ކުޑަހުވަދޫ އަދި ދެކުނުން ގދ. ތިނަދޫ ކޮލިފައިވީ އަތޮޅު މުބާރާތާއި ޒޯން ކުޅެ އޭނގެ ފަހުން ފައިނަލް ބުރުގެ އެންމެ ގަދަ ޓީމުތަކުގެ ގޮތުގައެވެ. މި ހަތަރު ޓީމުގައި އަތޮޅު މުބާރާތްތަކުން ކެޓި ޓީމުތަކުގެ ކުޅުންތެރިންނާ އަދި މާލޭގައި ތިބި އަތޮޅުތަކުގެ ކުޅުންތެރިންނާ އެކު ބިދޭސީ ކުޅުންތެރިން ވެސް ހިމެނި ވަރުގަދަ ޓީމުތަކެއް ހެދިއެވެ. ރާއްޖޭގެ ނަން މަޝްހޫރު ކޯޗުން މި ޓީމުތަކާ ހަވާލުވެ އެއްވަނަ ޑިވިޝަނުގައި ނަން ހިނގާ ޓީމުތަކަށް ސިހުން ގެނުވާނެ ނަތީޖާތައް ނެރުނެވެ.
ދެހާސް ސަތާރަވަނަ އަހަރުގައި ގދ. ތިނަދޫ ޓީމުން އަދި ށ. މިލަންދޫ ޓީމުން މާޒިޔާއާ އެއްވަރުކުރި މެޗަކީ ފޯރި ގަދަ މެޗުތަކެކެވެ. ގްރީން ސްޓްރީޓްސް ވެސް އަދި ޓީސީ ވެސް މިލަންދޫ އަތްދަށުވިއެވެ. ދެހާސް އަށާރަވަނަ އަހަރު ލީގުގައި އަތޮޅު ތެރޭން އައީ ފޯކައިދޫއާ ނިލަންދޫ އަދި ތިމަރަފުށްޓާ ފެހެންދޫއެވެ.
ކުރީ އަހަރެކޭ އެއް ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އައި ޓީމުތަކާ އެކު ގަލޮޅު ދަނޑުގައި އެންމެ ފޯރިގަދަކޮށް ދިޔައީ އަތޮޅުތަކުގެ ޓީމުތަކާ މާލޭގެ ބޮޑެތި ޓީމުތަކުގެ މެޗުތަކެވެ. ދިހަ ޓީމުގެ ލީގުގައި ގަދަ އަށެއްގެ ތެރޭގައި އަތޮޅުތަކުގެ ޓީމުތަކުގެ ތެރެއިން ފޯކައިދޫއާ ނިލަންދޫ ހިމެނެވެ. ނިލަންދޫ ނިންމާލީ ހަވަނައިގަ އެވެ. ފޯކައިދޫ އަށްވަނައިގައެވެ.
އަތޮޅުތަކުގެ ޓީމުތަކުން މާލެ އައިސް މެޗުތައް ކުޅުނީ ވަރަށް ގިނަ ގޮން ޖެހުންތައް ކަޑައްތަ ކުރުމަށް ފަހުއެވެ. ކުޑަހުވަދޫން ފުރަތަމަ އަހަރު، ކޮންމެ މެޗަކަށް ވައިގެ މަގުން މާލެ އައިސް، މެޗު ނިންމާފައި ހަމަ އެރޭ ކަނޑުމަގުން ބޯޓެއްގައި އަށްގަޑި އިރު ނުވަތަ ނުވަގަޑިއިރު ކުރި ދަތުރު، އެފްއޭއެމްގެ ތެރޭގައި ފިނި ކޮޓަރީގައި ތިބޭ މީހުންނަށް ފަހަރުގައި ނޭނގިދާނެއެވެ.
އަތޮޅުތަކުގެ ޓީމުތަކުން ވެސް ދުރާލައި އެތައް ތައްޔާރީއެއްވެ ކުޅުންތެރިން ހޯދައި އެތައް މަސައްކަތެއް ކުރަމުން ދަނިކޮށް، ކުއްލި އަކަށް ބޮޑު ހައެއްކަ ކްލަބުގެ މަންދޫބުން އެއްވެލާ އަތޮޅުތަކުގެ ޓީމުތައް ބާކީކޮށްލުމަކީ އިންސާފެއް ނޫނެވެ. އެތައް ކުޅުންތެރިންނަކަށް އެތައް ފުރުސަތެއް ގެއްލިގެން ދިޔައިރު އެކަމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ވަޒީރުގެ ބަހެއް ވެސް ނީވުނެވެ. މަޖިލިސް މެންބަރުންވެސް ތިބީ ހަނެވެ. އަތޮޅުގެ ޓީމުތައް ލީގުން ބާކީކޮށް އަތޮޅުތަކުގެ ޓީމުތައް ކުރިއެރުވުމުގެ ނަމުގައި ކޮންމެ ޓީމަކަށް ފަސް ފުޓްބޯޅަ ހަދިޔާ ކުރުމަކީ ޖޯކެކެވެ.
އެންމެ ފަހުން ނިމުނު ލީގުގައިވެސް އަތޮޅު ތެރޭން އައި ފޯކައިދޫއާ ނިލަންދޫ ގަދަ އަށެއްގެ ތެރެއިން ފުރުސަތު ހޯދިއެވެ. ފޯކައިދޫ ހަވަނައިގެ ނިންމާލިއިރު، އަތޮޅުތަކުގެ ޓީމުތަކުން އައި ކުޅުންތެރިންނަށް ބޮޑެތި ކްލަބުތަކުގެ ލޯ އަމާޒުވެ ބައެއް ކުޅުންތެރިންނަށް ފުރުސަތުވެސް ލިބުނެވެ. މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެއީ އަނެއްކާވެސް މާޒީއެވެ. ދިވެހި ލީގުގެ ނަން ކީނަމަވެސް މިއީ ދިވެހި ލީގުތޯ ނުވަތަ މާލޭ ލީގުތޯ ސުވާލު އުފެދެނީ އެހެންވެއެވެ.